ވިލާ ކޮލެޖުން ޓޫރިޒަމް ދާއިރާއަށް އަލަށް، މާސްޓާ އޮފް އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ މެނޭޖްމަންޓް ތައާރަފް ކޮށްފި އެވެ.

ވިލާ ކޮލެޖުގެ ސްކޫލް އޮފް ހޮސްޕިޓަލިޓީ، ޓޫރިޒަމް އެންޑް އެކްސްޕީރިއެންޝަލް އިންޑަސްޓްރީޒުން ކުރިއަށް ގެންދާ އާ ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ޓޫރިޒަމާއި ހޮސްޕިޓަލިޓީ ދާއިރާގައި ލީޑަރޝިޕާއި ސްޓްރެޓީޖިކް ވިސްނުން
ތަރައްގީކޮށްދިނުމަށެވެ.

އެ ޕްރޮގްރާމްގައި، ތިއަރީ އާއި އަމަލީ
ދާއިރާގެ ތަޖުރިބާގެ އެހީގައި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ
ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކަށް ދަރިވަރުން ތައްޔާރުކޮށްދޭނެ އެވެ.

ވިލާ ކޮލެޖުން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު
މަގުސަދުތަކުގެ ތެރޭގައި ޓޫރިޒަމާއި ހޮސްޕިޓަލިޓީ ދާއިރާގައި ދިމާވާ
ގޮންޖެހުންތަކާ ކުރިމަތިލާން ބޭނުންވާ ސްޓްރެޓީޖިކް ލީޑާޝިޕް ހުނަރު
ދަރިވަރުންނަށް ދަސްކޮށްދޭނެ ކަމަށެވެ. އަދި މި ދާއިރާ ކުރިއަރުވަން އިނޮވޭޝަނާއި
އެންޓަޕްރެނަޝިޕަށް ބާރުއެޅުމާއި ޓޫރިޒަމްގެ އޮޕަރޭޝަންތައް ދެމެހެއްޓެނި ގޮތެއްގައި ކުރިއަށް ގެންދިއުން
ހިމެނޭ ކަމަށެވެ.

ވާދަވެރި ދާއިރާއެއްގައި ކުރިއަރައި ދާން ބޭނުންވާ
ގްލޯބަލް މާކެޓިން އާއި ޑިޖިޓަލް ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީ،
ދިރާސާ އާއި އެނަލިޓިކްސް މެދުވެރިކޮށް ހެއްކަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ގާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި ދިނުމަކީ ވެސް މި ޕްރޮގްރާމްގެ އަމާޒެއް ކަމަށް އެ ކޮލެޖުން ބުންޏެވެ. 

އެ ކޯސް ފަރުމާކޮށްފައި ވަނީ ތިން ސެމިސްޓާއަށް ބަހާލައިގެންނެވެ. މި ޕްރޮގުރާމްގެ ފުރަތަމަ ސެމިސްޓަރުގައި ހިމެނޭ މޮޑިއުލްތަކަކީ ކްރިއޭޓިވިޓީ،
އިނޮވޭޝަން އެންޑް އެންޓަޕްރެނަޝިޕް، ކަސްޓަމާ އެކްސްޕީރިއަންސް މެނޭޖްމަންޓް،
ސަސްޓެއިނަބިލިޓީ އެންޑް ރެސިލިއަންސް އިން ޓޫރިޒަމް އޮޕަރޭޝަންސް، އަދި
ސްޓްރެޓެޖީ އެންޑް ލީޑާޝިޕް އެވެ. 

ދެވަނަ ސެމިސްޓަރުގައި ހިމެނޭ މޮޑިއުލްތަކަކީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެންޑް ހޮސްޕިޓަލިޓީ ޑޭޓާ އެނަލިޓިކްސް، ހޮސްޕިޓަލިޓީ
ފައިނޭންޝަލް ޕްލޭނިން އެންޑް ސިމިއުލޭޝަން، ބިޒްނަސް ރިސާޗް މެތަޑްސް އެވެ. އޭގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަންޓް، ގްލޯބަލް މާކެޓިން އެންޑް
ބްރޭންޑް ސްޓްރެޓެޖީ، ހޮސްޕިޓަލިޓީ ލޯ އެންޑް ޕޮލިސީ، އަދި ކަލްޗަރަލް ޓޫރިޒަމް،
މި ހަތަރު އިލެކްޓިވް މޮޑިއުލްގެ ތެރެއިން އެއް މޮޑިއުލް ދަރިވަރުން
ފުރިހަމަކުރަންޖެހޭނެ އެވެ.

މި ޕްރޮގްރާމްގެ ފަހު ސެމިސްޓަރުގައި،
އެކްޝަން ރިސާޗް ޕޭޕާ، އެގްޒެކެޓިވް ޕްރޮޖެކްޓް، އަދި ކޭސް ސްޓަޑީ ރިސާޗް
ޕޭޕާ މޮޑިއުލްގެ ތެރެއިން ދަރިވަރުން ބޭނުންވާ މޮޑިއުލެއް ހިޔާރުކުރެވޭނެ އެވެ. މި ޕްރޮގްރާމްގެ ތިން މޮޑިއުލް އީ-ލާރނިން އަދި
ފޭސް-ޓު-ފޭސްކޮށް ކިޔަވައި ދެ އެވެ. 

މި ޕްރޮގްރާމާ ގުޅޭ ގޮތުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ފަތުރުވެރިކަމަކީ
ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބުކަ މަށާއި އެ ދާއިރާއަށް ބޭނުންވާ ލީޑަޝިޕާއި
ސްޓްރެޓީޖިކް ވިސްނުން ލިބިފައިވާ ގާބިލު ފަންނުވެރިން ބިނާކުރުމަކީ ވިލާ ކޮލެޖުގެ
ޒިންމާއެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އެ ކޮލެޖުން އަލަށް ތައާރަފްކުރި މާސްޓާސް ޕްރޮގްރާމާ އެކު ދާއިރާގައި މިހާރު މަސައްކަތްކުރާ ފަރާތްތަކާއި، ސީނިއާ މަގާމުތަކަށް އަމާޒު ހިފާފައިވާ ފަރާތްތަކަށް ބައިނަލްއަގުވާމީ
ފެންވަރުގެ ތައުލީމެއް ރާއްޖޭގައި ތިބެގެން ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. 

މި ޕްރޮގުރާމާ ގުޅޭ ގޮތުން ވިލާ ކޮލެޖުގެ ސްކޫލް އޮފް ހޮސްޕިޓަލިޓީ،
ޓޫރިޒަމް އެންޑް އެކްސްޕީރިއެންޝަލް އިންޑަސްޓްރީޒްގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ.
މުހައްމަދު އުޒައިން ވިދާޅުވީ މި ޕްރޮގްރާމް
ފަރުމާކޮށްފައި ވަނީ، ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި ހަލުވިކަމާ އެކު
ބަދަލުވަމުން އަންނަ ވިޔަފާރީގެ މާހައުލާ ފައިހަމަކުރެވޭ ފެންވަރުގެ ދަރިވަރުން
ބިނާކުރަން ކަމަށެވެ. އަދި ތިއަރީ އާއި އަމަލީ ތަޖުރިބާ ގުޅުވައިގެން ކުރިއަށްދާ މި
ކަރިކިއުލަމުގައި، ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި ޑޭޓާ އެނަލިޓިކްސްގެ އިތުރުން ސަސްޓެއިނަބިލިޓީއަށް
ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް ވިދާޅުވި އެވެ. 

ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކުގައި ބައިވެރިވެވޭ މި ޕްރޮގްރާމްގެ ޝަރުތުތަކާއި އިތުރު މައުލޫމާތު އެ ކޮލެޖުން ލިބޭނެ އެވެ.