އިންޑިއާގެ އަމިއްލަ ކުންފުންޏަކުން ފުރަތަމަ ފަހަރަށް ފޮނުވާލި އޯބިޓަލް ރޮކެޓް މިއަދު އޭގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާ އެކު ނިންމާލައިފި ކަމަށް އެ ރޮކެޓް އުފެއްދި ކުންފުނިން ބުނެފި އެވެ.
މިއީ 'ޖައްވީ އިގްތިސާދުން' ބޮޑު ހިއްސާއެއް ހޯދުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި ކާމިޔާބީއާ އެކު އިންޑިއާ ވެފައި ވަނީ އެމެރިކާ އާއި ޗައިނާއަށް ފަހު އަމިއްލަ ކުންފުންޏަކުން ޖައްވީ ރޮކެޓް ހަދައި ކާމިޔާބުކަމާ އެކު ފޮނުވި ގައުމަށެވެ.
ސްކައިރޫޓް އެއިރޯސްޕޭސް އިން އުފައްދާފައިވާ، ކުދި ސެޓެލައިޓްތައް، ތިރި އޯބިޓްތަކަށް ފޮނުވުމަށް ފަރުމާކޮށްފައިވާ "ވިކްރަމް-1" ރޮކެޓް އުދުއްސާލާފައިވަނީ ސްރީހަރިކޯޓާގައި ހުންނަ ސަތީޝް ދަވަން ސްޕޭސް ސެންޓަރުންނެވެ.
"ހެލޯ ސްޕޭސް، އަހަރެމެން މި އައީ!" ސްކައިރޫޓް އެއިރޯސްޕޭސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
"ވިކްރަމް-1 ގެ ޓެސްޓް ފްލައިޓް-1 ވަނީ އޭގެ މިޝަން ފުރިހަމަކޮށްފައި. އިންޑިއާގެ ޕްރައިވެޓް ސެކްޓާގެ ފުރަތަމަ ލޯންޗު ވަނީ ކާމިޔާބުކަމާ އެކު ނިންމާލެވިއްޖެ."

އިންޑިއާގެ އަމިއްލަ ކުންފުންޏަކުން މިއަދު ރޮކެޓް ޖައްވަށް ފޮނުވާލި ވަގުތު އާންމުން އެއްވެ އެ މަންޒަރު ބަލަނީ. -- ފޮޓޯ: އޭއެފްޕީ
ވިކްރަމް-1 ރޮކެޓަކީ ގާތްގަނޑަކަށް ހަތް ބުރީގެ އިމާރާތެއްގެ އުސްމިން ހުންނަ، އަދި 350 ކިލޯގްރާމްގެ ބަރުދަން ހުންނަ ތަކެތި އުފުލުމުގެ ގާބިލުކަން ލިބިފައިވާ ރޮކެޓެކެވެ.
ސަރުކާރުގެ އިންޑިއަން ނޭޝަނަލް ސްޕޭސް ޕްރޮމޯޝަން އެންޑް އޮތޮރައިޒޭޝަން ސެންޓަރުގެ ޗެއާމަން ޕަވަން ގޮއެންކާ ވިދާޅުވީ، މިއީ އިންޑިއާގެ އަމިއްލަ ކުންފުންޏަކުން ކުރި ފުރަތަމަ އޯބިޓަލް ލޯންޗާ އަޅާބަލާއިރު "އުންމީދު ކުރިވަރަށް ވުރެ މާ މަތީ" ކާމިޔާބީއެއް ކަމަށެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިއީ "އިންޑިއާގެ ޖައްވީ ދަތުރުތަކުގައި ތާރީހީ ކާމިޔާބީއެއް" ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
"އަހަރެމެންގެ ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުވުމަކީ އާ އުދަރެސްތަކެއް ހުޅުވި، އާ އީޖާދުތަކަށް މަގުފަހިވެގެންދާ ކަމެއް،" މޯދީ ވިދާޅުވި އެވެ. "މި ކާމިޔާބީގެ ސަބަބުން އެތައް ހާސް ޒުވާނުންނަކަށް މިއަށްވުރެ ބޮޑެތި ހުވަފެންތައް ކާމިޔާބުކުރުމަށް އުފެއްދުންތެރިކަމަށް ހިތްވަރު ލިބޭނެ."
މި ރޮކެޓްގައި ތަފާތު އެކި ބާވަތްތަކުގެ ތަކެތި އުފުލާފައިވެ އެވެ. އޭގެ ތެރޭގައި ލެބްގައި އުފައްދާފައިވާ އަލިމަހަކާއި ޖައްވީ ކުނިބުނި ނައްތާލުމުގެ ގާބިލުކަން ލިބިގެންވާ ރޮބޮޓިކް އަތްތަކެއް ހިމެނެ އެވެ.
މީގެ އިތުރުން، އިންޑިއާގެ ފިޒިސިސްޓުން ކަމަށްވާ ވިކްރަމް ސާރާބާއީ، ސީ.ވީ. ރާމަން އަދި އިންޑިއާގެ ކުރީގެ ރައީސް އަދި މަޝްހޫރު އެއިރޯސްޕޭސް އިންޖިނިއަރު އޭ.ޕީ.ޖޭ. އަބްދުލްކަލާމްގެ ކުދި ބުދުތައް ހިމެނޭ، 18 ކެރަޓްގެ ރަނުން ހަދާފައިވާ ކުޑަކުޑަ ރޮކެޓެއް ވެސް މި އުޅަނދުގައި ހިމެނި އެވެ.

އިންޑިއާގެ އަމިއްލަ ކުންފުންޏަކުން މިއަދު ރޮކެޓް ޖައްވަށް ފޮނުވާލި ވަގުތު އާންމުން އެއްވެ އެ މަންޒަރު ބަލަނީ. -- ފޮޓޯ: އޭއެފްޕީ
އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން އެތައް އަހަރެއް ވަންދެން ކުރި އިންވެސްޓްމަންޓްތަކުގެ މައްޗަށް ބިނާވެފައިވާ އިންޑިއާގެ ޖައްވީ އުންމީދުތައް ހާސިލްކުރުމުގެ މަސައްކަތް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ހަލުވިވެފަ އެވެ. އިންޑިއާގައި 2020 ވަނަ އަހަރު އަމިއްލަ ފަރާތްތަކަށް މި ދާއިރާ ހުޅުވާލި ފަހުން، ގާތްގަނޑަކަށް 8.4 ބިލިއަން ޑޮލަރުގެ އަގުހުރި އިންޑިއާގެ ޖައްވީ އިގްތިސާދު ހަލުވިކަމާ އެކު ފުޅާވަމުން އައިސް، މިހާރު އެ ގައުމުގައި 400 އަށްވުރެ ގިނަ ޖައްވީ ސްޓާޓްއަޕްތައް އެބަހުއްޓެވެ.
އަލަށް ހޯދި މި ކާމިޔާބީއާ އެކު ފޮރިން މިނިސްޓަރު އެސް. ޖަޔަޝަންކަރު ވިދާޅުވީ "އިންޑިއާގެ ޖައްވީ އުންމީދުތައް އާ އުސްމިންތަކަކަށް އުފުލިއްޖެ!" ކަމަށެވެ.
އޯގަސްޓް 2023 ގައި، ރަޝިޔާ، އެމެރިކާ އަދި ޗައިނާއަށް ފަހު، ހަނދަށް އިންސާނަކު ނުލައި ދިޔަ އުޅަނދެއް ކާމިޔާބުކަމާ އެކު ޖެއްސި ހަތަރުވަނަ ގައުމަކަށް އިންޑިއާ ވަނީ ވެފަ އެވެ.
އިސްރޯގެ ކުރީގެ ޗެއާމަން ކޭ. ސިވަން ވަނީ ޖައްވީ ސްޓާޓްއަޕްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކުރައްވައިފަ އެވެ. އަދި އަމިއްލަ ފަރާތްތަކަށް މި ދާއިރާ ހުޅުވާލުމުން އިންދި އޮށުގެ "މޭވާ" މިއަދު ގައުމަށް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.
"ހާއްސަކޮށް ސްކައިރޫޓާ އެކު. ރޮކެޓަކީ ޖައްވީ ނިޒާމުގައި އެންމެ ގޮންޖެހުން ބޮޑު އަދި އޮޅުންބޮޅުން ބޮޑު ޓެކްނޮލޮޖީތަކުގެ ތެރެއިން އެއްޗެއް... މިއީ އެތައް ބަޔަކަށް ހިތްވަރު ލިބޭނެ ކަމެއް،" އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.
ސިވަން ވިދާޅުވީ މި ކާމިޔާބީން މުޅި ދުނިޔެއަށް ނުފޫޒު ފޯރާނެ ކަމާ މެދު "އެއްވެސް ޝައްކެއް ނެތް" ކަމަށެވެ.
"އިންޑިއާގެ ސްޓާޓްއަޕަކަށް ޖައްވީ ސިނާއަތުގެ އެންމެ ގޮންޖެހުން ބޮޑު އެއް ކަންތައް ކުރެވޭ ނަމަ، އެއީ ބައިނަލްއަގުވާމީ ގޮތުން އިންޑިއާގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމެއް."