18 އެޕްރީލް 2017 - 05:32

ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރި "ބާހްބަލީ" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ހުނަރުވެރިކަމާ ދޭތެރޭ މިހާރު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ އެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އޭނާއަކީ އިންޑިއާގައި މިހާރު ހުރި އެންމެ މޮޅު ޑައިރެކްޓަރެވެ.
އެހެންވެ ބައެއް މީހުން ރާޖަމޯލީ ސިފަ ކުރަނީ އިންޑިއާގެ ޖޭމްސް ކެމެރަންގެ ގޮތުގަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒް ކުރި "ބާހްބަލީ: ދަ ބިގިނިން" އަށް ފަހު، މިހާރު ކުޑަތަންވެފައި މިއޮތީ އޭގެ ފަހު ބައި "ބާހްބަލީ: ދަ ކޮންކްލޫޝަން" އެވެ. މިއީ 450 މިލިއަން ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ، އިންޑިއާގެ މިހާތަނަށް އުފެއްދި އެންމެ އަގު ބޮޑު ފިލްމެވެ.
އެ ފިލްމް މި މަހުގެ 28 ގައި ރިލީޒް ކުރާ އިރު، ރާޖަމޯލީގެ ފޭނުންނަށް ވަރަށް އުފާވެރި އެހެން ހަބަރެއް ވެސް އެބަ އޮތެވެ. އެއީ އަނެއްކާ ވެސް ވަރުގަދަ އެހެން ޕްރޮޖެކްޓެއް އޭނާ ހަދާ ވާހަކަ އެވެ.
މި ފަހަރުގެ ފިލްމަކީ އިންޑިއާގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ވާހަކަ "މަހާބާރަތާ" އެވެ. އެއަށް ފިލްމެއް ހެދުމުގެ ޝައުގުވެރިކަން ރާޖަމޯލީ ފާޅުކޮށްފައިވާ އިރު، އެންމެ ބޮޑު ސުވާލަކަށްވެފައި އެވަރުގެ ބިޔަ ޕްރޮޖެކްޓަކަށް ފަންޑް ކުރާނެ ބަޔަކާ ދޭތެރޭގަ އެވެ.
އެހެން ނަމަވެސް އެކަން މިހާރު މުޅިން ހަމަޖަހިއްޖެ އެވެ. "ދަ މަހާބާރަތާ" 2020 ގައި ސިނަމާ އަށް އަންނާނީ އިންޑިއާގެ އެންމެ އަގު ބޮޑު ފިލްމުގެ ގޮތުގަ އެވެ. އެ ފިލްމަށް ވަނީ 1،000 ކްރޯޑް ރުޕީސް (150 މިލިއަން ޑޮލަރު) ގެ ބަޖެޓެއް މިހާރު ހަމަޖައްސައިފި އެވެ.
"މަހާބާރަތާ" ހަދަން ފަންޑް ކުރަނީ އިންޑިއާ އަށް ނިސްބަތްވާ ޔޫއޭއީގެ މަހުޖަނު އަދި މަޝްހޫރު ވިޔަފާވެރިޔާ ޑރ. ބީއާރް ޝެޓީ އެވެ.
އޭނާ ނެރުނު ބަޔާނެއްގައި "ދަ މަހާބާރަތާ" ހަދަންް ފަންޑް ކުރަން ނިންމިކަން ކަށަވަރުކޮށްދީ، ދެ ބައެއްގެ ގޮތުގައި ފިލްމް ގެނެސް ދޭން ނިންމިކަން އިއުލާންކޮށްފަ އެވެ. އެގޮތުން ފުރަތަމަ ބައި 2020 ގައި ރިލީޒް ކުރުމަށް ފަހު، އޭގެ ދެވަނަ ބައި 90 ދުވަސް ފަހުން ސިނަމާ އަށް ގެންނަން ޖެހެ އެވެ.
އަދި ރާޖަމޯލީ "ދަ މަހާބާރަތާ" ޑައިރެކްޓް ކުރާ އިރު، އޭގެ ވާހަކަ އަސްލަކަށް ބަލަން ޖެހެނީ އެމްޓީ ވަސޫދޭވަން ނައިރް މަލަޔާޅަމް ބަހުން ލިޔެފައިވާ އެވޯޑް ހޯދާފައިވާ ވާހަކަ "ރަންދަމޫޒަން" އަށެވެ. އޭގައި "މަހާބާރަތާ" ގެ ވާހަކަ ކިޔައި ދެނީ ބީމާގެ ނަޒަރުންނެވެ.
ރާޖަމޯލީ "ދަ މަހާބަރަތާ" ސިނަމާ އަށް ގެންނަ އިރު، މީގެ މައިގަނޑު ތިން ކެރެކްޓާ ކުޅޭނެ އެކްޓަރުން ވެސް މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން ރަންޖީކާންތާއި މޯހަންލާލް އަދި ބޮލީވުޑްގެ ތަރި އާމިރް ހާން ފިލްމުން ފެނިގެން ދާނެ އެވެ.
ރާޖަމޯލީ އިހަކަށް ދުވަހު ދިން އިންޓަވިއުއެއްގައި ބުނީ "މަހާބާރަތާ" އާ ބެހޭ ގޮތުން އާމިރާ ވާހަކަ ދައްކައިފައިވާ ކަމަށާއި ފިލްމަށް އާމިރް ވަރަށް ޝައުގުވެރިވާ ކަމަށެވެ.
އަންނަ އަހަރު ޝޫޓިން ފަށާ "ދަ މަހާބާރަތާ" ހަދަން ނިންމާފައި ވަނީ ހަ ބަހުރުވައަކުންނެވެ. އެއީ ހިންދީ، މަލަޔާޅަމް، ތެލެގޫ، ކަންނާޑާ އަދި އިނގިރޭސި ބަހުންނެވެ.
ޑރ. ޝެޓީ ބުނީ އޭނާގެ ބައިވެރިވުމާ އެކު "ދަ މަހާބަރާތާ" ސިނަމާ އަށް ގެނައުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި މި ފިލްމަކީ 100 ބަހުން ޑަބްކޮށްގެން، ތިން ބިލިއަން މީހުންނަށް ދައްކައިލެވޭ ވަރުގެ މޮޅު ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ.