އިމްތިހާނު ކަރުދާސްތައް ލީކުކުރާ މީހުންނަށް ދޭ އަދަބުތައް ހަރުކަށިކުރުމުގެ ބިލް  އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެ (ލޯކް ސަބާ) އިން މިއަދު ފާސްކޮށްފި އެވެ. 

މި ބިލް ފާސްކޮށްފައި މި ވަނީ ތައުލީމީ ދާއިރާއަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ގޮވާލައި ޒުވާނުން ކުރި ވަރުގަދަ އަދި ދިގު ދެމިގެން ދިޔަ މުޒާހަރާތަކާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.

މި ބިލުގައިވާ ގޮތުން އިމްތިހާނު ކަރުދާސް ލީކުކުރުމުގައި ބައިވެރިވާ މީހުންނަށް ދެވޭ އެންމެ ބޮޑު ޖަލު އަދަބު 10 އަހަރަށް މަތިކުރާނެ އެވެ. އަދި އެންމެ ބޮޑު ޖޫރިމަނާ 1 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް ޖައްސާނެ އެވެ..

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެންބަރުންގެ އަޣުލަބިއްޔަތުން މި ބިލް ފާސްކުރީ އެތައް ގަޑިއިރުތަކަކަށް ދެމިގެންދިޔަ ހޫނު ބަހުސްތަކަކަށް ފަހު، އަޣުލަބިއްޔަތު މެންބަރުން އެއްފަހަރާ "އާއެކޭ" ބުނަމުންނެވެ.

މި ބިލު ދެން ވޯޓަށް އަހާނީ ގާނޫނުހަދާ މަޖިލީހުގެ މަތިގެ (ރާޖްޔާ ސަބާ) ގަ އެވެ. މަތިގޭގެ އަޣުލަބިއްޔަތު އޮންނަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކޯލިޝަނަށެވެ.

މި ވޯޓު ނަގާފައިވަނީ ލީކުވި އިމްތިހާނު ކަރުދާސްތަކާއި އެނޫންވެސް އޮޅުވާލުންތަކާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާއަށް ހަފްތާތަކެއް ފަހުންނެވެ. މި އިހުތިޖާޖުތަކުގެ ނަތީޖާއެއްގެ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން ހޮނިހިރު ދުވަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ސޯޝަލް މީޑިއާގައި ފެށުނު 'ކޮކްރޯޗް ޖަންތާ ޕާޓީ' ހަރަކާތުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މުޒާހަރާއަށް ގައުމުގެ ދަރިވަރުންގެ ބޮޑު ތާއީދެއް ލިބި، މޯދީގެ ސަރުކާރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހުނެވެ.

އިދިކޮޅު މައި ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ، ތައުލީމީ ނިޒާމު އޮތް ގޮތާމެދު އިންޑިއާގެ ޒުވާނުންނަށް އޮތް މާޔޫސްކަން އޭނާއަށް ވަރަށް ރަނގަޅަށް ވަޒަންކުރެއްވޭ ކަމަށެވެ.

"މިއީ ރުޅިވެރިކަމެއް ނޫން... މިއީ ނަފްރަތެއް ނޫން، މިއީ މި ގައުމުގެ ޒުވާނުންގެ، މި ގައުމުގެ މުސްތަގުބަލުގެ ޖީލުގެ ފުން އިހުސާސްތަކެއް ފާޅުކުރުން، އަދި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް މި އިހުސާސްތަކަށް އިހުތިރާމްކުރަންޖެހޭނެ ކަމަށް އަހަރެން ގަބޫލުކުރަން،" މަޖިލީހުގައި ދެއްކެވި ވާހަކާގައި އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ސީނިއާ މިނިސްޓަރު ޖިތެންދުރަ ސިންގް އަންގާރަ ދުވަހު މަޖިލީހުގައި ވިދާޅުވީ، ކެބިނެޓުން މިދިޔަ ހަފްތާގައި ފާސްކުރި މި އިސްލާހުތަކުން ރަމްޒުކޮށްދެނީ "މި ގައުމުގެ ދަރިވަރުންނާއި ޒުވާނުންގެ ލާބަޔާއި މަންފާ ރައްކާތެރިކުރުމަށް ސަރުކާރުން އަދާކުރާ ޒިންމާ" ކަމަށެވެ.

ވޯޓަށްފަހު، ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވަނީ "އިންޑިއާގެ އިމްތިހާނު ނިޒާމުގެ ނަޒާހަތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް" ކަމަށް ވިދާޅުވެ އެކަމަށް ތައުރީފު ކުރައްވައިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާ އިގްތިސާދީ ގޮތުން ހަލުވި ކުރިއެރުންތަކެއް ހޯދަމުންދިޔަ ނަމަވެސް، އެތައް މިލިއަން ޒުވާނުންނެއް ތިބީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާތައް ލިބޭނެ ގޮތެއް ނެތިފަ އެވެ. 

ވަޒީފާ ލިބެނީ ތައުލީމީ ގޮތުން ހޯދާ ނަތީޖާއަށް ބަލައިގެން ކަމަށް ވާތީ އެކަމުގައި ކާމިޔާބީ ހޯދުމަށް އޮންނަ މަޖުބޫރީ ހާލަތުގެ ސަބަބުން ޓިއުޝަން ދޭ ބޮޑެތި ނެޓްވޯކްތަކެއް އުފެދި، އިމްތިހާނު ސުވާލުތައް ލީކުކޮށްގެން ވިއްކައިގެން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ކުށްކުރާ ގުރޫޕްތަކަށް ވަނީ ތަނަވަސްވެފަ އެވެ.

ސަރުކާރުން ތަކުރާރުކޮށް ފިޔަވަޅުތައް އަޅަމުންދިޔަ ނަމަވެސް، ގައުމީ ފެންވަރުގަ އާއި ސްޓޭޓް ފެންވަރުގައި ހިންގާ އިމްތިހާނުތަކުގައި ކަރުދާސް ލީކުވުމުގެ މައްސަލަ ދަނީ ތަކުރާރުވަމުންނެވެ.