މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފުކޮށްފި އެވެ. 

މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް 2022 ގައި، ފުވައްމުލަކުގެ ޒުވާނެއް ކަމަށްވާ ޝިއާއު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

އެ މައްސަލާގައި ސާހިލްގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ކޮބައިކަން ވެސް އޮތީ ސިއްރު ކޮށްފަ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ. އެ. މައްސަލަ އިސްތިއުނާފު ކުރަން މީގެ ކުރިން ވެސް ސާހިލް ހުށަހެޅި ނަމަވެސް ލިޔުންތަކުގެ މައްސަލައިގައި އޭރު މައްސަލަ ބަލައިނުގަނެވެ. 

ސާހިލް އަނެއްކާވެސް ވަނީ ތިން އަހަރުގެ ޖަލު ހުކުމް މިދިޔަ ހަފުތާގެ ތެރޭގައި އިސްތިއުނާފު ކުރަން ހުށަހަޅައިފަ އެވެ. މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެ އެވެ. 

ސާހިލަށް ކުރާ ބާކީ ހުރި ދައުވާތަކުގެ ހުކުމްތައް މިހާތަނަކަށް ނީއްވަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް ނިމިފައިވާއިރު ދެން އޮތީ ހުލާސާ ބަޔާން އިއްވުމެވެ. އެކަމަށް މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުން ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކެންސަލްކުރި އެވެ. 

އެ މައްސަލާގައި ސާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، ވަކީލުންނަށް އޭނާ އެއްބާރުލުން ނުދޭތީ އޭނާއަށް އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް ކޯޓުން ކުރިން ބުނެފައިވެ އެވެ.