އަމީނީ މަގުގެ މަރާމާތުގެ މަސައްކަތަށް އިއްޒުއްދީން މަގާ ހިސާބުން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު ބަންދުކުރަން ނިންމި ނިންމުމާ އެކު، އައިޖީއެމްއެޗު އަދި ދަރުމަވަންތަ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރު ކައިރީ ބަސް ސްޓޮޕަށް ބަހުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އަމީނީ މަގުގެ ސެގްމެންޓް 1 މަރާމާތުގެ ކުރުމުގެ މަސައްކަތަށް މިރޭ 12:00 އިިން ފެށިގެން އަމީނީ މަގުގެ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކޮށްފައިވާ ކަމަށެވެ.
އެ ބަދަލާ ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފަ އެެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R10 އޯކިޑު ރޫޓުގެ ދަތުރުތައް ދަރުމަވަންތަ ބަސް ހުއްޓިއަށް މަޑުކުރުމުގެ ބަދަލުގައި ދެން މަޑުކުރާނީ ވެސްޓް ޕާކް ކައިރީގެ ބަސް ސްޓޮޕަށް ކަމަށެވެ.
އަމީނީ މަގުގެ މަރާމާތުގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރާއި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ބަސް ސްޓޮޕަށް R10 ރޫޓުގެ ބަސް މަޑުނުކުރާނެ އެވެ.
އެމްޓީސީސީން ބުނީ އެ މަސައްކަތް ނިމެންދެން R11 ރޫޓުގެ ބަަހުގެ ހިދުމަތް ވެސް މެދުކެނޑޭނެ ކަމަށެވެ. އަދި R1 އާއި R3 އަދި R7 އާއި R15 ރޫޓްތަކުން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މާލޭގައި މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށް ކަމަށާއި އެ ބަދަލާ ގުޅިގެން މަގު ހަދާ ނިމެންދެން އެ ރޫޓުތަކުން ފުޑްކޯޓޫ، ދަރުމަވަންތަ އަދި ވެސްޓް ޕާކް ބަސް ހުއްޓިއަށް މަޑުނުކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެެ.
ފުލުހުން ބުނެފައިވާ ގޮތުގައި މަގު ހެދުމުގެ މަސައްކަތް ފަށަނީ މާދަމާ އެވެ. އަދި އެ މަސައްކަތް ނިމޭނެ ތާރީހަކީ މި މަހުގެ 28 ކަމަށް ވާތީ އެ ދުވަހާ ހަމައަށް މަގު ބަންދުވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ވަނީ ހެދިފަ އެވެ. އެހެންވެ، އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ޖޫން މަހުގެ 15 ގައި ހަވާލުކުރީ އެމްޓީސީސީއާ އެވެ.