ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާތަކާއި، އާންމުންގެ
ބޮޑު ނުރުހުމަކާއި ދެކޮޅުވެރިކަމެއް ކުރިމަތިވުމާ ގުޅިގެން، ވޯލްޑް ކަޕަށް
އަމިއްލަ ފަރާތްތަކުން އިންވެސްޓްކުރުމަށް ހުޅުވާލުމަށް އެކުލަވާލި ޕްލޭނުގެ
މަސައްކަތް ހުއްޓާލިކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާން ކުރައްވައިފި
އެވެ.

ފީފާއިން މި ޕްލޭން ފުރަތަމަ ހުށަހެޅީ އަންގާރަ
ދުވަހު އެވެ. އެއީ ވޯލްޑް ކަޕާއި ކްލަބް ވޯލްޑް ކަޕް ފަދަ މުބާރާތްތައް ހިންގުމަށް
އަލަށް އުފައްދާ ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ) ގެ އަގު 20 ބިލިއަން
ޑޮލަރަށް އަންދާޒާކޮށް، އޭގެން 4.2 ބިލިއަން ޑޮލަރާ ހަމައަށް ފަންޑު ހޯދުމުގެ މަގުސަދުގައި
އަމިއްލަ ފަރާތްތަކަށް ހިއްސާ ވިއްކުމުގެ ރޭވުމެކެވެ.

މީގެ ތެރެއިން މައިގަނޑު ހިއްސާ ގަންނަން އުޅޭ
ކަމަށް އަޑުފެތުރިފައި އޮތީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ދަނބިދަރިފުޅު ޖަރުޑް
ކުޝްނޫގެ ބޭބެގެ ކުންފުނިންނެވެ. އެމެރިކާގައި ދާދި ފަހުން ބޭއްވި ވޯލްޑް ކަޕުގެ
ތެރެއިން އަދި އޭގެ ކުރިން ފެށިގެން ވެސް އިންފަންޓީނޯއާ ޓްރަމްޕާ ދެމެދު ގުޅުންތަކެއް
އޮންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފީފާއިން ބުނެފައިވާ ގޮތުގައި މި ޕްލޭން
ފާސްވިނަމަ، މެމްބަރު 211 އެސޯސިއޭޝަނުން ކޮންމެ އެސޯސިއޭޝަނަކަށް 2027 ވަނަ
އަހަރުގެ ކުރީކޮޅު އެއްފަހަރާ ދޭ 20 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ލިބިގެންދާނެ
އެވެ. އަދި 2027 އިން 2030 އަށް ކަނޑައަޅާފައިވާ ބަޖެޓު 8 މިލިއަން ޑޮލަރުން 20
މިލިއަން ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ޔުއެފާ އިން ވަނީ ވޯލްޑް ކަޕް ފަދަ މުބާރާތްތަށް
ވިއްކާނުލެވޭނެ ކަމަށް ބުނެ، މިކަންކޮށްފި ނަމަ ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރާނެ
ކަމަށް ބުނެފަ އެވެ. އަދި އޭއެފްސީ އާއި އުތުރު އެމެރިކާ/ ކެރީބިއަން ބައްރުގެ
ފުޓްބޯޅަ ޖަމިއްޔާ އިން ވެސް ވަނީ މިކަމާ އިތުރަށް ވިސްނަން އެދިފަ އެވެ.

ހުކުރު ދުވަހު އިންފަންޓީނޯއަށް ކުރިމަތިވި
ޕްރެޝަރު އިތުރަށް ބޮޑުވީ އޭނާގެ ސީނިއާ އެޑްވައިޒަރު ކާލޯސް ކޯޑޭރޯ މަގާމުން
އިސްތިއުފާ ދެއްވުމުންނެވެ. ކޯޑޭރޯ ވިދާޅުވީ މި ހިޔާލަކީ "ފީފާގެ މެމްބަރު
އެސޯސިއޭޝަންތަކަށާއި، ފުޓްބޯޅައަށާއި، އަދި ކުޅިވަރުގެ ކުރިމަގަށްވެސް ލިބޭނެ
ވަރަށް ބޮޑު ގެއްލުމެއް" ކަމަށެވެ.

އެހިސާބުން މި ޕްލޭނަށް ވޯޓު ނުލިބޭނެކަން
އެނގުމާ އެކު އިންފަންޓީނޯ އަށް މަޖުބޫރުވީ މިކަން ހުއްޓާލައްވާށެވެ.

"އަހަރެމެންގެ މަގްސަދަކީ އަބަދުވެސް އަދި މުސްތަގުބަލުގައި
ވެސް މަގުސަދަކަށް ވާނީ އެކުވެރިކުރުމާއި ކުރިއެރުވުން،" އިންފަންޓީނޯ
ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

"އެހެންކަމުން، މި ހުށަހެޅުމައިގެން ފީފާ އިން ކުރިއަކަށް
ނުދާނެ."

އިންފަންޓީނޯ ވިދާޅުވީ، މި ޕްލޭނަކީ މެމްބަރު
އެސޯސިއޭޝަންތައް ބާރުވެރިކުރުމުގެ މަގްސަދުގައި ކުރިއަށްގެންދަން އުޅުނު ކަމެއް
ކަމަށާއި، މިކަން ކުރިއަށްދާނީ ގިނަ މެމްބަރުންގެ ތާއީދު ލިބިގެން ކަމަށެވެ.

"ހުރިހާ ފަރާތްތަކެއްގެ ހިޔާލުތަކަށް ފުންކޮށް ވިސްނުމުން އެނގިގެންދިޔައީ
މީގެ ސަބަބުން އުފެދިފައިވާ ބައިބައިވުމަކީ، ތާއީދު އޮތް މިންވަރަކަށް
ބެލިކަމުގައި ވީނަމަވެސް، ފެށުނީއްސުރެ ހާސިލުކުރަން ބޭނުންވި މަގްސަދާ ހިލާފު
ކަމެއްކަން،" އޭނާ ވިދާޅުވި އެވެ.