34 އަހަރަށް ފަހު ބްރައިޓަން ޕްރިމިއާ ލީގަށް
34 އަހަރަށް ފަހު ބްރައިޓަން ޕްރިމިއާ ލީގަށް

ލަންޑަން (އޭޕްރިލް 18) - އިނގިރޭސި ޕްރިމިއާ ލީގުން 34 އަހަރަށް ފަހު ބްރައިޓަން އެންޑް ހޯވް އަލްބިއަން ޖާގަ ހޯދައިފި އެވެ.

މި ވަގުތު އިނގިރޭސި ދެ ވަނަަ ޑިވިޝަން ޗެމްޕިއަންޝިޕްގެ އެއް ވަނައިގައި އޮތް ބްރައިޓަން އަށް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ޖާގަ ޔަގީންވީ ރޭ އެ ޓީމު ކުޅުނު މެޗުން ވިގަން އެތުލެޓިކް އަތުން 2-1 އިން މޮޅުވިއިރު، ދެ ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުން އިސްޕްވިޗް ޓައުން އަތުން 3-1 އިން ބަލިވުމުންނެވެ.

ބްރައިޓަން އެންމެ ފަހުން އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ވާދަކުރީ 1982-1983 ވަަނަ އަހަރުގެ ސީޒަނުގަ އެވެ. އަންނަ ހުކުރު ދުވަހުގެރޭ ނޯވިޗް ސިޓީ އަތުން މޮޅުވެއްޖެނަމަ ބްރައިޓަން އަށް ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ލިބޭނެ އެވެ. މިދިޔަ ސީޒަނުގައި ބްރައިޓަން އަށް ޕްރިމިއާ ލީގުގެ ޖާގަ ކެޓީ ފަހު މެޗުން މިޑްލްސްބަރާއާ އެއްވަރުވުމުންނެވެ.

މިދިޔަ 20 ވަރަަކަށް އަހަރު ތެރޭގައި ބްރައިޓަން އަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި އެވެ. އެހެން ނަމަވެސް 2009 ވަނަ އަހަރު ޓޮނީ ބްލޫމް ހަވާލުވި ފަހުން ބްރައިޓަން އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. ފާއިތުވި ތިން ވަރަކަށް އަހަރަށް ބަލާއިރު އެ ޓީމުންވަނީ ޓީމު ވަރުގަދަ ކުރުމަށް ބޮޑު ހަަރަދުތަކެއް ކޮށްފަ އެވެ.

ބްރައިޓަން ޕްރިމިއާ ލީގަށް ގެނެސްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ޓީމުގެ ކޯޗު ކްރިސް ހިއުޓަން އެވެ. ހިއުޓަން ބްރައިޓަންއާ ހަވާލުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އޭނާ ވަނީ މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑާއި ބާމިންހަމް އަދި ނޯވިޗަށް ކޯޗުކޮށްދީފަ އެވެ.

މި ސީޒަނުގައި ބްރައިޓަން އަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ ކުރިން ބޯންމައުތާއި ކްރިސްޓަލް ޕެލަސް އަށް ކުޅުނު ފޯވާޑް ގްލެން މަރޭ އެވެ. އޭނާ ވަނީ މި ސީޒަނުގައި 22 ލަނޑު ޖަހައިފަ އެވެ.

ބްރައިޓަން ވަނީ މި ފަހަރު ލީގުގައި މިހާތަނަށް ކުޅުނު 43 މެޗުގެ ތެރެއިން 28 މެޗުން މޮޅުވެފަ އެވެ. އޭގެ ތެރެއިން އަމިއްލަ ދަނޑުގައި ކުޅުނު 22 މެޗުގެ ތެރެއިން 17 މެޗުން މޮޅުވި އެވެ.

ބްރައިޓަންގެ އިތުރުން އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ޖާގަ ހޯދާނެ ކަމަށް ބެލެވޭ އަނެއް ޓީމަކީ ނިއުކާސަލް އެވެ. ދެން އޮތް ޖާގަ އަށް ވާދަކުރަމުން އަންނަ ޓީމުތަކަކީ ރެޑިން، ހަޑްލްސްފީލްޑް ޓައުން، ޝެފީލް ޔުނައިޓެޑް އަދި ފުލަމް އެވެ.