ވޯލްޑް ކަޕުގެ ފައިނަލުގައި މިރޭ
ސްޕެއިނާ ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު މި މެޗުގެ ހާއްސަކަން ގިނަ ބަޔަކު
ގުޅުވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެވެ. މިއީ އޭނާގެ ކެރިއަރުގެ ދެ
ވަނަ ވޯލްޑް ކަޕް ހާސިލްކުރަން ލިބޭ ފުރުސަތަށްވާތީވެ އެވެ.

އެކަމަކު މިއީ ފުޓްބޯޅައިގެ ބޮޑު
ސަގާފަތަކާއި، މާޒީއެއް އޮތް އާޖެންޓީނާ އަށް ގައުމެއްގެ ގޮތުގައި ވެސް ނުހަނު
މުހިއްމު މެޗެކެވެ. މިރޭ ތަށި ހޯދައިފި ނަމަ ވޯލްޑް ކަޕް ދެ ވަނަ އަށް އެންމެ
ގިނައިން ކާމިޔާބުކުރި ގައުމުތަކުގެ ލިސްޓުން އާޖެންޓީނާ އަށް ޖާގަ ލިބޭނެ އެވެ.
މިހާރު އެ ލިސްޓުގެ އެއް ވަނައިގައި އޮތީ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ
ބްރެޒިލެވެ. ދެ ވަނައިގައި އޮތީ ހަތަރު ފަހަރު ތަށި ނަގާފައިވާ އިޓަލީ އާއި
ޖަރުމަނެވެ.

އަނެއްކޮޅުން މި ފަހަރު ޗެމްޕިއަންކަން
ހޯދައިފި ނަމަ ވިދިވިދިގެން ދެ ފަހަރު މުބާރާތް ކާމިޔާބުކުރާ ތިން ވަނަ ގައުމުގެ
ޝަރަފް ވެސް އާޖެންޓީނާ އަށް ލިބޭނެ އެވެ. މިހާރު އެ ޝަރަފް އޮތީ 1934، 1938 ގައި
ކާމިޔާބުކުރި އިޓަލީ އާއި 1958، 1962 ގައި ކާމިޔާބުކުރި ބްރެޒިލް އަތުގަ އެވެ.

އާޖެންޓީނާ އަކީ ޔޫރަޕުން ބޭރު
ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފުޓްބޯޅަ އާލާވި އެއް ގައުމެވެ. އިނގިރޭސި
ވިލާތުން 19 ވަނަ ގަރުނުގެ ފަހުކޮޅު އާޖެންޓީނާ ހިޖުރަކުރި މީހުން ތައާރަފުކުރި
ފުޓްބޯޅަ ވެގެންދިޔައީ، ވޯކިން ކްލާސް މީހުންގެ ތެރޭގައި ވަރަށް މަގުބޫލު
ކުޅިވަރަކަށެވެ. އެއާ އެކު 1893 ވަނަ އަހަރު ފުޓްބޯޅަ އެސޯސިއޭޝަނެއް އުފައްދައި
ރަސްމީކޮށް ފުޓްބޯޅައިގެ ހަރަކާތްތައް ބާއްވަން ފެށި އެވެ.

1986 ގެ ވޯލްޑް ކަޕުގެ ފައިނަލް މެޗަށް ފަހު މަރަޑޯނާ ތަށްޓާ އެކު އުފާފާޅުކުރަނީ.

1986 ގެ ވޯލްޑް ކަޕުގެ ފައިނަލް މެޗަށް ފަހު މަރަޑޯނާ ތަށްޓާ އެކު އުފާފާޅުކުރަނީ.

އާޖެންޓީނާގެ ފުޓްބޯޅައިގެ
ބިންގަލަކަށްވީ ބޮކާ ޖޫނިއާސް، ރިވާޕްލޭޓް އަދި ރޭސިން ކްލަބް ފަދަ ޓީމުތަކެވެ.
ޑޮމެސްޓިކް ފުޓްބޯޅައިގައި ވަރުގަދަ ވާދަވެރި ކަމެއް އުފެދި އެ ގައުމުގައި
ފުޓްބޯޅަ އިސާހިތަކު ކުރިއަރަން ފެށި އެވެ. އެގޮތުން 1930 ގައި ބޭއްވި ފުރަތަމަ ވޯލްޑް
ކަޕުގެ ފައިނަލުން ޖާގަ ހޯދި އެވެ. އެކަމަކު އަވަށްޓެރި އުރުގުއޭ އަތުން ބަލިވީ
އެވެ.

އާޖެންޓީނާ އަށް ފުޓްބޯޅައިގެ ރަސްކަން
އެންމެ ފުރަތަމަ ހޯދުނީ 1978 ގައި އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕުގަ އެވެ.
ޑެނިއަލް ޕަސަރެއްލާ އާއި މާރިއޯ ކެމްޕެސް ފަދަ ތަރިންނާ އެކު އެވެ. އެކަމަކު
ދުނިޔޭގެ ފުޓްބޯޅަ ޗާޓުގައި އާޖެންޓީނާ އެންމެ ވަރުގަދައަށް ފެވުނީ ޑިއޭގޯ
މަރަޑޯނާއާ އެކު އެވެ. އޭނާގެ އެކަނި މަސައްކަތުން ކަހަލަ ގޮތަކަށް 1986 ގެ ވޯލްޑް
ކަޕް އާޖެންޓީނާ ހޯދުމާ އެކު ފުޓްބޯޅައިގެ ހަގީގީ ބާރަކަށްވި އެވެ.

އޭގެ ފަހުން އާޖެންޓީނާ އިން ދިޔައީ
ތަރިއަކަށް ފަހު ތަރިއެއް އުފައްދަމުންނެވެ. ގެބްރިއަލް ބަޓިސްޓޫޓާ އާއި ހުއާން
ރޯމަން ރިކުއެލްމޭ އާއި ހެނާން ކްރެސްޕޯ އަދި ހުއާން ސެބަސްޓިއަން ވެރޮން ފަދަ
ކުޅުންތެރިންނެވެ. އެކަމަކު އަނެއްކާ ވެސް ވޯލްޑް ކަޕެއްގައި އަތްލެވޭނެ ކަމުގެ
އުއްމީދު އާވީ ލިއޮނަލް މެސީއާ އެކު އެވެ. ސީނިއާ ކެރިއަރު 2005 ގައި ފެށި މެސީ
ބާސެލޯނާގައި ދައްކަން ފެށި ޖާދުލާ އެކު އޭނާ އާޖެންޓީނާ އަށް ފުލުފުލުގައި
ކާމިޔާބު ހޯދައިދޭނެ ކަމަށް ބެލެވުނެވެ.

ނަމަވެސް ފުރަތަމަ ދިމާވީ ބަދު ނަސީބާ
އެވެ. އޮލިމްޕިކް ރަން މެޑަލް ހޯދުނު ނަމަވެސް ކޮޕާ އެމެރިކާގައިވީ ނާކާމިޔާބެވެ.
ވޯލްޑް ކަޕުގައި ވެސް އެކަށީގެންވާ ކާމިޔާބެއް ނުހޯދުނެވެ. ފައިނަލަށް ދެވުނު
ފަހަރު ކަމަށްވާ 2014 ގައި ވެސް ބަލިވީ އެވެ. އެ ހިސާބުން މެސީ ގައުމީ ޓީމަށް
ކުޅުން ހުއްޓާލި އެވެ. ބައެއް ކުޅުންތެރިންގެ އެދުމުގެ މަތިން އޭނާ ދުވަސްކޮޅެއް
ފަހުން އެނބުރި އައި ނަމަވެސް ސަޕޯޓަރުންގެ ހިތުގައި މާބޮޑު އުއްމީދެއް ނެތެވެ.

އާޖެންޓީނާގެ ކޯޗު ސްކޮލޯނީ (ކ): މުޅި ޓީމު ބަދަލުކޮށްލި. -- ފޮޓޯ: އޭއެފްޕީ

އާޖެންޓީނާގެ ކޯޗު ސްކޮލޯނީ (ކ): މުޅި ޓީމު ބަދަލުކޮށްލި. -- ފޮޓޯ: އޭއެފްޕީ

ހުރިހާ ކަމެއް ބަދަލުވީ ޒުވާން ކޯޗެއް
ކަމަށްވާ ލިއޮނަލް ސްކޮލޯނީ ޓީމާ ހަވާލުވި ހިސާބުންނެވެ. ކޯޗިންގެ މާބޮޑު
ތަޖުރިބާއެއް ނެތް ސްކޮލަނީ ޓީމުގެ ތެރޭގައި ގުޅުން ބަދަހިކުރި އެވެ.
ކުޅުންތެރިންގެ އަޑުއެހި އެވެ. މެސީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާނެ ފޯމިއުލާއެއް
ވެސް ނެރުނެވެ. އެހިސާބުން ނަތީޖާ ރަނގަޅުވެ ކާމިޔާބު ލިބެން ފެށި އެވެ. އެންމެ
ފުރަތަމަ ހާސިލްކުރީ 2021 ގެ ކޮޕާ އެމެރިކާ އެވެ. އޭގެ ފަހުން 2022 ގެ ވޯލްޑް
ކަޕާއި، ފިނަލިސިމާ އެވެ. ދެން 2024 ގެ ކޮޕާ އެމެރިކާ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕާ
ކުރިމަތިލިއިރު އާޖެންޓީނާ އަށް އެ ކާމިޔާބީ ތަކުރާރުނުކުރެވޭނެ ކަމަށް ގިނަ
ބަޔަކު ތިބީ ބަލައިގެންނެވެ. އެކަމަކު ސްކޮލަނީގެ މޮޅު ރޭވުންތެރިކަމާއި، މެސީގެ
މޮޅު ކުޅުމާއި، ޓީމުގެ އެހެން ކުޅުންތެރިންގެ ހިއްސާއާ ވެސް އެކު އާޖެންޓީނާ މިވަނީ
މި ފަހަރު ވެސް ފައިނަލުން ޖާގަ ހޯދައިފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި
ސްކޮލޯނީއާ އެކު އާޖެންޓީނާގެ ތަފާތަކީ ހިތްވަރެވެ. އެކަން ސާބިތުވަނީ މި ވޯލްޑް
ކަޕުގައި ވެސް އެ ޓީމު ގިނައިން މޮޅުވެފައިވަނީ ފަހަތުން އަރައި، ނުވަތަ މެޗުގެ
ފަހުކޮޅު ދައްކާ ވަރުގަދަ ކުޅުމުންކަމެވެ. އެހެންވެ ޓެކްނިކަލީ އަދި ޓެކްޓިކަލީ
ސްޕެއިން މޮޅަސް، ކަށިން ނެރޭ ހިތްވަރުން އާޖެންޓީނާ އަށް ކުރި ލިބުމުގެ ފުރުސަތު
އެބައޮތެވެ.