މޯލްޑިވްސް އިސްލާމިކް ބޭންކު
(އެމްއައިބީ) އަށް މި އަހަރުގެ ދެވަނަ ކުއާޓާގައި 111.46 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
އެމްއައިބީ އިން ބުނީ، އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާ ލއިރު ގާތްގަނޑަކަށް 16 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.
ދެވަނަ ކުއާޓާ ނިމުނު އިރު އެމްއައިބީގެ ޖުމްލަ އެސެޓް 19 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ ހަތަރު ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 44 ޕަސެންޓްގެ ކުރިއެރުމެކެވެ.
މި އަހަރުގެ ދެވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 170 މިލިއަން ރުފިޔާ ލިިބިފައިވާއިރު އެއީ ކުރީ ކުއާޓާއަށް ވުރެ ހަތަރު ޕަސެންޓްގެ އިތުރުވުމެކެވެ.
އެމްއައިބީއަށް ކަސްޓަމަރުން ޑިޕޮސިޓް ކުރި އަދަދަަށް ވުރެ ވެސް ވަނީ ފަސް ޕަސެންޓަށް އިތުރުވެ 16 ބިލިއަން ރުފިޔާއަށް އަރައިފް އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 43 ޕަސެންޓްގެ އިތުރުވުމެކެވެ.
މި އަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ބޭންކަށް 284 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރު ދެވަނަ ކުއާޓާއަށް ވުރެ 32 ޕަސެންޓް އިތުރު އަދަދެކެވެ.
އެމްއައިބީއިން ބުނީ، އާމްދަނީ އިތުރު، ބޭންކްގެ ފައިދާ އެހާ ބޮޑަށް އުފުލުނީ، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ބޮޑުވުމުން ކަމަށެވެ.