ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލެއިން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު 838،434ރ. ގެ ތެރެއިން 98 ޕަސެންޓު ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް މާލެ އިން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި 838,434ރ. ގެއްލިގެން ރިޕޯޓުކުރި ކަމަށެވެ. އޭގެ ތެރެއިން ފުލުހުންގެ މަސައްކަތުން 826،730ރ. ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އެންމެ ގިނަ އަދަދެއްގެ ފައިސާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށެެވެ. ޖުމުލަ 407،553ރ. ގެއްލިގެން އެ ސްޓޭޝަނަށް ރިޕޯޓުކޮށްފައިވާއިރު ގަލޮޅު ޕޮލިހަށް ވަނީ 203،968ރ. ގެއްލިގެން ރިޕޯޓުކޮށްފަ އެވެ. އަދި ހެންވޭރު ޕޮލިހަށް ވައްކަމާއި ފޭރުމުގައި 200،578ރ. ގެއްލިގެން ރިޕޯޓުކުރިއިރު އެ މުއްދަތުގައި އެއާޕޯޓު އަދި ޓޫރިސްޓު ޕޮލިސްއަށް 26،335ރ. ގެއްލިގެން ރިޕޯޓޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފުލުހުން ބުނި ގޮތުގައި ގެއްލިގެން ރިޕޯޓުކުރި ފައިސާގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގެއްލުނު އަދަދު އެއްކޮށް ވަނީ ރިކަވާ ކޮށްފަ އެވެ. އަދި މާފަންނު ޕޮލިހުން ވެސް 396،888ރ. ރުފިޔާ ރިކަވާ ކޮށްފައިވާ ކަމަށާއި ހެންވޭރު ޕޮލިހުން 175،250ރ. ރިކަވާ ކޮށްފައިވާ ކަމަށް ބުންޏެވެ. އަދި ގަލޮޅު ޕޮލިހުން ވަނީ 225،215ރ. އަނބުރާ ހޯދައިފަ އެވެ.
ފުލުހުން ވަނީ ކުރިން ވިލިމާލޭ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލައެއްގައި ގެއްލުނު ފައިސާގެ ތެރެއިން 3،042ރ. ވެސް އެ މުއްދަތުގައި އަނބުރާ ހޯދައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެކަމުން ދައްކުވައިދެނީ މައްސަލަތައް ތަހުގީގުކޮށް، ގެއްލުނު ފައިސާ އަނބުރާ ވެރިފަރާތަށް ހަވާލުކުރުމަށް ފުލުހުންގެ އޮފިސަރުން ވަރުބަލި ކަމެއް ނެތި ކުރާ ބުރަ މަސައްކަތެވެ. އެއީ ރިކަވަރީއަކީ ފުލުހުންގެ ޓީމުތަކުގެ މަސައްކަތް ކަމަށާއި އެއީ މުޖުތަމައުއަށް ކުރާ ހިދުމަތް ކަމަށް ބުންޏެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބިފައިވާ އިތުބާރު ދެމެހެއްޓުމުގައި ދެމިތިބޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.