މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން
އިންތިޒާމު ކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ "އެމްއައިބީ ގެސްޓް ހައުސް
އެވޯޑްސް 2026" ގައި މައިގަނޑު އަށް ކެޓަގަރީއަކުން ކުރިމަތިލުމުގެ ފުރުސަތު
ގެސްޓް ހައުސްތަކަށް ހުޅުވާލައިފި އެވެ.

މި އެވޯޑުގައި ގެސްޓް ހައުސްތަކުން ވާދަކުރެވޭނެ
މައިގަނޑު އަށް ކެޓަގަރީއަކީ:

  • ސާވިސް އެކްސެލެންސް އެންޑް
    ހޮސްޕިޓަލިޓީ: މިއީ މެހުމާންދާރީ އަދި ހިދުމަތުގެ ފެންވަރު
    އެންމެ މަތީ ދަރަޖައިގައި ފޯރުކޮށްދޭ ގެސްޓް ހައުސްތަކަށް ދޭ އެވޯޑެއް.  

  • އޮތެންޓިކް މޯލްޑިވިއަން އެކްސްޕީރިއަންސް: ދިވެހި ސަގާފަތާއި ކާބޯތަކެއްޗާއި އާދަކާދަ އެންމެ ފުރިހަމައަށް ދައްކުވައިދޭ ގެސްޓް ހައުސްތަކަށް ދޭ އެވޯޑެއް 
  • އައިލެންޑް އެކްސްކާޝަންސް އެންޑް އެކްސްޕީރިއަންސަސް: ކަނޑުފަޅުގެ ހަރަކާތްތަކާއި ރަށްރަށަށް ބަލާލަން ބުރުޖެހުމުގައި ރައްކާތެރި އަދި ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ހާއްސަ އެވޯޑެއް
  • ކަލިނަރީ އެކްސްޕީރިއަންސް: މިއީ ކެއިންބުއިމުގެ ހިދުމަތްތައް މޮޅު އަދި ދިވެހި ރަހަތަކަށް އިސްކަންދޭ ގެސްޓް ހައުސްތަކަށް ދޭ އެވޯޑެއް.
  • އީކޯ-ފްރެންޑްލީ އެވޯޑް: މިއީ ތިމާވެށި ރައްކާތެރިކުރުމަށާއި ކުނި މަދުކުރުމާއި ހަކަތަ ސޭވްކުރުމަށް އިސްކަންދޭ ގެސްޓް ހައުސްތަކުގެ އެވޯޑެއް.
  • ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް: މިއީ ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށާއި ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެވޯޑެއް. 
  • ޑިޖިޓަލް ޕްރެޒެންސް އެވޯޑް: ސޯޝަލް މީޑިއާ އާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި އިޝްތިހާރު ކުރުމުގައި ކާމިޔާބު ފަރާތްތަކަށް ދޭ އެވޯޑެއް. 
  • އައިކޮނިކް މެރިން އެންޑް ޑައިވް އެކްސްޕީރިއަންސް އެވޯޑް: މިއީ ކަނޑުއަޑީގެ ހަރަކާތްތަކާއި ޑައިވިން ހިދުމަތްތައް ރައްކާތެރިކަމާއެކު، ތިމާވެއްޓަށް ގެއްލުންނުވާ ގޮތަށް ފޯރުކޮށްދޭ ފަރާތްތަކަށް ދޭ އެވޯޑެއް. 

އެމްއައިބީން ބުނީ މި
އެވޯޑުތަކަށް އިންސާފު ކުރާނީ ދެފުށް ފެންނަ އިންތިޒާމެއްގެ ދަށުން އެވޯޑަށް ހުށަހަޅާ
ހެކިތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެކި ފަންތީގެ
ގެސްޓް ހައުސްތަކުގެ މެދުގައި އިންސާފުވެރި މުބާރާތެއް ބޭއްވުމަށްޓަކައި، ކޮޓަރީގެ
އަދަދަށް ބަލައި ދެ ގްރޫޕަކަށް (ޓިއާ) ބަހާލައިގެން އެވޯޑުތައް ވަޒަންކުރުމަށް
ވަނީ ނިންމާފައި ކަމަށް ބުންޏެވެ. 

ޓިއާ 1 ހާއްސަކޮށްފައި ވަނީ 3
ކޮޓަރިއާއި 10 ކޮޓަރިއާ ދެމެދުގެ ކުދި ގެސްޓް ހައުސްތަކަށެވެ. ޓިއާ 2 އެއީ 11 ކޮޓަރިން
ފެށިގެން މަތީގެ ގެސްޓް ހައުސްތަކަށެވެ.

އެމްއައިބީއިން މި އެވޯޑަށް ހާއްސަ ކޮށްފައިވާޕޯޓަލްމެދުވެރިކޮށް މިހާރު ހުށައެޅޭނެ އެވެ.