ފީފާ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ އާއި ސްޕެއިން މިރޭ ބައްދަލުކުރާ މެޗު ބަލަން ގިނަ ބަޔަކު ހޭލައި ތިބޭނެތީ، އިންޑިއާގެ ކެރެލާ ސްޓޭޓްގެ ޖެނެރަލް އެޑިއުކޭޝަން ޑިޕާޓްމަންޓުން މާދަމާ އަކީ އެ ޑިޕާޓްމަންޓްގެ ދަށުން ހިންގާ ހުރިހާ ސްކޫލްތަކަކަށް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
މި ގޮތަށް ނިންމީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅޭ ފައިނަލް މެޗު ބަލަން، ފުޓްބޯޅައަށް ލޯބިކުރާ ކުދިން ހޭލާ ތިބެން ބޭނުންވާތީ، ބަންދު ދުވަހެއް ދިނުމަށް އެދެމުން ދާތީ އެވެ.
"ހުރިހާ ކުދިން، މިހާރު އުފާވެއްޖެތަ؟" ކެރެލާގެ އެޑިއުކޭޝަން މިނިސްޓަރު އެން. ޝަމްސުއްދީން ސޯޝަލް މީޑިއާގައި ކުދިންނަށް މުހާތަބުކުރައްވައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ބަންދު ދުވަސް ދިނީ މެޗު ބަލަން ބޭނުންވާ ކުދިންގެ އެދުމުގެ މަތިންނެވެ. އިންޑިއާ ގަޑިން މި މެޗު ފަށާނީ ދަންވަރު 12:30 ގަ އެވެ.
މި ބަންދު ދުވަސް ދިނުމަށް ސިޔާސީ އެކި ފަރާތްތަކުން ވެސް ވަނީ ސަރުކާރުގައި އެދިފަ އެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ވީ. ސިވަންކުއްޓީ ވަނީ ދަންވަރު މެޗު އޮތުމުން ހޯމަ ދުވަހުގެ ހެނދުނު ކުދިންނަށް ސްކޫލަށް ދާން އުނދަގޫވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ގެއްލޭ ދުވަސް ފޫބެއްދުމަށްޓަކައި ކުރިއަށް އޮތް ހޮނިހިރު ދުވަހެއްގައި ސްކޫލް ހުޅުވައިގެން ކިޔަވައިދިނުމަށް އޭނާ ލަފާދެއްވި އެވެ.
ވޯލްޑް ކަޕްގެ ފައިނަލް މެޗު އާދީއްތަ ދުވަހު ނިއު ޔޯކް ނިއުޖާޒީ ސްޓޭޑިއަމްގައި ކުޅޭއިރު، މިއީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދިޔަ ސްޕެއިން ބައްދަލުކުރާ ފޯރިގަދަވާނެ މެޗެކެވެ. މީގެ އިތުރުން، ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުޕަ ބޯލް ސްޓައިލްގެ ހާފް-ޓައިމް ޝޯއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ޝޯގައި، މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޖަސްޓިން ބީބާ، މެޑޯނާ، ޝަކީރާ އަދި ބީޓީއެސް ފަދަ ފަންނާނުން ޕާފޯމްކުރާނެ އެވެ.