ސްރީ ލަންކާގެ މަޝްހޫރު ފޭޝަން ބްރޭންޑެއް ކަމަށްވާ "ހައުސް އޮފް ފެޝަންސް" ގެ ވެރިޔާ އަދި މެނޭޖިން ޑިރެކްޓަރު ޕްރީތީ ޖަޔަވަރުދަނަ އެ ގައުމުގެ ކަސްޓަމްސްއަށް މުދާ ޑިކްލެއާކުުރުމުގައި އޮޅުވާލާ ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފި އެވެ.
ލަންކާގެ ކަސްޓްމަސްއާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖަޔަވަރުދަނަ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރީ ކަސްޓަމްސްގެ ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރަމުން ދަނިކޮށް ހިތުގެ މައްސަލައެއް ދިމާވެ ކޮލަމްބޯގެ ނޭޝަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވަ އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖަޔަވަރުދަނަ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ހޮސްޕިޓަލަށް ވަޑައިގެން، އޭނާގެ ހާލަތު ބެއްލެވުމަށްފަހުގަ އެވެ.
ސްރީލަންކާ ކަސްޓަމްސްގެ ތަރުޖަމާނު ޗަންދަނާ ޕުންޗިހޭވާ ވިދާޅުވި ގޮތުގައި، މި ތަހުގީގަކީ ކަސްޓަމްސް އަށް މުދާ ޑިކްލެއާ ކުރުމުގައި އޮޅުވާލާފައިވާ މައްސަލައަކާ ގުޅިގެން ކުރިއަށްދާ ތަހުގީގެކެވެ.
"ހައުސް އޮފް ފެޝަންސް" އަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ވިޔަފާރިއެކެވެ.
މި ވިޔަފާރިއަކީ 1980 ގެ އަހަރުތަކުގެ ފަހުކޮޅު ޕްރީތީ ޖަޔަވަރުދަނަ އާއި އޭނާގެ އަނބިކަނބަލުން ނީލަމަނީ ޖަޔަވަރުދަނަ ގުޅިގެން ވަރަށް ކުޑަކޮށް ފެށި ވިޔަފާރިއެކެވެ. ކުރިން ކަނޑުދަތުރުފަތުރުގެ ދާއިރާގައި އުޅުނު ޖަޔަވަރުދަނަ ވިޔަފާރީގެ ތެރެއަށް ވަނީ އާންމުންނަށް އަތްފޯރާ ފަށުގައި ފެންވަރު ރަނގަޅު ފެޝަން މުދާ ފޯރުކޮށްދިނުމުގެ މަގްސަދުގަ އެވެ. ކޮލަމްބޯގެ ބޮރެއްލާގައި ހުންނަ ހައުސް އޮފް ފެޝަންސްގެ 9 ބުރީގެ ބޮޑު އިމާރާތަކީ، އެއް ވެރިއެއްގެ ދަށުން މުޅި އިމާރާތް ހިންގާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ރީޓެއިލް ފިހާރަ އެވެ.
މި ދެމަފިރިން މުދާ ގަންނަނީ ޔޫރަޕާއި އޭޝިއާގެ އެކި ގައުމުތަކަށް އަމިއްލައަށް ދަތުރުކޮށް، ގަނޑުކޮށް ވަރަށް ހެޔޮ އަގުގަ އެވެ. އަދި ވަރަށް ކުޑަ ފައިދާއެއްލައިގެން ލަންކާގެ ބާޒާރުގައި ވިއްކާތީ، މިއީ ލަންކާ މީހުންނާއި އެ ގައުމަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ފިހާރައެކެވެ.