ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 20 ވަނަ ދުވަހަކީ
ބައިނަލްއަގުވާމީ ޗެސް ފެޑެރޭޝަން (ފީޑޭ) އިން ކަނޑައަޅައިފައިވާ ބައިނަލްއަގްވާމީ
ރާޒުވާގެ ދުވަހެވެ. މިއީ އެތައް ގަރުނެއް ވަންދެން އިންސާނުންގެ ސިކުނޑިތަކާ
ކުޅެލި މި މުހިންމު ކުޅިވަރުގެ އަގުވަޒަންކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި
އަހަރުގެ ރާޒުވާ ދުވަހާ ގުޅުވައިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާޒުވާ
ކުޅުންތެރިންނަށް ހިތްވަރުދޭ އަދި އަމިއްލަވަންތަ ފޮޓޯތައް ހުށަހެޅުމަށް ފިޑޭއިން
ހުޅުވާލި ފުރުސަތުގައި، ދިވެހި ކުޅުންތެރިން ވަނީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި
ތާރީހު ދައްކުވައިދޭ ގޮތަށް ފޮޓޯތަކެއް ހުށަހަޅައިދީފަ އެވެ.

ދިވެހި ސަގާފީ ހެދުމުގައި ތިބެ، ދިވެހި ކުޅުންތެރިން
"ރާޒުވާ" ކުޅެމުންދިޔަ މަންޒަރުތައް ފެނިގެން ދިޔައީ ވަރަށް ހިތްގައިމު
ދެ މާހައުލަކުންނެވެ. އެއީ ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ ރީތިކަން ރަމްޒުކޮށްދޭ
ނޫވިލު ކަނޑުގެ އައްސޭރިފަށާއި، މީގެ އެތައް ގަރުނެއް ކުރިން ދިވެހި
ރަސްރަސްކަލުން ރާޒުވާ ކުޅުއްވައި އުޅުއްވި އުސްގެކޮޅުގެ ތާރީހީ ބިނާގެ ކައިރީގަ އެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާ މާހައުލެއްގައި ރާއްޖޭގެ ޖޫނިއާ ކުޅުންތެރިން ރާޒުވާ ކުޅެނީ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާ މާހައުލެއްގައި ރާއްޖޭގެ ޖޫނިއާ ކުޅުންތެރިން ރާޒުވާ ކުޅެނީ.

މި ފޮޓޯތަކުގައި ދިވެހި ރާޒުވާ ދައްކުވައި ދިނުމަކީ ވަރަށް
ބޮޑު މަގުސަދެއް އޮވެގެން ނިންމި ނިންމުމެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މި
ކުޅިވަރުގެ އަސްލަކީ "ޝަތުރަންޖު" ކަމަށް ބެލެވުނު ނަމަވެސް، ދިވެހިން
މި ކުޅިވަރަށް ކިޔަނީ "ރާޒުވާ" އެވެ. އަދި ދިވެހި ރާޒުވާގެ ކުޅިތަކުގެ
ބައްޓަމާއި ނަންތައް ވެސް ބައިނަލްއަގްވާމީ މިންގަނޑުތަކާ ބޮޑެތި ތަފާތުތަކެއް
ހުރެ އެވެ. މިއީ ރާޒުވާއަކީ ދުނިޔޭގެ ކުޅިވަރަކަށް ވުމުގެ މާ ކުރިން ވެސް،
ދިވެހިންގެ ތެރޭގައި އެތައް ގަރުނެއް ކުރިއްސުރެ ބޮޑު އަހައްމިއްޔަތުކަމެއް ދިން
ކުޅިވަރެއްކަން ހަނދާންކޮށްދޭ ރަމްޒެކެވެ.

ހަމައެކަނި ކުޅިވަރަކަށް ވުރެ މާ ފުން މާނައެއް އެކުލެވޭ ކަމެއް!

ރާޒުވާއަކީ އާންމުކޮށް ބުއްދީގެ ކުޅިވަރެއްގެ ގޮތުގައި
ސިފަކުރެވޭ އެއްޗެކެވެ. އަދި ދިރާސާތަކުން ވެސް ކޮންމެވެސް މިންވަރަކަށް މިކަން
ކަށަވަރުކޮށްދެ އެވެ. ރާޒުވާ ކުޅުމުގެ ހުނަރާއި، "ފްލުއިޑް
އިންޓަލިޖެންސް" ނުވަތަ ކަންކަމުގައި ބުއްދިވެރި ގޮތްތައް ނިންމުމާއި،
ހަނދާން ބެހެއްޓުމާއި، އަދި މައުލޫމާތު އަވަހަށް ދެނެގަތުމުގެ ގާބިލިއްޔަތާ ދެމެދު
އޮތް ގުޅުމާ ބެހޭގޮތުން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، މި ދެ ކަމުގެ
މެދުގައި ކޮންމެވެސް ވަރެއްގެ ބަދަހި ގުޅުމެއް އޮވެ އެވެ. މޮޅެތި ކުޅުންތެރިންގެ
ހަނދާން ވަރުގަދަވުމާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރު އިތުރުކަން
ފާހަގަކުރެވުނު ނަމަވެސް، ރާޒުވާ ކުޅުމަކީ އޭގެ އަމިއްލަ ޒާތުގައި މީހަކު (ސްމާޓް)
ކޮށްދޭ ކަމެއް ނޫންކަން ދިރާސާވެރިން ފާހަގަކުރެ އެވެ. އޭގެ ބަދަލުގައި، ރާޒުވާގެ
ސަބަބުން ކުޅުންތެރިންނަށް އެހީތެރިވެދެނީ ވަކި އުސޫލުތަކަކަށް ފިކުރުކުރުމާއި،
ކަންކަމަށް ސަމާލުކަން ދިނުމުގެ ހުނަރު ތަރައްގީކުރުމަށެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާ މާހައުލެއްގައި ރާއްޖޭގެ ޖޫނިއާ ކުޅުންތެރިން ރާޒުވާ ކުޅެނީ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާ މާހައުލެއްގައި ރާއްޖޭގެ ޖޫނިއާ ކުޅުންތެރިން ރާޒުވާ ކުޅެނީ.

ދުނިޔޭގެ ޗެސް ފެޑެރޭޝަން (ފީޑޭ) ގެ "ޗެސް އިން
އެޑިއުކޭޝަން" ކޮމިޝަނުން ސްކޫލުތަކުގައި ރާޒުވާ ކުރިއަރުވަން
މަސައްކަތްކުރަނީ މި ސަބަބަށްޓަކަ އެވެ. އެއީ ހަމައެކަނި ކުރިމަގުގައި މޮޅެތި
"ގްރޭންޑް މާސްޓަރުން" އުފެއްދުމުގެ ބަދަލުގައި، ކުދިންގެ ކިބައިގައި
ފުންކޮށް ވިސްނުމާއި، ކަންކަމަށް ސަމާލުކަން ދިނުމާއި، އަދި މައްސަލަތައް ހައްލުކުރުމުގެ
ހުނަރު އަށަގެންނެވުމުގެ މަގްސަދުގަ އެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި
ރާޒުވާ ބެލެވެނީ ހަމައެކަނި މުބާރާތެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި،
މިއީ އުނގަންނައިދިނުމުގައި ބޭނުންކުރާ މުހިންމު ވަސީލަތެކެވެ. ދިވެހިރާއްޖެއަކީ
ވެސް މިގޮތުގައި ރާޒުވާގެ ބޭނުން ހިފުމުގެ އަޒުމުގައި އެ ހަރަކާތް ކުރިއަރުވަން
މަސައްކަތްކުރާ ގައުމެކެވެ.

ދިވެހިރާއްޖޭގައި ރާޒުވާއަށް ލިބެމުންދާ ކުރިއެރުންތައް

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ރަންބާޒީ ނުވަތަ ޗެސްގެ
ދާއިރާއިން އަންނަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދަމުންނެވެ. މިހާރު
ރާއްޖޭގައި ފްރޮފެޝަނަލް އަދި ފީޑޭ ރޭޓިން
ހާސިލްކޮށްފައިވާ ގިނަ އަދަދެއްގެ ކުޅުންތެރިން އެބަތިއްބެވެ. އަދި ދުނިޔޭގެ
ފެޑެރޭޝަންތަކުގެ ރޭންކިންގގައި ރާއްޖެ މިހާރު އޮތީ 156 ވަނައިގަ އެވެ.

މި ކުރިއެރުންތައް ވަކިން ހާއްސަކޮށް އަންހެން
ކުޅުންތެރިންގެ މެދުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވެ އެވެ. ޗެސް
ފެޑެރޭޝަންތަކުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރާ މަސައްކަތްތައް
ވަޒަންކުރުމަށް ފަހު، ފީޑޭއިން ނެރޭ 2026 ވަނަ އަހަރުގެ "ޖެންޑާ އީކުއަލިޓީ
އިން ޗެސް އިންޑެކްސް" ރިޕޯޓުގައި ރާއްޖެއިން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. އެގޮތުން 119
ފެޑެރޭޝަނެއްގެ ތެރެއިން، 50 ދަރަޖައިގެ ކުރިއެރުމަކާ އެކު ރާއްޖެ މިހާރު ވަނީ 13
ވަނައަށް ޖެހިލާފަ އެވެ. މިއީ މުޅި ރިޕޯޓުގައި ވެސް ހިމެނޭ އެންމެ ބޮޑު އެއް
ކުރިއެރުމެވެ. މި ކާމިޔާބީގެ ފަހަތުގައިވާ މުހިންމު ސަބަބުތަކުގެ ތެރޭގައި،
މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ބާއްވާ އޯޕަން އަދި އަންހެން މުބާރާތްތަކުގެ
އިނާމު ފައިސާ ހަމަހަމަކުރުމާއި، އާ ޖީލުގެ ކުޅުންތެރިން ތަމްރީނުކުރުމަށް
ކުރަމުންދާ އާ މަސައްކަތްތައް ހިމެނެ އެވެ.

ރާއްޖޭގެ ޖޫނިއާ ކުޅުންތެރިން ކުރީގެ ބޮޑުގަނޑުވަރުގެ އުސްގެކޮޅުގައި ރާޒުވާ ކުޅެނީ.

ރާއްޖޭގެ ޖޫނިއާ ކުޅުންތެރިން ކުރީގެ ބޮޑުގަނޑުވަރުގެ އުސްގެކޮޅުގައި ރާޒުވާ ކުޅެނީ.

މި ކުރިއެރުންތައް ކުޅުންތެރިން ހޯދަމުންދާ އާ
ހަރުފަތްތަކުން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. ރާއްޖޭގެ ފުރަތަމަ
"ވިމެން ފީޑޭ މާސްޓާ" ގެ ލަގަބު ނުހާ ރިލްވާން ހޯދާފައިވެ އެވެ. މީގެ
އިތުރުން އާމިނަތު ސާރާ ހަލީމް، އައިޝަތު އީވާ ހަސަން އަދި ނިހާޔާ އަހްމަދު ވަނީ
"ވިމެން ކެންޑިޑޭޓް މާސްޓާ" ގެ ލަގަބު ހޯދާފަ އެވެ. މިއީ ރާއްޖޭގެ
ރާޒުވާގެ ކުރިމަގު އުޖާލާކޮށް، މި ކުޅިވަރު އިތުރު ހަރުފަތްތަކަށް ގެންދިއުމަށް
މަސައްކަތްކުރާ ހުނަރުވެރި އަންހެން ކުޅުންތެރިންގެ އާ ޖީލެއްގެ ފެށުމެވެ.

ބައިނަލްއަގްވާމީ މައިދާނުގައި...

ދިވެހި ކުޅުންތެރިން އަންނަނީ ބައިނަލްއަގްވާމީ އެކި
މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމުގައި ވަރަށް ހަރަކާތްތެރި ވަމުންނެވެ.
އެގޮތުން، މި އަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ބޭއްވުނު ކޮމަންވެލްތު ޗެސް
މުބާރާތާއި ޗައިނާގައި އޮތް އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕްގައި ދިވެހި
ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ.

ރާއްޖޭގެ ހުނަރުވެރި އަންހެން ކުޅުންތެރިޔާ ނުހާ ރިލްވާން (ވ) ކޮމަންވެލްތު ގޭމްސްގައި ކުޅެނީ.

ރާއްޖޭގެ ހުނަރުވެރި އަންހެން ކުޅުންތެރިޔާ ނުހާ ރިލްވާން (ވ) ކޮމަންވެލްތު ގޭމްސްގައި ކުޅެނީ.

މީގެ އިތުރުން، ރާއްޖޭގައި ވެސް ގިނަ ހަރަކާތްތަކެއް
ހިމެނޭހެން މާލޭގައި ވަނީ މުބާރާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި
އޯޕަން އަދި އަންހެނުންގެ ޗެމްޕިއަންޝިޕް، އިންޑިވިޖުއަލް އަދި ގްރޫޕް ރެޕިޑް
ޓޯނަމަންޓްތައް، ކްލަބް ޗެސް ޓޯނަމަންޓް، އަދި އެސްޓީއޯ ބޮޑު ރިޔާ ފަދަ ތަފާތު
އެކި މުބާރާތްތައް ފާހަގަކޮށްލެވެ އެވެ.

ފީޑޭ އާ ބެހޭ ގޮތުން...

އިންޓަރނޭޝަނަލް ޗެސް ފެޑެރޭޝަން ނުވަތަ ފީޑޭ އަކީ
ދުނިޔޭގެ ފެންވަރުގައި ރާޒުވާގެ އެންމެހައި ކަންކަން ބަލަހައްޓާ މައި އިދާރާ އެވެ.
މި އިދާރާއިން ރަސްމީ ރޭޓިންތަކާއި ދުނިޔޭގެ ޗެމްޕިއަންޝިޕް މުބާރާތްތައް
އިންތިޒާމުކުރުމުގެ އިތުރުން، ތަޢުލީމީ ދާއިރާގައި ރާޒުވާ ކުރިއެރުވުމަށާއި
ކުޅިވަރުގެ މައިދާނުގައި ވަކި ޖިންސަކަށް ތަފާތުކުރުމެއް ނެތި ހަމަހަމަކަން ގާއިމުކުރުމަށް
ގިނަގުނަ މަސައްކަތްތަކެއް ކުރެ އެވެ. ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 20 ވަނަ
ދުވަހު ފާހަގަކުރާ "ދުނިޔޭގެ ރާޒުވާ ދުވަސް" ކަނޑައަޅާފައިވަނީ،
ރާޒުވާއަކީ ތައުލީމާއި، އެންމެން ބައިވެރިކުރުވުމާއި، އަދި އެކި ސަގާފަތްތަކުގެ
މެދުގައި އޮންނަ ގުޅުން ބަދަހިކޮށްދޭ މުހިންމު ވަސީލަތެއްގެ ގޮތުގައި
ފާހަގަކުރުމަށެވެ.

ދިވެހިރާއްޖެއަށް ބަލާއިރު، މިއަހަރުގެ މި ހަރަކާތަކީ،
ރާޒުވާއަކީ ރާއްޖޭގެ ތާރީހާ ގުޅިފައިވާ، އަދިވެސް އޭގެ ފޯރިގަދަ އަދި އުޖާލާ
މުސްތަގްބަލެއް އޮތް ކުޅިވަރެއްކަން ހާމަކޮށްދިނުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.