18 އެޕްރީލް 2017 - 05:35

މަންމާފުޅު ޕްރިންސަސް ޑަޔަނާގެ ހަނދާންތަކުން ދުރު ނުވެވި، ނަފްސާނީ މައްސަލައަކަށް ވުމުން، މަންމާފުޅު އަވަހާރަވިތާ 20 އަހަރު ފަހުން ފަރުވާ ހޯއްދަވާފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ ވިދާޅުވެއްޖެ އެވެ.

ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން، ޑެއިލީ ޓެލެގްރާފަށް ދެއްވި އިންޓަވިއުއެއްގައި، ޑަޔާނާގެ ހަގު ދަރިކަލުން ހެރީ ވިދާޅުވީ މަންމާފުޅުގެ ހަނދާންތަކުން ލިބެމުން ދިޔަ ހިތްދަތިކަން ފޮރުވައިގެން އެތައް އަހަރަކު ހުންނެވި ކަމަށާއި އެކަމާ ހުރެ މީހާ "ހަލާކުވުމާ ގާތަށް" ދިޔަ ކަމަށެވެ.
ފްރާންސްގެ ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައި 1997 ވަނަ އަހަރުގެ އޯގަސްޓް މަހު މަންމާފުޅު އަވަހާރަވި ހާދިސާއަށް ފަހު އުޅުއްވީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމުގައި ކަމަށާއި އެކަމަކު މިހާރު ރަނގަޅު ހިސާބެއްގައި ހުންނެވޭ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށް ހެރީ ވިދާޅުވި އެވެ.
އުމުރުން 32 އަހަރުގެ ހެރީ ވިދާޅުވީ ނަފްސާނީ މައްސަލަތަކުގެ ތެރޭގައި އުޅުއްވި އިރު ރުޅި ގަދަވެ، މީހަކަށް އަނިޔާއެއް ދޭން ވެސް ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ. އެ ރުޅިވެރިކަން ބޭރުކުރެއްވީ ބޮކްސިން ތެޅުމުން ކަމަށް ހެރީ ވިދާޅުވި އެވެ.
ބޭބޭފުޅު ޕްރިންސް ވިލިއަމްގެ ދެކަނބަލުންނާ އެކު ނަފްސާނީ މައްސަލަތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާ ހެރީ ވިދާޅުވި ގޮތުގައި، އުމުރުފުޅުން އެންމެ 12 އަހަރުގައި މަންމާފުޅު އަވަހާރަވުމުން ލިބުނު ހިތްދަތިކަން ވަންހަނާކުރައްވައިގެން 20 އަހަރު ވަންދެން ހުންނެވުމުން ސިއްހަތަށާއި މިޒާޖަށް ނޭދެވޭ އަސަރުތަކެއް ކުރި އެވެ.
"އެ ހުރިހާ ޖަޒުބާތުތަކެއް ވަންހަނާކޮށްގެން 20 އަހަރު ހުރުމުން ދިރިއުޅުމަށާއި މަސައްކަތަށް ވެސް ސީރިއަސް މައްސަލަތަކެއް ކުރިމަތިވި،" ހެރީ ވިދާޅުވެފައިވެ އެވެ.
ހިތްދަތިކަމުން ސަލާމަތްވެ ވަޑައިގަތުމަށް ކައުންސެލިން ހޯއްދެވިންތޯ ސުވާލުކުރުމުން ހެރީ ވިދާޅުވީ ދެތިން ފަހަރަކު ކައުންސެލިން ހޯއްދެވި ކަމަށެވެ. އަދި ވިދާޅުވީ އެއީ އަސްކަރިއްޔާގެ މަސައްކަތުގައި އަފްޣާނިސްތާނު ހަނގުރާމައަށް ވަޑައިގަތުމުން ކުރިމަތިވި ނަފްސާނީ މައްސަލަތަކެއް ނޫންކަން ޔަގީންކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ ދެ އަހަރާ ހަ މަސް ދުވަހުގެ ތެރޭގައި އޭނާ ކުރެއްވި މަސައްކަތުން މިހާރު ވަނީ ވަރަށް ބޮޑު ހައްލެއް ލިބިވަޑައިގެންފައި ކަމަށެވެ. ޒާތީ ދިރިއުޅުން ކުރިއަށްވުރެ ސީރިއަސްކަން ނެގި، އުޅުމާއި އަޚްލާގާއި މަސައްކަތަށް ވެސް މިހާރު ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ހެރީ ވިދާޅުވެފައިވެ އެވެ.