ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް ބީސީއާ ދެކޮޅަށް ވާދަވެރި ކުޅުމަކަށް ފަހު 60-57 އިން މޮޅު ވެގެން ކިންގްސް ބާސްކެޓްބޯލް ކްލަބުން އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.

މިއީ 2016 ވަނަ އަހަރު ވުޖޫދުވި ކިންގްސް ބީސީން އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޗެމްޕިއަންކަން ހޯދާފައި ވަނީ 2019 ވަނަ އަހަރުގެ ފައިނަލްގައި 100-58 ޕޮއިންޓުން ރެޕްޓާސް ބަލި ކޮށްފަ އެވެ. އޭގެ ފަހުން 2022 ގެ ފައިނަލްގައި 81-70 އިން ޓީރެކްސް ބަލި ކުރި ނަމަވެސް، މިދިޔަ އަހަރުގެ ފައިނަލްގައި ޓީރެކްސް ވަނީ ކިންގްސް އަށް ތަށި މިލްކު ކުރުމުގެ ފުރުސަތު ނުދީ 62-54 އިން ކިންގްސް ބަލި ކޮށްފަ އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕް ކަޕް ރަނަރަޕް ޓީރެކްސް.-- ފޮޓޯ: އެމްބީއޭ

އެމްބީއޭ ޗެމްޕިއަންޝިޕް ކަޕް ރަނަރަޕް ޓީރެކްސް.-- ފޮޓޯ: އެމްބީއޭ

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ކިންގްސް ކާމިޔާބު ކުރި ނަމަވެސް، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ އިސްމާއިލް ވިލްދާން ޔޫސުފް އެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޓީރެކްސްގެ ވިލްދާން އާއި އައިކް އަހުމަދު މައުރޫފް އަދި މުހައްމަދު ނާފް އިރުޝާންގެ އިތުރުން ރެޑްވިންގްސްގެ ލައިލް އަހުމަދު ޝިފާން އާއި މުހައްމަދު އަޝްމަލް އަހްމަދެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްވިންގްސްގެ ޒައިދާން އާތިފް ޝަކޫރެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން.-- ފޮޓޯ: އެމްބީއޭ

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން.-- ފޮޓޯ: އެމްބީއޭ

ކިންގްސް ބީސީ ފައިނަލަށް ދިޔައީ ކަޕް ސެމީ ފައިނަލްގައި ރެޑްވިންގްސްއާ ވާދަކޮށް 92-85 އިން މޮޅު ވެގެންނެވެ. ޓީރެކްސް ވަނީ 101-56 އިން ސްޓިންގާސް ބަލި ކޮށްފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ރެޑްވިންގްސްގެ ޒައިދާން.-- ފޮޓޯ: އެމްބީއޭ

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ރެޑްވިންގްސްގެ ޒައިދާން.-- ފޮޓޯ: އެމްބީއޭ

ފިރިހެން ޑިވިޝަން ކުރިއަށް ގެންދިޔައީ ވާދަ ކުރި 23 ޓީމު ހަ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނުނީ ސްޕާޓަންސް، ފީނިކްސް ބާސްކެޓްބޯލް ކްލަބް، މަމްބާ ބާސްކެޓްބޯލް ކްލަބް އަދި ވައިކިންގްސްއެވެ. ގްރޫޕް ދޭއްގައި ހިމެނުނީ ޓީރެކްސް، އޮނި ސްޕޯޓްސް ކްލަބް، ލޭންސާސްގެ އިތުރުން ރައިނޯސް ބާސްކެޓްބޯލްއެވެ. ގްރޫޕް ތިނެއްގައި ހިމެނުނީ ރެޑްވިންގްސް، ހުޅުމާލެ ސްޕޯޓްސް ކްލަބް، ހަރިކޭން ބީސީ އަދި ސޮނިކް ބާސްކެޓްބޯލް ކްލަބެވެ. ގްރޫޕް ހަތަރެއްގައި ކިންގްސް ބާސްކެޓްބޯލް ކްލަބް، އެލްކިއު ސްޕޯޓްސް ކްލަބް، އަންރޭންކްޑް ބާސްކެޓްބޯލްގެ އިތުރުން ޑްރެގަންސް ވާދަ ކުރި އިރު، ގްރޫޕް ފަހެއްގައި ހިމެނުނީ ނެޓްސް ބީސީ، ވެސްޓް އެންޑް ސްޕޯޓްސް ކްލަބް އަދި ވުލްވްސްއެވެ. ގްރޫޕް ހައެއްގައި ހިމެނުނީ ރޯޔަލްސް ބީސީ އާއި ސްޓާ ސްޕޯޓްސް ކްލަބް އަދި ޓްރޯޖަންސް ބާސްކެޓްބޯލް ކްލަބެވެ.

އެންބީއޭ ޗެމްޕިޮއަންޝިޕް ޝީލްޑް މެޗު ކާމިޔާބު ކުރީ ނެޓްސް ބީސީ.-- ފޮޓޯ: އެމްބީއޭ

އެންބީއޭ ޗެމްޕިޮއަންޝިޕް ޝީލްޑް މެޗު ކާމިޔާބު ކުރީ ނެޓްސް ބީސީ.-- ފޮޓޯ: އެމްބީއޭ

އެމްބީއޭ ޗެމްޕިއަންޝިޕް ޝީލްޑް މެޗު ވެސް އިއްޔެ ކުރިއަށް ގެންދިޔަ އެވެ. ޝީލްޑް ފައިނަލްގައި އިއްޔެ ހަވީރު އެލްކިއު ސްޕޯޓްސް ކްލަބް 85-49 އިން ބަލި ކޮށްގެން ކާމިޔާބު ކުރީ ނެޓްސް ބީސީ އެވެ. ޝީލްޑް ސެމީގައި ނެޓްސް ވަނީ 75-61 ޕޮއިންޓުން ސްޕާޓަންސް ބަލި ކޮށްފަ އެވެ. އަދި ދެވަނަ ސެމީގައި އެލްކިއު ސްޕޯޓްސް މޮޅުވީ ލޭންސާސްއާ ވާދަ ކޮށް 75-69 އިންނެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގެ އިތުރުން މާފަންނު ކުޅިވަރު އެކުވެނީގައި ހުންނަ ބާސްކެޓްބޯލް ޓްރޭނިން ސެންޓަރުގައި ވެސް، މި މަހުގެ 4 އިން 22 އަށް ކުރިއަށް ގެންދިޔަ އެމްބީއޭ ޗެމްޕިއަންޝިޕްގެ މެޗުތައް ކުރިއަށް ގެންދިޔަ އެވެ.