ފޭސްބުކްގެ ހިދުމަތްތައް ކުއްލިއަކަށް ދުނިޔޭގެ އެކި ގައުމުތަކުގައި ހުއްޓުމަކަށް އަތުވެއްޖެ އެވެ.

އެ އެޕްލިކޭޝަން ބޭނުންކުރާ ގިނަ އަދަދެއްގެ ބަޔަކަށް އެކައުންޓްތަކަށް ނުވަދެވި، އަދި އާންމުކޮށް ބޭނުންކުރާ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. މީގެ އިތުރުން މެޓަ ކުންފުނީގެ އިންސްޓްގަރާމަށް ވެސް ވަނީ މައްސަލަތައް ކުރިމަތިވެފަ އެވެ. 

އެކި މީސްމީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެބްސައިޓް މެދުވެރިކޮށް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް އެކައުންޓަށް ލޮގިން ނުވެވޭ މައްސަލަތަކުގެ އިތުރުން، ނިއުސް ފީޑް އަޕްޑޭޓް ނުވުމާއި ލޯޑްވާން މާ ގިނަވަގުތު ނެގުން ފަދަ އެތައް މައްސަލައެއް ވަނީ ކުރިމަތިވެފަ އެވެ.

ބައެއް މީހުންނަށް ފޮޓޯ އާއި ވީޑިއޯ އަޕްލޯޑް ކުރުމުގަ އާއި ފޭސްބުކާ ގުޅިފައިވާ މެސެންޖާ މެދުވެރިކޮށް މެސެޖު ފޮނުވުމުގައި ވެސް ދަތިތަކެއް ކުރިމަތިވި އެވެ.

މި މައްސަލަ ދިމާވި ގިނަ އަދަދެއްގެ މީހުން އަންނަނީ އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި، ހާއްސަކޮށް "އެކްސް" ގައި މިކަމުގެ ޝަކުވާ ކުރަމުންނެވެ. 

ފޭސްބުކްގެ މައި ކުންފުނި، މެޓާ އިން މިހާތަނަށް އަދި މިކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ.