17 އެޕްރީލް 2017 - 21:03

މެދުފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި ފްލެޓް އެޅުމަށް ހަތަރު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެޗްޑީސީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެގްރީމެންޓުގައި އެ ހަތަރު ކުންފުންޏާއެކު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވަނީ ސޮއި ކުރައްވާފަ އެވެ.
އެ ކުންފުނިން ބުނިގޮތުގައި 2018ގެ ކުރިން ނިންމާ އެ ފްލެޓްތައް އެޅުމަށް މިއަދު ހަވާލު ކުރީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއި އެސޯސިއޭޓް ބިޒްނަސް އެޖެންޓް މޯލްޑިވްސް އާއި ޖަވާހިރު އިލެވެން އަދި ގެލޮން ޕްރައިވެޓް ލިމިޓެޑާ އެވެ.
ހުޅުމާލޭގައި ހަތް ބިމެއްގައި ފްލެޓް އެޅުމަށް އެޗްޑީސީން އިއުލާނުކޮށް އެކަން ކުރާނެ ހަތް ފަރާތެއް ވަނީ ކުރިން ކަނޑައަޅާފަ އެވެ. އެޗްޑީސީން ބުނީ ބާކީ ހުރި ތިން ކުންފުންޏާއެކު ވަރަށް އަވަހަށް އެއްބަސް ވުމުގައި ސޮއި ކުރާނެ ކަމަށެވެ.
ހުޅުމާލޭ ރޯ ހައުސްތައް ކައިރީ ނެއިބަހުޑް އެކެއްގައި މި ފްލެޓްތައް އަޅަނީ 2500 އަކަފޫޓުގެ ބިމެއްގަ އެވެ. ކޮންމެ ފްލެޓެއް ވެސް އަށް ބުރިއަށް އިމާރާތް ކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެ ބިންތައް ތަރައްގީކުރަން ހަވާލުކުރަން ނިންމާފައި ވަނީ އަކަފޫޓެއް 1،200ރ. ރޭޓުންނެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތަކުން ޑިވެލޮޕްމަންޓް ސޭލްސް ރައިޓްގެ އަގުގެ ގޮތުގައި އަކަފޫޓަކަށް 1،200ރ. އެތަނުގެ ޑީޓެއިލް ޑްރޯވިން ފާސްކުރާތާ ދެ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ދައްކަން ޖެހެ އެވެ.
އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން އެ ހަތް ބިން ތަރައްގީކޮށް ވިއްކުމުގެ ހުރިހާ ހަރަދެއް ކުރަން ވާނީ ބީލަން ކާމިޔާބުވާ ފަރާތްތަކުން ކަމަށެވެ.