އޮލިމްޕިކް ކޮމިޓީގެ އިންތިހާބު މޭ 5 ގައި
އޮލިމްޕިކް ކޮމިޓީގެ އިންތިހާބު މޭ 5 ގައި

ރާއްޖޭގެ ކުޅިވަރުގެ އެންމެ ޝަރަފްވެރި އިދާރާ ކަމަށްވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަ މޭ މަހުގެ 5 ވަނަ ދުވަހު ބާއްވަން ނިންމައި ގެޒެޓްކޮށްފި އެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ އިންތިހާބުގައި އިންތިހާބުކުރާ މަގާމްތަކަކީ ރައީސް، ނައިބް ރައީސް، ސެކްރެޓަރީ ޖެނެރަލް، ހަޒާންދާރު، އޮލިމްޕިކް ޓީމް ސްޕޯޓްސް އަށް ދެ މަގާމް، އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯޓްސް އަށް ތިން މަގާމް، ނޮން އޮލިމްޕިކް ސްޕޯޓްސް އަށް ދެ މަގާމް އަދި ދެ އަންހެން މެމްބަރުންނެވެ.

މަގާމްތަކަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން ނަން ހުށަހަޅަން ޖެހޭނީ ކޮމިޓީގެ މެމްބަރު އެސޯސިއޭޝަނެއް މެދުވެރިކޮށެވެ. ކުރިމަތިލުމުގެ ފަހު ތާރީހަކީ މި މަހުގެ 23 އެވެ.

ކޮމިޓީގެ ރައީސް ކަމަށް މިހާރުގެ ވެސް ރައީސް މުހައްމަދު ޝަވީދު ކުރިމަތިލައްވާނެކަން ވަނީ އިއުލާންކުރައްވައިފަ އެވެ. އަދި މިދިޔަ ދެ ދައުރުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގު (މަރޭ) ވެސް ވަނީ އާ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.