މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބޭންކް އެކައުންޓްތައް ފްރީޒުކުރަން ސިވިލް ކޯޓުން މިއަދު އަންގައިފި އެވެ. 

ރާއްޖޭގައި ބޭރު އެކި ފަންޑިންތަކުގައި ގިނަ ޕްރޮޖެކްޓުތަކެއް ހިންގާ ޓްރާންސްޕޭރެންސީގެ ބޭންކް އެކައުންޓް ފްރީޒު ކުރަން ސިވިލް ކޯޓުން އެންގީ އެ ޖަމިއްޔާ އިން ވަކިކުރި މުވައްޒަފެއްގެ ވަޒީފާގެ މައްސަލައިގެ ބަދަލު ނަގައިދިނުމުގެ މައްސަލައެއްގެ ތެރެއިންނެވެ. 

އެ މުވައްޒަފުގެ ފަރާތުން ޓްރާންސްޕޭރެންސީގެ އެކައުންޓް ފްރީޒުކޮށް، އޭނާ އަށް ދޭންޖެހޭ ފައިސާ ނަގައިދޭން ސިވިލް ކޯޓަށް ހުށަހެޅީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. އޭނާ އެދުނު ގޮތަށް އެކައުންޓް ފްރީޒު ކުރުމުގެ އަމުރެއް މިއަދު ސިވިލް ކޯޓުން ނެރެފައިވާ ކަން އެ މުވައްޒަފަށް އަންގާފައިވާ ކަމަށް އޭނާގެ ވަކީލުންގެ ޓީމުން ބުންޏެވެ.

މި މައްސަލަ ފެށުނީ ޓްރާންސްޕޭރެންސީގެ ވަޒީފާގައި އުޅުނު އަލީ ޝަރީފު ކިޔާ މީހަކާ ދެމެދު ގާއިމް ކޮށްފައިވާ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އޭނާ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ހިސާބުންނެެވެ.

އަލީ ޝަރީފަށް އެހެން ޖަމިއްޔާއަކުން ވަޒީފާ ހުށަހެޅިކަން ޓްރާންސްޕޭރެންސީގެ ވެރިންނަށް އެންގި ހިސާބުން އޭނާ ވަޒީފާއަށް ނުކުންނާނެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި ވަކި ތާރީހެއް ކަނޑައަޅައި އެހެން މުވައްޒަފުންނަށް އެކަން އަންގާފައިވެ އެވެ. ނަމަވެސް، އެއީ އޭނާއާ ދެމެދު އޮތް ވަޒީފާގެ އެއްބަސްވުމާ ހިލާފުވާ ތާރީހެކެވެ. އެހެންވެ، އެ މައްސަލަ އަލީ ޝަރީފު ޓްރައިބިއުނަލަށް ހުށަހެޅީ އެވެ. 

އެ ދުވަހުން ފެށިގެން އޭނާއަށް އެކި ފުރައްސާތަކާއި ދައްޗާއި ތަފާތުކުރުންތައް ކުރިމަތި ކުރުވި ކަމަށް ބުނެ ވަޒީފާ އިން ވަކިވުމަށް މަޖުބޫރުވެގެން ނޯޓިސް ދީފައިވެ އެވެ.

އެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވަނީ އަލީ ޝަރީފު ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ނޫން ކަމަށެވެ. އަދި އޭނާއަކީ ވަޒީފާއިން ވަކިވި މުވައްޒަފެއްގެ ގޮތުގައި ނުބަލައި، އަލުން ވަޒީފާ ރުޖޫއަކުރަން އެންގި އެވެ. 

ގެއްލުމުގެ ބަދަލުގެ ގޮތުގައި އަލީ ޝަރީފު ވަޒީފާ އިން ވަކިވި ތާރީހުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިންމި ތާރީހާ ދެމެދު އޭނާ އަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ޓްރާންސްޕޭރެންސީގެ މައްޗަށް އަމުރުކުރި އެވެ. އެ ހިސާބުން ބަލާ ނަމަ އެއީ 356،932ރ. އެވެ. 

އެ އަމުރާ ހިތްހަމަނުޖެހޭތީ ޓްރާންސްޕޭރެންސީން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ. ނަމަވެސް، ހައި ކޯޓުން ވެސް ތާއިދުކޮށްފައިވަނީ ޓްރައިބިއުނަލްގެ ނިންމުމަށެވެ. 

ހައި ކޯޓުގެ އެ ހުކުމާ ގުޅިގެން ސިވިލް ކޯޓަށް ތަންފީޒީ މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލާގައި މިދިޔަ މަހުގެ ތެރޭގައި ވަނީ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ތިން ދުވަހުގެ ތެރޭގައި އަލީ ޝަރީފަށް ދޭން އަމުރުކޮށްފަ އެވެ. ނަމަވެސް، އެ އަމުރާ އެއްގޮތަށް އެ ފައިސާ ޓްރާންސްޕޭރެންސީން ދީފައެއް ނުވެ އެވެ. 

އެހެންވެ، އަލީ ޝަރީފުގެ ފަރާތުން އަވަސް ފިޔަވަޅުތަކެއް ޓްރާންސްޕޭރެންސީގެ މައްޗަށް އަޅައިދިނުމަށް ހުށަހަޅައި، އެކައުންޓް ފްރީޒު ކުރަން އެދުނެވެ. އެކައުންޓްތައް ފްރީޒުކުރުމަށް ފަހު، ބަދަލުގެ ފައިސާ ކޯޓުން ނަގައި، އަލީ ޝަރީފަށް ހަވާލުކޮށްދޭން ވެސް އޭނާ އެދިފައިވެ އެވެ.