16 ޖޫން 2016 - 15:28

ގާނޫނާ ހިލާފު ކަންތައްތައް ކުރާތީ އިސްލާހުކުރުމުގެ ގޮތުން 21 ކުއްޖަކު މިއަދު ދ. ވާނީއަށް ފޮނުވާލައިފި އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާހުކުރުމުގެ ޕްރޮގްރާމެއްގެ ދަށުން އެ ކުދިން ވާނީއަށް ފޮނުވީ 27 ޓްރޭނަރުންނާ އެކުގައި ކަމަށެވެ.
ގޭންގުތަކުގައި އުޅޭ ކުޑަކުދިން އިސްލާހުކުރުމުގެ ބޭނުމުގައި ވާނީގައި ހެދި ތަނަށް 50 ކުއްޖަކު ގެންދާނެ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
އުމަރު ވިދާޅުވި ގޮތުގައި އެ ކުދިން ގެންދާނީ މައިންބަފައިންގެ ރުހުމުގަ އެވެ.
"މައިންބަފައިންގެ ރުހުން ނުލިބޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާނީ ކޯޓު އަމުރެއްގެ ދަށުން. ކުދިން ބެލެހެއްޓުމަކީ މައިންބަފައިންގެ ޒިންމާއެއް. އެކަމަކު އެ ޒިންމާ އެމީހުންނަށް އަދާނުކުރެވުނީމާ، ދައުލަތަށް އެބަ ޖެހޭ އެ ކުދިން ނަގައިގެން ކުދިން ރަނގަޅު ކުރަން. އެ ޒިންމާ ދައުލަތުން މި ނަގަނީ،" އުމަރު ވިދާޅުވެފައިވެ އެވެ.
ގޭންގްތަކަށް ނިސްބަތްވާ ކުދިން އިސްލާހުކުރުމަށްޓަކައި ވާނީ ކޭމްޕްގައި ދެ މަސް ދުވަހު ބައިތިއްބާނެ އެވެ. އޭގެ ފަހުން ހަ މަސް ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމެއްގައި އެ ކުދިން ބައިވެރިކުރާނެ ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ.