ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން އާ ތިން ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.
ވިލާ ކޮލެޖުން ބުނީ، އަލަށް ތައާރަފްކުރީ ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ ވިތު ޕޮލިޓިކަލް ސައިންސް އާއި ބެޗެލަ އޮފް ޝަރީއާ އެންޑް ލޯ ވިތު އިންޓަނޭޝަނަލް ރިލޭޝަންސް އާއި މާސްޓަ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އެވެ.
އެ ޕްރޮގްރާމްތަކަކީ
މުއާމަލާތްކުރުމާއި ދިރާސާކުރުމާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި ގާބިލުކަން
އިތުރުކޮށްދީ އަމަލީ މައިދާނަށް ތައްޔާރުކޮށްދޭނެ ޕްރޮގްރާމްތަކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ބެޗެލަ އޮފް ޝަރީއާ އެންޑް ލޯ ވިތު ޕޮލިޓިކަލް ސައިންސް އަދި ބެޗެލަ އޮފް ޝަރީއާ އެންޑް ލޯ ވިތު އިންޓަނޭޝަނަލް ރިލޭޝަންސް އަކީ ރާއްޖޭގެ ގާނޫނީ
ދާއިރާގައި
މަސައްކަތް ކުރުމަށް ބޭނުންވާ ޝަރީއާ އަދި ލޯ ގެ މައިގަނޑު ހުރިހާ މޮޑިއުލްއެއް ފުރިހަމަ ކުރުމަށް ފަހު، ފަހު އަހަރު ޕޮލިޓިކަލް ސައިންސް ނުވަތަ
އިންޓަނޭޝަނަލް ރިލޭޝަންސްގެ ރޮނގުން ކުރިއަށް ދެވޭ
ގޮތަށް ފަރުމާކޮށްފައިވާ ދެ ޕްރޮގްރާމެވެ.
ފުރަތަމަ ދެ އަހަރު ދަރިވަރުން ލޯ އޮފް
ކޮންޓްރެކްޓް، ކޮންސްޓިޓިއުޝަނަލް ލޯ، ކްރިމިނަލް ލޯ، މޯލްޑިވިއަން ލީގަލް
ސިސްޓަމް، އިސްލާމިކް ފެމިލީ ލޯ އަދި އިސްލާމިކް ލޯ އޮފް އިންހެރިޓެންސް ފަދަ
މާއްދާތައް ކިޔަވާދޭނެ އެވެ. ފަހު އަހަރު، ޕޮލިޓިކަލް ސައިންސް އިހްތިޔާރުކުރާ
ދަރިވަރުން ކޮމްޕެރޭޓިވް ޕޮލިޓިކްސް، ރިލިޖަން އެންޑް ޕޮލިޓިކްސް އަދި
ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ޕޮލިސީ ފަދަ މާއްދާތައް ކިޔަވާއިރު،
އިންޓަނޭޝަނަލް ރިލޭޝަންސް އިހްތިޔާރުކުރާ ދަރިވަރުން ކައުންޓަޓެރަރިޒަމް އެންޑް
ނޭޝަނަލް ސެކިއުރިޓީ، މޯލްޑިވިއަން ފޮރިން ޕޮލިސީ އަދި ފޮރިން ޕޮލިސީ އޮފް މޭޖަ ޕަވާސް ފަދަ މާއްދާތައް ކިޔަވާދޭނެ އެވެ.
މީގެ އިތުރުން، މޫޓިން، ޕްރޯ-ބޯނޯ
މަސައްކަތް އަދި ލޯ ސްޓޫޑަންޓް ސޮސައިޓީގައި ބައިވެރިވުން ފަދަ އަމަލީ
ފުރުސަތުތައް ވެސް ދަރިވަރުންނަށް ފަހިވެގެންދާނެ އެވެ. ދެ ޕްރޮގްރާމަކީ ވެސް ތިން އަހަރު
(6 ސެމިސްޓަ) ގެ މުއްދަތުގައި، އީ-ލާރނިންގ އަދި ފޭސް-ޓު-ފޭސްކޮށް ކިޔެވޭ ގޮތަށް
ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެކެވެ.
މި ދެ ޕްރޮގްރާމަކީ ވެސް، މޯލްޑިވްސް
ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށް، ރާއްޖޭގެ ބާ
ކައުންސިލުން ފާސްކޮށްފައިވާ ދެ ޕްރޮގްރާމެވެ. މި ޕްރޮގްރާމްތަކުން
ދަސްވެނިވާ ދަރިވަރުން ތިބޭނީ، އެ ކައުންސިލުގެ ގައުމީ ލައިސެންސިން ޝަރުތުތައް
ފުރިހަމަކުރެވޭ ފެންވަރަށް ތައްޔާރުވެފައި ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ޕްރޮގްރާމްތަކުގެ އެންމެ ހާއްސަ އެއް ސިފައަކީ،
ސްޓްރީޓް ލޯ ފަދަ އެކްސްޕީރިއެންޝަލް ލާނިން (އަމަލީ ތަޖުރިބާގެ ތެރެއިން
އުނގެނުމުގެ) މޮޑިއުލްތައް ކަރިކިއުލަމްގެ ތެރޭގައި ހިމަނާފައިވުން ކަމަށް އެ ކޮލެޖުން ބުންޏެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުން ލާޒިމުކުރާ
މޮޑިއުލްތަކުގެ އިތުރަށް، އެމްޕްލޯއިމަންޓް ލޯ، އޯލްޓަނޭޓިވް ޑިސްޕިއުޓް
ރިޒޮލިއުޝަން އަދި ފޯސް، ފިއަ، ކްރައިމް އެންޑް ޕަނިޝްމަންޓް ފަދަ، ސިނާއަތާ
ގުޅުންހުރި ހާއްސަ މޮޑިއުލްތައް ވެސް ދަރިވަރުން ފުރިހަމަކުރާނެ އެވެ.
ވިލާ ކޮލެޖުން ދެން ތައާރަފްކުރި މާސްޓަ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގައި ގްލޯބަލް ގަވަނަންސް އެންޑް އިންޓަނޭޝަނަލް
އޯގަނައިޒޭޝަން، ޑިޕްލޮމަސީ އެންޑް އިންޓަނޭޝަނަލް ނެގޯޝިއޭޝަންސް، ޖިއޯޕޮލިޓިކްސް
އެންޑް ސައުތު އޭޝިއާ އަދި ސެކިއުރިޓީ ސްޓަޑީޒް ފަދަ މާއްދާތައް ހިމެނެ އެވެ.
މި
ޕްރޮގްރާމް ފުރިހަމަ
ކުރެވޭނީ ޑިސަޓޭޝަންއަކާ އެކު އެވެ.
ފޮރިން އެފެއާޒް އެންޑް ޑިޕްލޮމަސީ، އިންޓަނޭޝަނަލް އޯގަނައިޒޭޝަންސް އެންޑް
އެންޖީއޯ، ޕޮލިސީ އެނަލިސިސް އެންޑް ކޮންސަލްޓިން، އެކަޑަމިއާ، ރިސާޗް
ޖާނަލިޒަމް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާތަކުން ކުރިއަށްދިއުމަށް
ބޭނުންވާ ދަރިވަރުންނަށް، މި ޕްރޮގްރާމުން މަގުފަހިވާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ. މި ޕްރޮގްރާމަކީ ވެސް ތިން ސެމިސްޓާއަށް ބަހާލައިގެން އީލާނިން އަދި
ފޭސް-ޓު-ފޭސްކޮށް ކިޔެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން
އުސްތާޒާ އަސްނާ އަހުމަދު ވިދާޅުވީ އަލަށް ތައާރަފުކުރި މި ތިން ޕްރޮގްރާމް
ފަރުމާކޮށްފައިވަނީ، ދަރިވަރުންނަށް ގާނޫނީ ބިންގަލެއް އަޅައިދިނުމުގެ އިތުރުން،
ސިޔާސަތާއި ޑިޕްލޮމަސީގެ ރޮނގުން ފުޅާ ދާއިރާއެއްގައި އުނގެނުމުގެ ފުރުސަތު
ފަހިކޮށްދިނުމަށް ކަމަށެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓަ ޑރ. އަލީ ނަޖީބު
ވިދާޅުވީ އެ ތިން ޕްރޮގްރާމަކީ، ފުޅާ ނަޒަރަކުން ކަންކަމާ މެދު ވިސްނުމުގެ ގާބިލުކަން ލިބިފައިވާ ތައުލީމީ ޖީލެއް ބިނާކުރުމަށް ވިލާ ކޮލެޖުން ކުރަމުން އަންނަ މަސައްކަތުގެ ނަމޫނާއެއް ކަމަށެވެ.
ބެޗެލަ ދެ ޕްރޮގްރާމުގައި ބައިވެރިވުމަށް، ޖީސީއީ އޭ ލެވެލް ނުވަތަ
އެޗްއެސް.ސީ އިން 2 މާއްދާއިން ފާސްވެފައިވާން ޖެހޭނެ އެވެ. ނުވަތަ ގުޅޭ ދާއިރާއަކުން ލެވެލް
ހަތަރެއްގެ ގެ ސަނަދެއް ހާސިލުލުކޮށްފައިވުން، ނުވަތަ ޑިޕްލޮމާ ޕްރޮގްރާމަށް ކަނޑައަޅާފައިވާ
ލެވެލް ހަތަރެއްގެ ފައުންޑޭޝަން ސްޓަޑީ ޕްރޮގްރާމެއް ފުރިހަމަކޮށްފައި ވާން ޖެހޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
މާސްޓަ ޕްރޮގްރާމުގައި ބައިވެރިވުމަށް،
ގުޅޭ ދާއިރާއަކުން ބެޗެލަ ޑިގްރީއެއް ނުވަތަ ލެވެލް އަށެއްގެ ގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލުކޮށްފައި
ވާން ޖެހެ އެވެ. އެ ޝަރުތުތައް
ފުރިހަމަ ނުވާ ފަރާތްތަކަށް ވެސް، މަސައްކަތުގެ
ތަޖުރިބާގެ މައްޗަށް ބިނާކޮށް ކުރިމަތިލެވޭ ޝަރުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
އެ ތިން ޕްރޮގްރާމުގެ ސެޕްޓެމްބަރު އިންޓޭކަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެކަމާ ގުޅޭ އިތުުރު މައުލޫމާތު ވިލާ ކޮލެޖުގެ ވެބްސައިޓުންނާއި އެ ކޮލެޖުގެ އޮފީހަށް ގުޅައިގެން އޮޅުން ފިލުވޭނެ އެވެ.