ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އެއްވުންތައް ބާއްވައި ދަންވަރު ގަޑީގައި އުފާ ފާޅުކުރުން ފުލުހުން މަނާކޮށްފި އެވެ.
ގިނަ ބައެއްގެ ޝައުގުވެރިކަން އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ މެންދަމު 12:00 ގައި އާޖެންޓީނާ އާއި ސްޕެއިން ވާދަކުރަން ހަމަޖެހިފައިވާއިރު ދިވެހި ފުލުހުން އާންމު އިލްތިމާސްއެއް ދެންމެ ވަނީ ނެރެފަ އެވެ.
އެ އިލްތިމާސްގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކޮށް އަމާންކަން ދަމަހައްޓަން ވަނީ އިރުޝާދު ދީފަ އެވެ. ދަންވަރު ވަގުތު މަގުމަތީގައި އަޑުގަދަނުކުރުމާއި ބާރަށް ލަވަޖެހުމާއި ބަރުގޮނު އެޅުން ފަދަ އުނދަގޫވާ ކަންކަން ނުކުރަން އަންގާފައިވެ އެވެ.
އަދި އާންމު ތަންތަނުގައި ބަހައްޓާފައި ހުންނަ ސްކްރީނުތަކުން މެޗު ބަލާއިރު ދަތުރުފަތުރަށް ހުރަސްއެޅިދާނެ ކަންކަމުން ދުރުހެލިވުމަށް ވެސް ފުލުހުން އަންގާފައިވެ އެވެ.
މެޗު ނިމުމަށްފަހު ސައިކަލް ބުރުޖެހުމާއި ބައިބަޔަށް އެއްވެ އުޅުން ފަދަ ކަންކަން ނުކުރަން ވެސް ފުލުހުން އަންގާފައިވެ އެވެ. އޭގެއިތުރުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަވަށްޓެރިންގެ ހަމަޖެހުމަށް އިސްކަންދޭން އަންގާފައިވެ އެވެ.
ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ އަދާޔާހިލާފު ތާއިދެއް އޮންނަ އާޖެންޓީނާ ވާދަކުރި ސެމީ ފައިނަލް މެޗާ ދިމާކޮށް ވެސް ފުލުހުން މިފަދަ އެންގުމެއް ނެރުނެވެ.
އާޖެންޓީނާ ކުޅޭ މެޗުތައް އޮންނަ ރޭރޭ އާންމުކޮށް މާލޭގެ މަގުމަތި ވަރަށް ބޮޑަށް ހަލަބޮލިވެ އެވެ. އާންމު ތަންތަނުގައި ބަހައްޓާފައި ހުންނަ ސްކްރީން ކައިރިއަށް ގިނަ އަދަދެއްގެ މީހުން އެއްވެ މެޗު ބަލަ އެވެ. އަދި މެޗަށް ފަހު އުފާ ފާޅުކުރުމުގެ ގޮތުން މަގުމަތީ ހިނގާލުމާއި ދިދަތައް ހިފައިގެން ސައިކަލް ބުރު ޖެހުން ފަދަ ކަންކަން ކުރެ އެވެ.