ރައްޔިތުންގެ މަޖިލީހަކީ "ބަކަރިކޮށްޓެއް ނުވަތަ ޖަނަވާރު ކޮށްޓެއް" ކަމަށް ބައެއް އާންމުން މިހާރު ވެސް ސިފަކުރާ ކަމަށާއި ރިޔާސަތުގައި އިންނަވަނިކޮށް، މަޖިލިސް އެފަދަ ތަނަކަށް ވިޔަ ނުދެއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ޕީއެންސީގެ ބައެއް މެންބަރުންނާ ދެމެދު ހިނގި ޒުވާބަކަށް ފަހު، މަޖިލިހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވަން ސަލީމް ތަކުރާރުކޮށް އެންގެވި އެވެ.

ނަމަވެސް ފިއްޓޭ އަޑު މަޑުނުކުރެއްވުމުން އޭނާގެ ނަން އިއްވައި، މަޖިލިހުގެ ތަޅުމުން ބޭރުކޮށްލެއްވުމަށް ފަހު ސަލީމް ވިދާޅުވީ، މަޖިލީހަކީ ކެތްތެރިކަމާ އެކު، މަސައްކަތް ކުރަން ޖެހޭ ތަނެއް ކަމަށާއި މެންބަރުންނަކީ ތަސައްރަފު ފުދޭ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މި އިއްޒަތްތެރި މަޖިލީހަކީ ވަަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކީ ތަންކޮޅެއް ކެތްތެރިކަމާ އެކީ މަސައްކަތްކުރަން ޖެހޭ މަޖިލީހެއް. އަޅުގަނޑުމެންނަށް [ނިސްބަތްކޮށް] މިހާރު ވެސް ރައްޔިތުން އެބަ ބުނޭ މިއީ ބަކަރިކޮށްޓެކޭ ވެސް ކިޔާ މީހުން އެބަ،" ސަލީމް ވިދާޅުވި އެވެ.

"އެހެންވީމާ އެ ލެވެލް އަށް އަޅުގަނޑުމެން ނުދަމާ ހިނގާށޭ. އެހެންވީމާ އަޅުގަނޑު ރިޔާސަތުގައި އިނދެގެން  މިތަން ޖަނަވާރުކޮށްޓަކަށް ހެދުމުގެ ފުރުސަތު ނުދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން."

މިއަދުގެ ޖަލްސާގައި މެންބަރު ފިއްޓޭއާ ޕީއެންސީ މެންބަރުންނާ ދެމެދު ޒުވާބެއް ހިނގީ ތިލަފުށިން ހދ. ކުނބުރުދު އަށް ކުނި ގެންދަން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެންނެވެ.

ޖަލްސާ ފެށުމާ އެކު، ހުށަހެޅުއްވި އެ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލުމުން، އެކަމާ ބެހޭ ގޮތުން ފިއްޓޭ ވާހަކަ ދެއްކެވީ ޔޫޓިލިޓީ ރެގިއުލޭޓަރީ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލުގެ ބަހުސްގަ އެވެ.