17 އެޕްރީލް 2017 - 16:32

ސޯލް (އެޕްރީލް 17) - ޚިޔާނާތުގެ މައްސަލަތަކެއްގައި މަގާމުން ވަކިކޮށްފައިވާ ސައުތު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގެއުން ހައިގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ރަސްމީކޮށް މިއަދު ކޮށްފި އެވެ.
ޕާކުގެ މައްޗަށް ޕްރޮސެކިއުޓަރުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރިޝްވަތު ނެގުމާއި ގަދަބާރުން ކަންކަން ކުރުމަށް މީހުންނަށް މަޖްބޫރު ކުރުމާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުމާއި ސަރުކާރުގެ ސިއްރުތައް ލީކު ކުރުން ހިމެނެ އެވެ. އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މަގާމުން ދުރުކޮށްފައިވާ ޕާކުގެ ޝަރީއަތް ފަށަންދެން ހުރީ ބަންދުގަ އެވެ.
ޕާކުގެ މައްސަލަ ފަޅާ އެރީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޗޮއި-ސޫން ނަމަކަށް ކިޔާ މީހެއްގެ ނުފޫޒް ވެރިކަމުގެ ތެރެއަށް މާބޮޑަށް ފޯރަން ފެށުމުންނެވެ. ސަރުކާރުގެ އެއްވެސް މަގާމެއް ނެތް ޗޮއި-ސޫން ވަނީ މަގާމުތަކަށް މީހުން ހަމަޖައްސާ ޕާކް ދައްކަވަން ޖެހޭ ވާހަކަތައް ތައްޔާރުކޮށްދީ އަދި ހެދުން އަޅުއްވަންވީ ގޮތް ވެސް ކިޔައިދީފަ އެވެ. ސަރުކާރުގައި އޮތް އޭނާގެ ނުފޫޒް ބޭނުންކޮށްގެން ކުންފުނިތަކުން ވަނީ ރިޝްވަތުގެ ގޮތުގައި އެތައް ފައިސާއެއް ހޯދައިފަ އެވެ. އޭނާ ފައިސާ ހޯދަމުން ދިޔައީ ޗެރިޓީއަކަށް އެހީ ހޯދުމުގެ ނަމުގަ އެވެ. އެ ކަމުގައި ޕާކް ވެސް ބައިވެރިވެޑައިގެންނެވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެކަމަކު އެ ދެ މީހުން ވެސް ވަނީ އެ ކަމަށް އިންކާރު ކޮށްފަ އެވެ.
ފައިސާ ނެގި ކުންފުނިތަކުގެ ތެރޭގައި ސައުތު ކޮރެއާގެ މަޝްހޫރު ސެމްސަން ވެސް ހިމެނެ އެވެ. ރިޝްވަތު ދިންކަމުގެ މައްސަލާގައި ސެމްސަންގެ ވަގުތީ ރައީސް ލީ ޖައި-ޖޮންގެ މައްޗަށް ވެސް މިހާރު ވަނީ ދައުވާކޮށްފަ އެވެ.
ޕާލަމެންޓުގައި ޑިސެމްބަރު މަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓުން ޕާކް މަގާމުން ދުރުކޮށްފައި ވަނީ އެ ގައުމުގެ ދުސްތޫރީ ކޯޓުން އެ ނިންމުމަށް ތާއީދުކޮށް އޭނާ އަށް ލިބިގެންވާ ހުރިހާ އިމްތިޔާޒެއް ވަނީ ނަގައިފަ އެވެ.