ނިއު ރޭޑިއަންޓުން އަންނަ ސީޒަނަށް ބްރެޒިލް
ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް (ޑޮރީ) އައި ލައިބީރިއާ ގައުމީ ޓީމުގެ ޑިފެންޑަރު އަލްބަޓް
ކަޔީ ސްވެން ގެ ސޮއި ހޯދައިފި އެވެެ.
މީގެ އިތުރުން މިދިޔަ ސީޒަނުގައި ނިއު އަށް
ކުޅުނު ބްރެޒިލް އެޓޭކިން މިޑްފީލްޑަރު ލުއިސް ގޯމޭސް ޑި ސިލްވާ އާއި ލައިބީރިއާ ޑިފެންޑަރު
އަބްދުﷲ ބިލިޓީގެ ކޮންޓްރެކްޓް ވަނީ އާކޮށްފަ އެވެ.
ބިދޭސީ އަނެއް ދެ ކުޅުންތެރިން ކަމަށްވާ
އުޒްބެކިސްތާން ޑިފެންޑަރާއި، ގާނާ ފޯވާޑް ނުގެންނަން ވަނީ ނިންމައިފަ އެވެ.
ނިއު އިން ވަނީ އިއްޔެ ބޭއްވި
ރަސްމިއްޔާތެއްގައި ޑޮރީ އާއި ލުއިސްއާ އެކު ކޮންޓްރެކްޓުގައި ސޮއިކޮށްފަ އެވެ.
ނިއު އަށް ގެނައި ބްރެޒިލް ފޯވާޑް ޑޮރީ އަކީ
ބްރެޒިލްގެ ފްލުމެނިނެސްއާ އެކު ކެރިއަރު ފަށައި އެ ކްލަބާ އެކު، ކޮޕަ ލިބެޓަޑޯރެސްގެ
ފައިނަލަށް ދަތުރުކޮށްފައިވާ ކުޅުންތެރިޔެކެވެ. އޭނާ އަކީ ފަހަކަށް އައިސް
ބަންގްލަދޭޝް ލީގުގައި ވަރަށް ބޮޑަށް ވިދާލި ކުޅުންތެރިއެކެވެ. އެގޮތުން ޑާކާ
އަބަހާނީ އާއި ބަޝުންދުރާ ކިންގްސްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. އަދި
އިންޑިއަން ސުޕަ ލީގުގެ އޮޑިޝާ އަށް ވެސް ކުޅުނެވެ.
ނިއު އިން ވަނީ ގައުމީ ޓީމުގެ ދެ ޑިފެންޑަރުން
ކަމަށްވާ އަހުމަދު އަބްދުﷲ (ލިލީ) އާއި އަމްދާން އަލީ (އެންޑީ) ވެސް ގެނެސްފަ އެވެ.
މިދިޔަ ސީޒަނުގެ އެފްއޭ ކަޕުގެ ޗެމްޕިއަން ނިއު
އިން ސީޒަން ފަށާނީ މި މަހު 31 ގައި މާޒިޔާއާ ދެކޮޅަށް ކުޅޭ ޗެރިޓީ ޝީލްޑް
މެޗުންނެވެ. އޭގެ ފަހުން އަންނަ މަހު އޮންނަ ކަޕްވިނާސް ކަޕުގައި ވާދަކުރާނެ އެވެ.