ކުރިއަށް އޮތް ތިން މަސް ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ޕީސީބީން މިދިޔަ އޭޕްރީލް މަހު ވެސް ސާކިއުލާއަކުން އެންގި އެވެ. އެ ސާކިއުލާއާ ހަވާލާދީ ޕީސީބީން މިދިޔަ އާދިއްތަ ދުވަހު ނެރެނު ސާކިއުލާގައި ވަނީ އެ ލަނޑުދަނޑި ހާސިލުކުރަން މުއްދަތެއް ކަނޑައަޅައިފަ އެވެ.
އެގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ނިޔަލަށް މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ވަނީ އަންގަައިފަ އެވެ.
މުވައްޒަފުންގެ އަދަދު މަދުކުރަން މިހާރު ވެސް ބައެއް ކުންފުނިތަކުން އެކި ފިޔަވަޅުތައް އަޅައިފައިވެ އެވެ. އެގޮތުން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާ އެކު އެ ފުރުސަތު އެޗްޑީސީ އާއި ފެނަކައިން ދީފައިވެ އެވެ.
ޕީސީބީން ބުނި ގޮތުގައި ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރަނީ އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމަށެވެ.
ކުންފުނިތަކުން މުވައްޒަފުން މަދުކުރާ ގޮތް ގާތުން މޮނިޓަ ކުރުމަށް ޕީސީބީން ވަނީ ނިންމައިފަ އެވެ. އެގޮތުން ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ފޮނުވަން ސާކިއުލާގައި އަންގާފައިވެ އެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އެވެ. އެ އިންތިހާބުގެ ނަތީޖާއިން އެކަމަކީ ރައްޔިތުން ރުހޭ ކަމެއް ނޫން ކަން އެނގިގެން ދިޔަ ކަމާއި އެހެންވެ، އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން އޭރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ މިދިޔަ އޭޕްރީލް 17 ގައި ވެސް ޕީސީބީ އަށް އަންގަވައިފަ އެވެ.
"މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށާއި ފައިސާ ހަރަދު ކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި މާލީ މެނޭޖްމަންޓް ރަނގަޅު ކުރުމަށް ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރު ކުރެވުނު ކަންތައްތަކެކެވެ،" ފިނޭންސް މިނިސްޓްރީން މީޑިއާއާ އޭޕްރީލް މަހު ހިއްސާކުރި ލިޔުމެއްގައި ވެ އެވެ.
"ކުރީގެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރަ އާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި އިތުރު ގަޑީގެ މަސައްކަތް ހަނިކުރުމާއި ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލް ކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިހުތިޔާރީ ހަރަދުތައް ކުޑަކުރުން ހިމެނެ އެވެ."