ބީއެމްއެލް އިން އެޑިއުކޭޝަން ލޯނާއި ފައިނޭންސިން އަށް ދޫކުރާ ލޯނު ފައިސާ ޑޮލަރުން ދޭން ނިންމައިފި އެވެ.
އެ ބޭންކުން މިއަދު ބުނީ، ޑޮލަރުން ލޯނު ލިބޭނީ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުން ހުރި ސެޓިފިކޭޝަން ފީ ދެއްކުމަށް ކަމަށެވެ.
މިއީ އެއްވެސް ރަހުނަކަ ނުލާ ދޫކުރާ ފައިނޭންސިން އެވެ.
ބޭންކުން ބުނީ، ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ، ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް އެ އުސޫލުން ޑޮލަރުން ފައިނޭންސިން ލިބުމުން ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމަށް އިތުރު ފަސޭހައެއް ލިބޭނެ ކަމަށެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، އެ ފައިނޭންސިންގެ ދަށުން ކޯސް ފީތައް ބޭންކުން ސީދާ ތައުލީމީ މަރުކަޒުތަކަށް ނުވަތަ ކަމާ ގުޅޭ އިދާރާއަކަށް ޓީޓީ މެދުވެރިކޮށް ފޮނުވައި ދޭނެ އެވެ. އަދި ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް ކަސްޓަމަރުންގެ އެކައުންޓަށް ވެސް ޖަމާކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގެނައި ބަދަލެއް ކަމަށެވެ.
ބީއެމްއެލް އިން އަންނަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ޑޮލަރު ފަސޭހައިން ލިބޭނެ ގޮތްތައް ފަހިކޮށްދެމުންނެވެ. އެގޮތުން ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރާ ވަރު އިތުރު ކުރުމަށް ޑޮލަރު ގަންނަ ހާއްސަ ޕްލެޓްފޯމެއް ވެސް ވަނީ ހުޅުވައިލާފަ އެވެ.