ނަންބަރު ބަދަލުކުރުމުން ފަސޭހައިން އެންގޭނެ ފީޗާއެއް ވަޓްސްއެޕުން ޓެސްޓްކުރަނީ
ނަންބަރު ބަދަލުކުރުމުން ފަސޭހައިން އެންގޭނެ ފީޗާއެއް ވަޓްސްއެޕުން ޓެސްޓްކުރަނީ

ވަޓްސްއެޕް ބޭނުންކުރާ މީހުން ފޯނު ނަންބަރު ބަދަލުކުރުމުން، ކޮންޓެކްޓް ލިސްޓްގައިވާ މީހުންނަށް ފަސޭހައިން އެނގޭނެ ފީޗާއެއް ޓެސްޓްކުރަން ފަށައިފި އެވެ.

މި ފީޗާ އެންމެ ފުރަތަމަ ޓެސްޓްކުރަން ފަށާފައި ވަނީ ވިންޑޯޒް ފޯނާއި ވިންޑޯޒް 10 އަށް ހާއްސަކޮށްފައިވާ ވާޝަންގަ އެވެ.

މި ފީޗާގައި، ވަޓްސްއެޕް ބޭނުންކުރާ މީހާގެ ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ އެ ނަންބަރު ކޮންޓެކްޓް ލިސްޓުގައިވާ އެންމެންނަށް ނުވަތަ އެ މީހަކު ބޭނުންވާ ބަޔަކަށް ވަކިން ވެސް އެންގޭނެ އެވެ. އެހެންވެ، ނަންބަރު ބަދަލުވެއްޖެކަން ކޮންމެ މީހަކަށް ވަކިން މެސެޖުން އަންގަން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ލުއިވެގެން ދާނެ އެވެ.

މީގެ އިތުރުން، ވަޓްސްއެޕް ގްރޫޕްތަކަށް އަލުން އެޑްކޮށް ނުވަތަ ކުރީގެ ނަންބަރު ގްރޫޕުން އުނިކުރުމަށް ގްރޫޕް އެޑްމިން ގާތު ބުނާކަށް ވެސް ނުޖެހޭނެ އެވެ.

ޓެސްޓްކުރަމުން އަަންނަ މި ފީޗާ ދެން އަންނަ އަޕްޑޭޓެއްގައި ހިމަނާނެ ކަމެއް ނޭނގެ އެވެ. ނަމަވެސް މިއީ ވަޓްސްއެޕް ބޭނުންކުރާ މީހުން އެންމެ ބޮޑަށް ޝަކުވާކުރާ އެއް މައްސަލައަށް އޮންނަނީ ވެފަ އެވެ. މި ފީޗާއަށް މީހުން ދީފައިވާ ފީޑްބެކްތަކަށް ބަލާއިރު ބުރަވެވެވީ ވަރަށް އަވަހަށް މި ފީޗާ ލިބޭނެ ގޮތް ހަދާނެ ކަމަށެވެ.

ވަޓްސްއެޕްގެ "ބްރޯޑްކާސްޓް" ފީޗާ އަކީ ނަންބަރު ބަދަލުވެއްޖެ ނަމަ، އެހެން މީހުންނަށް އެކަން ފަސޭހައިން އަވަހަށް އެންގޭނެ ފީޗާއެކެވެ. ނަމަވެސް މި ފީޗާ މިގޮތަށް ބޭނުންކުރެވޭކަށް ގިނަ މީހުންނަށް ނުވެސް އެނގެ އެވެ. މި ފީޗާ އިންނަނީ މެއިން މެނޫގެ ތެރޭގަ އެވެ. މި ފީޗާގެ ތެރެއިން އެއްފަހަރާ ގިނަ ބަޔަކަށް އެއް މެސެޖެއް ފޮނުވާލެވޭނެ އެވެ. އެ މެސެޖު ލިބެންޖެހޭ އެންމެން ހިމެނޭ ގްރޫޕެއް ހަދާކަށް ނުޖެހޭނެ އެވެ.

ވަޓްސްއެޕުން މިހާރު އަންނަނީ މެސެޖެއް ފޮނުވުމަށް ފަހު އެ މެސެޖެއް "އަނބުރާ ގެނެވޭ" ފީޗާއެއްގެ އަޖުމަ ވެސް ބަލަމުންނެވެ. މި ފީޗާގައި، މެސެޖު ފޮނުވުމަށް ފަހު ފަސް މިނެޓް ތެރޭ އެ މެސެޖެއް، އެ ލިބުނު މީހަކަށް ނުވަތަ ގްރޫޕަކަށް ނުފެންނަ ގޮތް ހެދޭނެ އެވެ. މިއީ އޮޅިގެން ފޮނުވޭ މެސެޖުތަކަށް ހެދޭނެ ގޮތެއް ނޯންނާތީ ވަޓްސްއެޕުން ގެންނަ ފީޗާއެކެވެ. ވައިބަ އާއި އެހެން ބައެއް ޗެޓް އެޕްލިކޭޝަންތަކުގައި މިހާރުވެސް މިކަން ކުރެވެ އެވެ.