ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ސަފާރީ
އުޅަނދުފަހަރު ނުވަތަ ލިވަބޯޑް ޓޫރިޒަމްއަށް ހާއްސަކޮށްގެން "ލިވަބޯޑް
ފައިނޭންސް" މިއަދު ތައާރަފް ކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ އެ ފެސިލިޓީއަކީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި ބަނުމަށާއި އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރަން ބޭނުންވާ ފަރާތްތަކަށް ނެގޭނެ ފައިނޭންސިންއެއް ކަމަށެވެ. އަދި ބޭނުންވާ އެކި
ސާމާނާއި ވަސީލަތްތައް ހޯދުމަށް ވެސް އެ ލޯނު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ އެ ފެސިލިޓީގެ ސަބަބުން އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި ބޭނުންކުރަމުންދާ
ބާ އުޅަނދުފަހަރުގެ އާބާތުރަ ފިލުވައި ޒަމާނީ ކުރުމަށް ނުވަތަ އާ އުޅަނދުތައް އޮޕަރޭޝަނަށް ނެރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބޭނެ ކަމަށެވެ. އަދި އެ ފެސިލިޓީއަކީ
ރާއްޖޭގައި މިވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ އިންޓްރެސްޓް ރޭޓް ކަމަށްވާ އަހަރަކު
9.5 ޕަސެންޓްގައި ދޫކުރާ ފެސިލިޓީއެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެ ފެސިލިޓީގެ ދަށުން
ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދެވެ. އަދި އިތުރު
ރަހުނެއް ބޭނުން ނުވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ފައިނޭންސް
އަނބުރާ ދެއްކުމަށް ހަތް އަހަރާ ހަމައަށް މުއްދަތު ލިބޭއިރު ފައިސާ ދެއްކުން
ހަމަޖައްސާފައިވަނީ އެ ދާއިރާގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެންނެވެ. އަދި އޭގެ ސަބަބުން ކަނޑައެޅިފައިވާ ވަކި ތާވަލެއްގެ ބަދަލުގައި އުޅަނދު ދުއްވައިގެން ލިބޭ
އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ފަސޭހަކަން އޮޕަރޭޓަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި އެ ފައިނޭންސަށް ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ޑޮލަރުންނެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ލިވަބޯޑު އުޅަނދުތަކަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ދާއިރާ ކަމަށާއި އަދި އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވަނީ ވިޔަފާރި ފުޅާ ކުރުމަށް މާލީ އެހީތެރިކަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ލިވަބޯޑް ފައިނޭންސްގެ ނަމުގައި އަޅުގަނޑުމެން މި ތައާރަފުކުރި މާލީ ހިދުމަތަކީ މި
ދާއިރާއަށް އާމްދަނީ ލިބޭ ގޮތާއި ހަރަދުތައް ހިނގާ ގޮތަށް ބަލައި، ހާއްސަކޮށް ފަރުމާކޮށްފައިވާ
ހިދުމަތެއް. މީގެ ސަބަބުން އޮޕަރޭޓަރުންނަށް އެ ބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމަށް
އިންވެސްޓް ކުރުމުގެ ފުރުސަތާއި އިތުބާރު ލިބިގެންދާނެ. މިއީ ދިވެހި އިގްތިސާދުގެ މުހިންމު
ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ
މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް." އޭނާ ވިދާޅުވި އެވެ.
އެ ފައިނޭންސިންގެ ސަބަބުން ފްލީޓް އާކުރުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ އޮޕަރޭޓަރުންނަށާއި އަލަށް އެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ
ރައުސްމާލު ހޯދުމަށް ފަސޭހަވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.