ދިވެހިން މުއާމަލާތްކުރުމާއި، މަސައްކަތްކުރުމާއި،
ދިރިއުޅުމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެމުންދާ އުރީދޫ
މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަސް އަންނަ އޮގަސްޓް 1 ގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި އެވެ.
ދެ ހާސް ފަސް ވަނަ އަހަރު ހިދުމަތް ދޭން ފެށީއްސުރެ،
އުރީދޫން އަންނަނީ އީޖާދީ ވަސީލަތްތަކާއި ޑިޖިޓަލް ހިދުމަތްތައް ތައާރަފުކޮށް،
ދިވެހިރާއްޖެ ޑިޖިޓަލް ގޮތުން ގުޅުވާލެވިފައިވާ ގައުމަކަށް ހެދުމުގައި މުހިންމު
ދައުރެއް އަދާކުރަމުންނެވެ.
ރާއްޖޭގެ ފުރަތަމަ 3ޖީ، 4ޖީ އަދި 5ޖީ ނެޓްވޯކް
ތައާރަފުކުރުމުން ފެށިގެން، ދުނިޔޭގެ ފެންވަރުގެ ސަބްމެރިން ކޭބަލް
ސިސްޓަމްތަކާއި، ޑިޖިޓަލް މާލީ ހިދުމަތްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް
(އޭއައި) ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދޭ މުއާމަލާތްތައް ފުރިހަމަކުރުމުގެ
އިތުރުން ބައިނަލްއަގުވާމީ ޑިޖިޓަލް ޕާޓްނަޝިޕްތަކަށް އިންވެސްޓްކުރުން ފަދަ މުހިއްމު ކަންކަން އުރީދޫއިން އަންނަނީ ކުރަމުންނެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ވިދާޅުވީ، އެ ކުންފުންޏަށް 21 އަހަރު ފުރޭ އިރު ކުރިއަށް އޮތްތަނުގައި ވެސް އީޖާދީ ވަސީލަތްތަކާ އެކު ޑިޖިޓަލް މޯލްޑިވްސް ބިނާކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް އިތުރު ލުއިތައް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫގެ އަހަރީ ދުވަހާ ގުޅިގެން ގިނަ ހިދުމަތްތަކެއް ތައާރަފް ކުރުމަށް ވަނީ ނިންމާފައި. އެކަމާ ގުޅޭ ބައެއް މައުލޫމާތުތައް ހިއްސާކުރަނީ -- ފޮޓޯ: އުރީދޫ / މިހާރު
"ރާއްޖޭގައި 21 އަހަރު ފުރުން ފާހަގަކުރާއިރު، އަޅުގަނޑުމެން ފާހަގަކުރަނީ ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރި އިތުބާރާ އެކުގައި ކުރެވުނު ކާމިޔާބު ދަތުރެވެ. އަޅުގަނޑުމެން ހޯދާފައިވާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވަނީ ދިވެހި ރައްޔިތުންނާއި، އަޅުގަނޑުމެންގެ ޕާޓްނަރުންނާއި، އިޚްލާޞްތެރި މުވައްޒަފުންނެވެ. އެކުގައި ހާސިލުކުރެވުނު ކަންކަމާމެދު ފަޚުރުވެރިވާހިނދު، އަޅުގަނޑުމެންގެ އަމާޒު ހުރީ އީޖާދީ ވަސީލަތްތަކާއެކު ފުރިހަމަ، ރައްކާތެރި އަދި އެންމެން ބައިވެރިކުރާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ މުސްތަގުބަލަށެވެ،" އޭނާ ވިދާޅުވި އެވެ.
އުރީދޫގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، އޯގަސްޓު
މަހުގެ ތެރޭގައި އީޖާދީ އުފެއްދުންތަކަކާއި ހާއްސަ އަހަރީ އޮފަތަކެއް
ތައާރަފުކުރުމަށް ނިންމާފައިވެ އެވެ. އެ ކުންފުނިން ބުނީ، އަންނަ މަހު ހާއްސަ އޮފަތަކެއް ތައާރަފް ކުރަނީ ކަސްޓަމަރުންގެ އަގުވަޒަންކޮށް ރާއްޖެއަށް އާ ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އުރީދޫއިން އަހަރީ ދުވަހާ ގުޅިގެން ތައާރަފް ކުރާ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ދެނީ -- ފޮޓޯ: އުރީދޫ
އުރީދޫއިން ވަނީ އަހަރީ ދުވަހާ ގުޅުވައިގެން 'އުރީދޫ ހޮޅުއަށި' މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމް ހިދުމަތް ތައާރަފްކޮށްފަ އެވެ. އިތުރު ފައިސާ ދައްކާ ވަސީލަތެއް ބޭނުން ނުކޮށް، އުރީދޫ އެކައުންޓަށް ބިލް ކުރެވޭ ގޮތަށް ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާ އެކު ޓްރޫކޯލާ ޕްރީމިއަމް އަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އޮޅުވާލައިގެން ކުރާ ފޯން ކޯލްތަކާއި ސްޕޭމް ކޯލްތައް
އިތުރުވަމުންދާއިރު، ޓްރޫކޯލާ ޕްރީމިއަމްއިން ކަސްޓަމަރުންނަށް ރައްކާތެރިކަން ހޯދޭނެ އެވެ. ޓްރޫކޯލާ ޕްރިމިއަމް ބޭނުން ކުރުމުން އެޑްވާންސްޑް ސްޕޭމް އަދި ސްކޭމްގެ ރައްކާތެރިކަމާއި،
ޕްރޮފައިލް ބެލި، މީހުންގެ މައުލޫމާތު އެނގި، އިންކޮގްނިޓޯ މޯޑު، ކޮންޓެކްޓް ރިކުއެސްޓް،
އިޝްތިހާރު ނުފެންނަ ގޮތް ހެދުމުގެ އިތުރުން ޕްރީމިއަމް ވެރިފިކޭޝަން ބެޖު
ވެސް ލިިބޭނެ އެވެ.
އަހަރީ ދުވަހާ ގުޅިގެން އުރީދޫއިން ވަނީ 5ޖީ އެއާފައިބާ ޕޭރެންޓަލް ކޮންޓްރޯލް "ޗަލްޑްސޭފް" ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.
މި ހިދުމަތުގެ ސަބަބުން އިންޓަނެޓް ބޭނުންކުރާ މިންވަރު
ކޮންޓްރޯލްކޮށް، ކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކޮށްދިނުމުގެ
އިތުރުން، ގޭގޭގައި ބޭނުންކުރާ ބްރޯޑްބޭންޑް ވަސީލަތްތަކުގައިވާ 'ޕޭރެންޓަލް
ކޮންޓްރޯލް' ފީޗަރުތައް އެންމެ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު
ލިބޭނެ އެވެ. އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އޮގަސްޓް މަސް ނިމެންދެން އެ ހިދުމަތް މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.