ވޯލްޑް
ޓްރެވަލް އެވޯޑްސްގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަނޭޝަނަލް
އެއާޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވާކަން އެމްއޭސީއެލްއިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް
އެއާޕޯޓް ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް
2026" ގެ ކެޓަގަރީއަށެވެ. މީގެ ކުރިން 12 ފަހަރު މި ލަގަބު ހޯދާފައިވާ އެ އެއާޕޯޓަށް މިފަހަރު ލިބުނު ނޮމިނޭޝަނަކީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި
ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއާޕޯޓުގެ ގޮތުގައި އެ ދަމަހައްޓަމުން އަންނަ މަގާމު ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި، އެ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ފާހަގަކުރި އެވެ.
މާމަހި އެގްޒެކެޓިވް ލައުންޖް
ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް ލައުންޖް
2026" އަށެވެ. މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި އަރާމު ހިދުމަތްތަކެއް
ފޯރުކޮށްދިނުމަށް އެ ލައުންޖުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް ތައާރަފްކުރީ 1993 ވަނަ އަހަރު އެވެ. އެއީ ދަތުރުފަތުރާއި ޓޫރިޒަމް ދާއިރާގައި ދުނިޔޭގެ
ފެންވަރުގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.