ދިވެހި ފުޓްބޯޅައިގައި މާޒިޔާގެ ފިޔަ ފަޅައި
އުދުއްސައިގަތްއިރު ކަޕްވިނާސް އޮތީ ކަލަންޑަރުން ފޮހެވިފަ އެވެ. އެހެންކަމުން
ގަދަ ބާރެއްގެ ގޮތުގައި އެ މުބާރާތުގައި ފެންވަރު ދައްކާލުމުގެ ފުރުސަތެއް އެ
ޓީމަށް މިހާތަނަށް އޮތީ ނުލިބި އެވެ. އެކަމަކު އާދައިގެ ޓީމެއްގެ ގޮތުގައި އޮތްއިރު
މާޒިޔާ އިން 1999 ވަނަ އަހަރުގެ ކަޕްވިނާސް ކަޕުގައި ވާދަކުރި އެވެ. އެއީ އެ
ޓީމުން ފަހުން ހޯދި ކާމިޔާބީތަކާ ބަލާއިރު މާބޮޑު ބުރަދަނެއް ހުރިކަމެއް ކަމަށް ހީނުވެދާނެ
އެވެ. އެކަމަކު ހަގީގަތަކީ ދިވެހި ފުޓްބޯޅައިގައި މާޒިޔާގެ ވިދުވަރު އެންމެ ފުރަަތަމަ
ދައްކާލީ ވެސް އަދި އެ ޓީމުގެ ތާރީހަށް ބަލާއިރު އެންމެ ހާއްސަ ފެނިލުމަކީ އެ ފަހަރުގެ
ކަޕްވިނާސް ކަޕް ކަމެވެ.
މިހާރު ސޯޝަލް ސެންޓަރު ހުރި ބިމުގައި ހަން
ބޯޅައިން ފުޓްބޯޅަ ކުޅެމުން ދިޔަ، މާފަންނު ސަހަރާ ހިސާބުގަނޑުގެ ޒުވާން
ކުދިންކޮޅެއް އެއްވެ އުފެއްދި ކްލަބަށް، 1999 ގައި ކަޕްވިނާސް ކަޕުން ފުރުސަތު ލިބުނީ
އޭގެ ކުރީ އަހަރު، އެއްވެސް މެޗަކުން ބަލިނުވެ ދެ ވަނަ ޑިވިޝަން
ކާމިޔާބުކުރުމުންނެވެ. އެ ފަހަރު މާޒިޔާ އިން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމާ
ގާތަށް ވެސް ދިޔަ އެވެ. ރެލިގޭޝަނުގެ ފަހު މެޗުގައި އޯކިޑް ސްޕޯޓްސް އަތުން ކުޑަ
ތަފާތަކުން ބަލިވެގެން ވެސް ފުރަތަމަ ޑިވިޝަނަށް އަރަން އޮތް ޓީމަށް ފުރުސަތު
ގެއްލުނީ އެ މެޗުން 3-0 އިން ބަލިވުމުންނެވެ.
އެ ހިސާބުން މާޒިޔާގެ ކުޅުންތެރިންގެ ސޮއި
ހޯދަން ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކުން މަސައްކަތްކުރި އެވެ. އެކަމަކު
މުޅިން ވެސް އެ ސަރަހައްދަށް ނިސްބަތްވާ ކުޅުންތެރިން ތިބި އެ ޓީމުގެ އެއްވެސް
ކުޅުންތެރިޔަކު، އޭގެން ފުރުސަތެއްގެ ބޭނުމެއް ނުހިފި އެވެ. ސަބަބަކީ އޭރު އެ
ޓީމުގެ އެސިސްޓަންޓް މެނޭޖަރު އަދި މިހާރުގެ ޗެއާމަން އަހުމަދު ސާޖިދު ވިދާޅުވި
ގޮތުން ނަމަ މާޒިޔާ އަކީ އެ ކުޅުންތެރިން ކުޅެން ހެދި ޓީމަކަށް ވުމެވެ.

މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު (ކ) އާއި ސީނިއާ އޮފިޝަލް އަބްދުލްވައްހާބް ނޫސްވެރިންގެ ބައްދަލުވުމެއްގައި: އޭރު އަހުމަދަކީ ޓީމުގެ އެސިސްޓަންޓް މެނޭޖަރު، އަދި ވައްހާބަކީ ފޯވާޑެއް.
ފުރަތަމަ ޑިވިޝަނަށް އަރަން ކުރި މަސައްކަތުގައި
ކުރިމަތިވި ނާކާމިޔާބީއާ އެކު މާޔޫސްވި ނަމަވެސް މާޒިޔާ އިން ދެން ތައްޔާރުވީ އޭރު
ރާއްޖޭގައި ބާއްވަމުން ދިޔަ އެންމެ އަގުބޮޑު މުބާރާތް ކަމަށްވާ ކަޕްވިނާސް ކަޕަށެވެ.
އެ މުބާރާތުގައި ވާދަކުރަން ޖެހެނީ ނިއު ރޭޑިއަންޓް، ވިކްޓްރީ، ވެލެންސިއާ އަދި
ހުއްރިއްޔާއާ އެވެ. ހުސް ތަރިިންގެ ޓީމުތަކަށެވެ. ހުނަރަށް ބަލާއިރު އެ ޓީމުތަކާ
ވާދަކުރުން އުނދަގޫވާނެކަން މާޒިޔާ އަށް އެނގެ އެވެ. އެހެންވެ، އެ ޓީމުން ވަރަށް
ކުރިއާލައި ޕްރެކްޓިސް ފަށައި ފިޓްނަސް ރަނގަޅުކުރީ އެވެ.
"އަހަރެމެންނާ އަޅާބަލާއިރު މާޒިޔާގެ ބުންވަރު ވަރަށް
ރަނގަޅުވާނެ،" ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން
ވިކްޓްރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ވެސް އެކަން ފާހަގަކުރި އެވެ. "އެ
މީހުންނަކީ އެންމެ ކުރިން ޕްރެކްޓިސް ފެށި ޓީމު. އެންމެ ފިޓު ޓީމު އަދި އެންމެ
ކޮންޑިޝަން ރަނގަޅު ޓީމު."
ކަންދިމާކުރި ގޮތުން މާޒިޔާ އަށް ދެ ވަނަ ޑިވިޝަނުގައި
ކޯޗުކޮށްދިން ލިރުގާމް ސައީދު (ލަރޭ) އަކީ ވިކްޓްރީގެ ކުޅުންތެރިޔެކެވެ. އެކަމަކު،
ވިކްޓްރީން ނިންމީ މާޒިޔާ ކުޅޭ މެޗުތަކަށް އޭނާ ދޫކުރާށެވެ. އޭނާގެ ކޯޗުކަމުގައި
ނުކުމެ މާޒިޔާ އިން މެޗުގެ ކުރީކޮޅު ވިކްޓްރީ އަށް ބާރުބޮޑުކުރަން ފެށި އެވެ. ވިކްޓްރީގެ
ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދަށް މެޗު ފަށައިގެން ހަމަނޭވާއެއް ނުލެވެނީސް މާޒިޔާގެ
ފޯވާދް އަދި މިހާރުގެ ގޯލްކީޕަރު ޓްރެއިނަރު މުހައްމަދު ސުވެއިދު (ސުވޭޓޯ) ގެ ނުރައްކާތެރި
ޝޮޓެއް ފޮނުވާލި އެވެ. އޭގެ ފަހުން އިބްރާހީމް ޝާފިއު ވެސް ވިކްޓްރީ ހާސްކޮށްލި
އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގައުމީ
ޓީމުގެ އޭރުގެ ފޯވާޑް އިސްމާއިލް ވިލްދާން ވިކްޓްރީ އަށް ކުރި ހޯދައިދިނެވެ. ދެ
ވަނަ ހާފުގައި ވެސް މާޒިޔާ އިން ރަނގަޅަށް ކުޅުނު ނަމަވެސް ވިކްޓްރީން ހަނި
ގޮތަކަށް އެ މެޗު ކާމިޔާބުކުރި އެވެ.
"ހަގީގަތުގައި ވިކްޓްރީ ލަދުގަންނަން ޖެހޭނެ މި ނަތީޖާއާ ދޭތެރޭ،" މާޒިޔާ
އިން ދެއްކި ވަރުގަދަ ކުޅުމަށް އިޝާރާތްކޮށް ލަރޭ ބުންޏެވެ.

މާޒިޔާގެ މެނޭޖަރު އިބްރާހިމް ވަހީދާއި ޓީމުގެ ގޯލް ކީޕަރު ޓްރޭނަރު ސުވޭޓޯ (ވ): ސުވޭޓޯ އަކީ އޭރު ޓީމުގެ ފޯވާޑެއް. -- ފޮޓޯ: މިހާރު
ދެން އައީ މާޒިޔާގެ ތާރީހު ބަދަލުކޮށްލި
މެޗެވެ. ކުރީ ތިން އަހަރުގެ ކަޕްވިނާސް ކަޕުގެ ޗެމްޕިއަން އަދި އޭގެ ކުރީ އަހަރުގެ
ގައުމީ ޗެމްޕިއަން ވެލެންސިއާ އިން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު
ލަނޑު ޖެހުމާ އެކު އެ ޓީމު ފަސޭހަ ކަމާ އެކު މެޗު ކާމިޔާބުކުރާނެ ކަމަށް
ބެލެވުނެވެ. އެކަމަކު މާޒިޔާ އިން ދުލެއް ނުދިނެވެ. އެ ޓީމުގެ މިހާރުގެ ސީނިއާ
އޮފިޝަލް އަބްދުލްވައްހާބް (ވައްކޭ) ތަނަވަސްކޮށްދިން ފުރުސަތަކުން ޒުވާން ކުޅުންތެރިޔާ
އަހުމަދު ނާޒް (އާކޭ) ނަތީޖާ ހަމަހަމަކުރި އެވެ. އަދި މެޗުގެ އެންމެ ފަހު
މިނެޓުގައި އާކޭ ވައްދާލި ލަނޑާ އެކު ފަހަތުން އަރައި ވެލެންސިއާ ބަލިކުރި އެވެ.
"ކުރިންވެސް އަހަރެމެން ބުނިން ބޮޑު ޓީމަކަށް ލަނޑު ދޭނަމޭ. އެކަން މިއޮތީ
ވެފައި،" ލަރޭ ބުންޏެވެ.
އެއީ ފަހުން ވިކްޓްރީ، އައިއެފްސީ، ނިއު އަދި
ގައުމީ ޓީމަށް ވެސް މޮޅަށް ކުޅުނު އާކޭ ވިދާލި މެޗު ވެސް މެ އެވެ.
"މުޅި ހަޔާތުގައިވެސް އައި އެންމެ އުފާވެރި އެއް ދުވަސް
މިއީ،" އާކޭ ބުންޏެވެ.

މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ފަތޯ އުފާފާޅުކުރަނީ: މިހާރު މިއީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީމު. -- ފޮޓޯ: އެފްއޭއެމް/ އަދަދު
މި މޮޅާއެކު މާޒިޔާ އިން ފައިނަލުގެ
އުއްމީދުކުރި އެވެ. އެކަމަކު ޖެހިގެން އައި މެޗުން ހުއްރިއްޔާ އަތުން 3-1 އިން
އަދި ފަހު މެޗުން ނިއު އަތުން 1-0 އިން ބަލިވެ އެ ފުރުސަތެއް ނުލިބުނެވެ. އެހެންވިޔަސް
އެ މުބާރާތް މާޒިޔާ ނިންމާލީ މުސްތަގުބަލަށް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ.
"އަހަރެމެން ބޭނުންވަނީ ރާއްޖޭގެ އެންމެ މޮޅު ޓީމަށް ވާން،" އަހުމަދު
ބުންޏެވެ.
އެ އުއްމީދު މާޒިޔާ އިން މިހާރު ވަނީ ހާސިލްކޮށްފަ އެވެ. މިދިޔަ
10 ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގެ އެންމެ މޮޅު ޓީމަކީ ސުވާލެއް ނެތް ގޮތެއްގައި
މާޒިޔާ އެވެ. ފުރަތަމަ ޑިވިޝަނަށް 2007 ގައި އެރި ގޮތަށް ފަސް އެނބުރި ބެލުމެއް
ނެތި ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފި އެވެ. އޭއެފްސީ ކަޕުގައި ރާއްޖެ
ތަމްސީލްކޮށްފި އެވެ. ނިޒާމީ ގޮތެއްގައި ކްލަބް ހިންގުމުގައި ރާއްޖޭގެ އެހެން
ކްލަބްތަކަށް ނަމޫނާ ދައްކައިފި އެވެ. އެކަމަކު އެ ކްލަބުގެ ތަށި ހަރުގަނޑުގައި
އަދި އެއް ޓްރޮފީ މަދެވެ. އެއީ އެންމެ މޮޅު ޓީމަށް ވުމުގެ ހުވަފެން ދެކެން
ފުރުސަތު ލިބުނު މުބާރަތް ކަމަށްވާ ކަޕްވިނާސް ކަޕުގެ ޓްރޮފީ އެވެ. އެފްއޭއެމުން
18 އަހަރަށް ފަހު މި އަހަރު މުބާރާތް ބާއްވާއިރު މާޒިޔާ އަށް މިވަނީ އޭރު ފެށި ދަތުރު
ފުރިހަމަކުރަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ.