17 އެޕްރީލް 2017 - 14:09

ޓޫރިސްޓް ވިސާގައި ބައެއް ބިދޭސީން ގެނެސް އެ މީހުން ލައްވާ މަސައްކަތްކުރުވާތީ، އެކަމާ ދެކޮޅަށް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ އިންޒާރު ދީފި އެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޓޫރިސްޓް ވިސާގައި އަންނަ ބިދޭސީން މަސައްކަތްކުރާ ނަމަ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ގާނޫނުގައިވާ ގޮތުން އެ ކުށުގައި ދިވެއްސަކު ހިމެނޭ ނަމަ 50،000ރ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވެ އެވެ. ގާނޫނާ ހިލާފަށް ބިދޭސީއަކު އެގޮތަށް މަސައްކަތްކުރާ ނަމަ 15،000-50،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ފުރުސަތު އޮވެ އެވެ.
އިމިގްރޭޝަންގެ އިންޒާރު އައި އިރު ބަންގްލަދޭޝްގެ މަސައްކަތު މީހުން ރާއްޖެ ގެނައުން އިމިގްރޭޝަނުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ. ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ލޭބަރުންގެ ގޮތުގައި އުޅޭ ބަންގްލަދޭޝް މީހުންނަށް ވިސާ ނުލިބޭތީ، އޭގެ އުނދަގޫ ދިވެހި ކުންފުނިތަކާއި ވަކިވަކި ފަރުދުންނަށް ވެސް ކުރިމަތިވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވެވޭނީ ހަމައެކަނި ޗުއްޓީ ހޭދަކުރާށެވެ. އެހެންކަމުން އެ ވިސާގައި ރާއްޖެ އެތެރެވާ ބިދޭސީއަކު އެއްވެސް މަސައްކަތެއް ކުރާ ނަމަ، އޭނާ އާއި އޭނާއާ ހަވާލުވެ ހުރި ދިވެހި މީހާއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އެފަދަ ކުށެއް ކުރާ ދިވެހި މީހާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިހުތިޔާރު ވެސް އިމިގްރޭޝަނަށް ލިބިފައިވެ އެވެ.