17 އެޕްރީލް 2017 - 13:40

ގުދުސް (އެޕްރީލް 17) - އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.

ހަޅުތާލުގައި އެންމެ އިސްކޮށް ހުރީ އިޒްރޭލުން އުމުރަށް ޖަލަށްލާފައި ހުރި ފަލަސްތީނުގެ މަރްވާން ބަރްގޫތީ އެވެ. ރައީސް މަހްމޫދު އައްބާސްގެ ފަތަހަ ޖަމާއަތުގައި ވެސް ހިމެނޭ އިސް މެންބަރެއް ކަމަށްވާ ބަރްގޫތީ އަކީ އައްބާސް އަށް ފަހު ފަތަހަ ޖަމާއަތުގެ ޒައާމަތާ ހަވާލުވާނެ ފަރާތް ކަމަށް ބެލެވެ އެވެ. މި ހަޅުތާލާ ގުޅިގެން ހުޅަނގު އައްސޭރީގައި އިތުރު ހަމަނުޖެހުންތައް އުފެދޭނެ ކަމަށް ބެލެވެ އެވެ.
އިޒްރޭލްގެ ޕްރިޒަން ސާވިސް އިން ބުނީ އެ ގައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ތެރޭން 1،187 މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވަމުންދާ ކަމަށެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދަނީ ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ފަލަސްތީނުގެ ގައިދީންގެ ދުވަހާ ދިމާކޮށެވެ.
ފަލަސްތީނުން ގަބޫލް ކުރަނީ އިޒްރޭލުގެ ޖަލުތަކުގައި ތިބީ އެ ގައުމުގެ ސިޔާސީ ގައިދީން ކަމަށެވެ. ގިނަ މީހުން ބަންދުކޮށްފައި ވަނީ އިޒްރޭލް މީހުންނަށް ހަމަލާ ދީގެންނެވެ. އަނެއް ބަޔަކު ތިބީ އިޒްރޭލުން ގެންގުޅޭ "އިދާރީ ބަންދު" ގަ އެވެ. އިދާރީ ބަންދުގެ ދަށުން އެއްވެސް ކުށެއް ނެތި ހަ މަސް ދުވަސް ވަންދެން ޖަލުގައި ގެންގުޅެވެ އެވެ. ހަ މަސް ހަވަމުމުން އަނެއްކާ ވެސް މުއްދަތު އިތުރު ކުރެ އެވެ.
ފަލަސްތީނުގެ ޕްރިޒަން ގްރޫޕްތަކުން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 7،000 ގައިދީން ތިބި ކަމަށެވެ.