އޮސްޓްރޭލިއާގެ މިއުޒިކް ބޭންޑް "ބިޔޯން އަގެއިން" އިން މާލޭގައި މާދަމާ ރޭ ބާއްވަން އުޅުނު ޝޯ ބޭއްވުން އެހެން ތަނަކަށް ބަދަލުކުރަން އެދުނީ އެ އިވެންޓު ބާއްވަން އުޅުނު ސޯޝަލް ސެންޓަރުގައި މަރާމާތުތަކެއް ކުރިއަށް ދާތީ ކަމަށް ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.
ރާފިއު "މިހާރު" އަށް ވިދާޅުވީ އެ ޝޯ ކެންސަލް ކުރަން ނިންމުމަކީ "ބިޔޯން އަގެއިން"ގެ އަމިއްލަ ނިންމުމެއް ކަމަށެވެ.
މިނިސްޓްރީން އެދުނީ އެ ޝޯ ބާއްވަން އުޅުނު ސޯޝަލް ސެންޓަރުގެ ސްޓޭޖަށް ކުއްލި މައްސަލަތަކެއް ދިމާވުމުން މެއިންޓެނަންސްގެ މަސައްކަތްތައް ކުރިއަށް ގެންދަން ޝޯ ބާއްވާ ތަން، އެހެން ތަނަކަށް ބަދަލުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެއިންޓެނަންސްގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ސޯޝަލް ސެންޓަރުގެ ސްޓޭޖުގެ ފުރާޅުން ފެން ލީކުވުމާއި ކަރަންޓު ވަޔަރިންގެ މައްސަލަތަކެއް އުޅޭތީ އެތަން މަރާމާތުކުރަން ވަނީ ޖެހިފަ އެވެ. އެހެންވެ، އެ މަސައްކަތްތައް ކުރުމަށް ޝޯ ބާއްވާ ތަން ހުޅުމާލެ ނުވަތަ ފޭދޫފިނޮޅަށް ބަދަލުކުރަން މިނިސްޓްރީން އެ ބޭންޑަށް ހުށަހެޅި އެވެ.
ނަމަވެސް، ވަގުތު ކުޑަތަންވެފައި އޮތުމުން ޝޯ ކެންސަލްކުރަން ބޭންޑުން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމީހުން ބުނީ އެމީހުންނަށް އުނދަގޫވާނެޔޭ މިހާރު އެހެން ދިމާއަކަށް މޫވް ކުރަން، ދުވަސްކޮޅު ކުޑަވީމަ. އެހެންވީމަ ތިމަންނަމެން ކެންސަލްއޭ ކުރާނީ މިތާ [ސޯޝަލް ސެންޓަރު]ގައި ނުބޭއްވެންޔާ،" ރާފިއު ވިދާޅުވި އެވެ.
ބޭންޑުން އެ ނިންމުން ނިންމީ މިނިސްޓްރީއާ ވަރަށް ރަނގަޅަށް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިޔޯން އަގެއިން" ޝޯ ކެންސަލްކުރީ ސަރުކާރުން އަންގައިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.
އުބާ އިވެންޓްސްގެ ފަރާތުން ބާއްވާ އެ ޝޯއަށް ސްޕޮންސަރުން ހޯދައި ވަރަށް ބޮޑަށް އިޝްތިހާރުކޮށް، އަދި ޓިކެޓު ވެސް ވިއްކާފައި ވަނިކޮށް އެ ޝޯ ކެންސަލް ކުރީ އިއްޔެ އެވެ.
އެ ޝޯ ކެންސަލްކުރުމުން އެކަމަށް ފާޑުވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޝޯ އާއި މިއުޒިކް ވެސް މަނާކުރެވިގެން ނުވާނެ ކަމަށެވެ.
"ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މި ރާއްޖޭގައި ހިންގަން ޖެހޭނެ. މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން، ހުރިހާ ދިވެހިންގެ ރާއްޖެ،" ނަޝީދު ވިދާޅުވި އެވެ.