މި މަހުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 3.5 ޕަސެންޓް ދަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިހާތަނަށް ރާއްޖެ އަށް އައިސްފައިވަނީ 79،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތްކުރީ 82،000 ޓޫރިސްޓުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މި އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
މި އަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން އައި އިރު މިއީ މިދިޔަ އަހަރަށް ވުރެ ފަސް ޕަސެންޓްގެ ދަށްވުމެކެވެ. އެންމެ ބޮޑަށް ޓޫރިސްޓުން މަދުވީ މިދިޔަ އޭޕްރީލް މަހު އެވެ. އެ މަހު އައި ޓޫރިސްޓުން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ވުރެ 24 ޕަސެންޓް ދަށްވެފަ އެވެ. އަދި މާޗް މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 19 ޕަސެންޓަށް ދަށްވެފަ އެވެ. އެކަމަކު އާންމު ގޮތެއްގައި ޔޫރަޕްގެ މަންޒިލްތަކުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ މާޗު މަހު އެވެ.
ޓޫރިސްޓުން އަދަދު މަދުވި ނަމަވެސް، ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އަނެއްކާ ވެސް ޓޫރިސްޓުން އަންނަ ވަރު ވަނީ އިތުރުވާން ފަށައިފަ އެވެ. ނަމަވެސް އެ ބަދަލު ބޮޑަށް ފެންނަން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށް ބައެއް ޓޫރިސްޓު ރިސޯޓުތަކުން ބުނެފައިވެ އެވެ.
މި އަހަރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ރަޝިއާއިން އައި އިރު ތިން ވަނައިގައި އުޅެނީ އިނގިރޭސި ވިލާތެވެ. ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކެވެ. އޭގެ ތެރޭގައި އިޓަލީ އާއި ޖަރުމަނާއި ފްރާންސް އާއި ސްވިޒަލެންޑް ވެސް ހިމެނެ އެވެ.
ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 73 ޕަސެންޓް ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. މި އަހަރުގެ މިހާތަނަށް 8 ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި އެވެ. ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރަން އައިސްފައިވަނީ 250،000 ޓޫރިސްޓުންނެވެ. އެއީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 23 ޕަސެންޓެވެ.