17 އެޕްރީލް 2017 - 22:30

ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު ޖަރުމަނުގެ ފްރެންޒް ބެކެންބާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އޭނާ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ އައްޑު އަތޮޅު ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގަ އެވެ. ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ޖަރުމަން ފޯވާޑް މިރޮސްލާވް ކްލޯސާ ވެސް ވަނީ އެ ރިސޯޓުގައި ދާދި ފަހުން ޗުއްޓީ ހޭދަކޮށްފަ އެވެ.

ބެކެންބާ އަކީ ދުނިޔޭގެ މަޝްހޫރު އެތައް ކުޅުންތެރިންނެއް ކޮންމެ އަހަރަކު ޗުއްޓީ ހޭދަކުރަން އަންނަ ރާއްޖެ އަށް ޒިޔާރަތްކުރި ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެއްް ފަރާތެވެ. ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން އަދި ހިންގުންތެރިއެއްގެ ގޮތުން އޭނާ ހާސިލްކުރި ކާމިޔާބީތައް މަދު ބަޔަކަށް މެނުވީ ހޯދިފައެއް ނުވެ އެވެ. ހުނަރުވެރި ޑިފެންޑަރު ފާހަގަކުރެވެނީ ފުޓްބޯޅައިން ފެނުނު އެންމެ ވަރުގަދަ ކެޕްޓަނުގެ ގޮތުގަ އެވެ.
އުމުރުން 71 އަހަރުގެ ބެކެންބާ އަކީ ހުޅަނގު ޖަރުމަނަށް 1972 ވަނަ އަހަރުގެ ޔޫރަޕުގެ ޗެމްޕިއަންކަން އަދި 1974 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަނެވެ. ގަދަފަދަ ނެދަލެންޑްސް ބަލިކޮށް ޖަރުމަނުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ފައިނަލުގައި ނެދަލެންޑްސްގެ ޔޮހާން ކްރައިފް ހުއްޓުވުމުގައި ބެކެންބާ ދެއްކި މޮޅު ކުޅުން ގިނަ ބަޔަކު ފާހަގަކުރެ އެވެ. ބެކެންބާ ވަނީ 1990 ވަނަ އަހަރުގެ ވޯލްޑް ކޯޗެއްގެ ހައިސިއްޔަތުން ހުޅަނގު ޖަރުމަނަށް ކާމިޔާބުކޮށްދީފަ އެވެ. ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން މި ދެ ކާމިޔާބީ ހާސިލްކޮށްފައިވަނީ ބެކެންބާގެ އިތުރުން ބްރެޒިލްގެ މާރިއޯ ޒަގަލޯ އެވެ.
ބްރެޒިލުން ޖޫލްސް ރިމޭ ޓްރޮފީ މިލްކުކުރުމުން ފީފާ އިން 1974 ވަނަ އަހަރު ތައާރަފްކުރި މިހާރުގެ ވޯލްޑް ކަޕް ޓްރޮފީ އުފުލާލި ފުރަތަމަ ކެޕްޓަންގެ ޝަރަފް ހޯދާފައިވާ ބެކެންބާ ވަނީ މިހާތަނަށް ބޭއްވި އެންމެ އިންތިޒާމް ފުރިހަމަ އެއް ވޯލްޑް ކަޕް 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި އިރު އިންތިޒާމް ކޮމިޓީގެ ޗެއާމަން ކަންކޮށްފަ އެވެ.
ކްލަބް ލެވެލްގައި ޖަރުމަން ބަޔާން މިއުނިކަށް ޔޫރަޕުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށްދިން އިރު އޭގެ ފަހުން އެ ކްލަބުގެ ކޯޗުކަމާއި ރައީސްގެ މަގާމް ފުރި އެވެ. ބެލޮންޑިއޯ އެވޯޑް ތިން ފަހަރު އަދި ޖަރުމަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރު ހާސިލްކޮށްފައިވާ ބެކެންބާ ވަނީ 20 ވަނަ ގަރުނުގެ ޑްރީމް ޓީމުންނާއި ފީފާ ވޯލްޑް ކަޕުގެ ޑްރީމް ޓީމުން އަދި ފީފާ އިން އެކުލަވާލި ޝަރަފްވެރި "ފީފާ 100" އިން ޖާގަ ހޯދައިފަ އެވެ.
ބެކެންބާ އަކީ ފުޓްބޯޅައިގެ ޒަމާނީ ސްވީޕަރު ނުވަތަ ލިބެރޯގެ ރޯލް ތައާރަފްކުރި ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެގޮތުން ހަމައެކަނި ޑިފެންސް ލައިނުގެ ފަހަތުގައި ހުރެގެން ބޯޅަތައް ސާފުކޮށްލުމުގެ ޒިންމާ އޮތް އެ މަގާމަށް ބެކެންބާ ކުޅުނުއިރު އޭނާ ވަނީ ކުރިއަށް ޖެހި އެޓޭކުގައި ބައިވެރިވެ ގޯލް ވެސް ޖަހައިފަ އެވެ. މި ޒަމާނުގެ ޓޯޓަލް ފުޓްބޯޅަ ނުވަތަ ކުޅުންތެރިން މަގާމް ދޫކޮށް ކުރިއަށާއި ފަހަތަށް ޖެހިގެން ކުޅޭ ފްލުއިޑް ފުޓްބޯޅަ ޑިވެލޮޕްވުމުގައި ބެކެންބާ ތައާރަފްކުރި ސްވީޕަރުގެ ރޯލް މުހިއްމު ދައުރެއް އަދާކުރި ކަމަށް ގަބޫލުކުރެވެ އެވެ.