16 ޖޫން 2016 - 16:48

ރޯސް ސިރަޕް ފުޅީގެ މުއްދަތު ހަމަވުމުން އެ ތާރީހު ބަދަލުކޮށްގެން ރާއްޖޭގައި ވިއްކަމުންދާ ކަމަށް ބުނެ އެކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދީފި އެވެ.
އެމްއެފްޑީއޭން ނެރުނު ބަޔާނެއްގައި ބުނީ ސިންގަޕޫރުގެ ނޮދަން ލަކް ޕްރައިވެޓް ލިމިޓެޑުން އުފައްދާ ރޯސް ސިރަޕް ފުޅީގެ މުއްދަތު ހަމަވުމުން އޭގައި ސްޓިކާއެއް ތަތްކޮށް، ތާރީހު ބަދަލުކޮށްފައިވާކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ.
"ވީމާ ރޯސް ސިރަޕް ވިއްކާ އަދި ގަންނަ ފަރާތްތަކުން އެ ފަދަ ސްޓިކާއެއް ފުޅީގައި ތަތްކޮށްފައި ވޭތޯ ރަނގަޅަށް ބައްލަވައި އެ ފަދަ ގޮތަކަށް ލޭބަލް ވާނަމަ އެ ތަކެތި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގަމެވެ،" ބަޔާނުގައިވެ އެވެ.
އޮޅުވާލައިގެން ކާބޯތަކެތި ވިއްކާ ފަރާތްތަކާ ދެކޮޅަށް ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްއެފްޑީއޭން ބުންޏެވެ.