ވެލާނާ
އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ކެމްބޯޑިއާ އިން ރާއްޖެ ފޮނުވި ފުރަތަމަ ސީ ޓު އެއާ ޓްރާންސްޝިޕްމަންޓް ކާގޯ ފްރާންސަށް ފޮނުވާލައިފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ، މިއީ އެއާޕޯޓުގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ހިދުމަތް ދެކުނު އިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ފުޅާވެގެންދިޔަ މުހިންމު
ކުރިއެރުމެއް ކަމަށެވެ.

ކެމްބޯޑިއާ އިން
ކަނޑުމަގުން ރާއްޖެ ގެނައި އެ މުދާތައް، ވެލާނާ އެއާޕޯޓުގެ ވައިގެ މަގުން
ފޮނުވާލީ ފްރާންސްގެ ލީލް އަށެވެ. މި މަސައްކަތުން ދައްކުވައިދެނީ އޭޝިއާ އާއި
ޔޫރަޕާ ދެމެދު މުދާ ބަދަލުކުރުމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދާކުރާ މުހިންމު
ދައުރު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް މަތިންދާ ބޯޓަކަށް މުދާ ބަރު ކުރަނީ -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް މަތިންދާ ބޯޓަކަށް މުދާ ބަރު ކުރަނީ -- ފޮޓޯ: އެމްއޭސީއެލް

މީގެ ކުރިން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް މިފަދަ ހިދުމަތްތައް ގިނައިން ހޯދަނީ ބަންގްލަދޭޝް އާއި އިންޑިއާގެ އިތުރުން ސްރީ ލަންކާ އިންނެވެ.

ކެމްބޯޑިއާގެ މުދާ ކާމިޔާބުކަމާ އެކު
ހޭންޑްލްކުރެވުމަކީ އާ މާކެޓްތަކަށް ރާއްޖޭގެ ކާގޯ ހިދުމަތް ފޯރަމުންދާކަމުގެ
ހެއްކެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ސީ ޓު އެއާ ޓްރާންސްޝިޕްމަންޓަކީ ހަމައެކަނި ވައިގެ މަގުން މުދާ
ފޮނުވުމަށް ވުރެ އަގުހެޔޮ، އަދި ކަނޑުމަގުން އެކަނި ފޮނުވުމަށް ވުރެ އަވަސް
ގޮތެކެވެ. އެހެންކަމުން މިއީ އަވަހަށް ފޮނުވަންޖެހޭ މުދަލަށް އޮތް އެންމެ ރަނގަޅު
ހައްލެވެ.

އެމްއޭސީއެލް އިން ބުނީ، ކެމްބޯޑިއާ އިން ފްރާންސަށް މުދާ ފޮނުވުމާ އެކު އޭޝިއާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެކި ބާޒާރުތަކާ
ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ
އެއާޕޯޓުގެ ނަން އިތުރަށް މަޝްހޫރުވެފައިވާ ކަމަށެވެ.