އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރެއް، މައިނުތަކެއްގައި ޖެހި ގޮވައިފި ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އިން ހޮނިހިރު ދުވަހު ބުނެފި އެވެ.
މި ހާދިސާ ހިނގާފައި ވާއިރު އެމެރިކާ އާއި އީރާނާ ދެމެދު ޑްރޯން އަދި މިސައިލް ހަމަލާތައް ވެސް ދަނީ ބަދަލުކުރަމުންނެވެ.
"އެމެރިކާގެ ޖާސޫސީ އިދާރާތަކުން އޮޅުވާލައިގެން ހޮރްމުޒް ކަނޑުއޮޅީގެ ދެކުނުން އޮތް މައިންފީލްޑެއްގެ ތެރެއިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރެއް ގޮވައި، އޭގައި ވަނީ ރޯވެފައި،" އެއީ ކޮން ގައުމެއްގެ ނުވަތަ ކޮން ނަމެއް ކިޔާ ދެ އުޅަނދެއް ކަމެއް ހާމަކުރުމެއް ނެތި، އީރާނުގެ ދައުލަތުގެ މީޑިއާ (އައިއާރްއެންއޭ) މެދުވެރިކޮށް އަސްކަރިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުންޏެވެ.
މީގެ އިތުރުން، އެ ސަރަހައްދުން ދަތުރުކުރަން އުޅުނު އިތުރު ހަތަރު އުޅަނދެއް ހުއްޓުވާފައިވާ ކަމަށް ވެސް އީރާނުން ބުންޏެވެ.
އަނެއްކޮޅުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނީ، އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރުމުގެ ގޮތުން ޖެހިޖެހިގެން ހަތްވަނަ ރޭ އީރާނަށް ހަމަލާދީފައިވާ ކަމަށެވެ.
ހަމަަނުޖެހުން އަލުން ބޮޑުވެގެން ގޮސްފައިވާއިރު، އެމެރިކާއިން އީރާނުގެ އެއާޕޯޓަކާއި ރޭލު ސްޓޭޝަނެއް އަދި ދެ ބްރިޖް ހިމެނޭހެން މަދަނީ އިންފްރާސްޓްރަކްޗާ އަށް ހަމަލާދީފައިވާ ކަމަށް އީރާނުން ތުހުމަތުކުރެ އެވެ. އަދި އީރާނުން ވެސް އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން، އީރާނުގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައި ވިޔަސް، އެފަދަ ހަމަލާތައް ދޭން ފަށާފައިވާކަން އެމެރިކާގެ ފަރާތުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
އީރާނުގެ އިސް ލީޑަރުގެ އަސްކަރީ މުޝީރު މޭޖަ ޖެނެރަލް މުހްސިން ރެޒާއީ ވިދާޅުވީ، އެމެރިކާގެ ހަމަލާތައް ކުރިއަށް އޮތް ދެތިން ދުވަހު ދެމިއޮވެއްޖެ ނަމަ، އީރާނުން ފުރިހަމަ ހަމަލާގެ އޮޕަރޭޝަންތަކެއް ފަށާނެ ކަމަށެވެ.
"އީރާނުން ދެން ހަމައެކަނި ބަދަލުހިފުމުގެ ހަމަލާތަކުން ނުފުއްދާނެ... އަދި އެއްވެސް ސިޔާސީ ބޯޑަރެއް ރައްކާތެރިއެއް ނުވާނެ،" ރެޒާއީ ވިދާޅުވި އެވެ.
މި ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ނުރައްކާތެރި ހަމަލާތަކަކާ ގުޅިގެންނެވެ. އޭގެ ބަދަލެއްގެ ގޮތުން އީރާނުން ވަނީ ދުނިޔޭގެ ތެޔޮ ސަޕްލައިގެ ބޮޑު ބައެއް ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށް، ގަލްފް ސަރަހައްދުގައި ހުރި އެމެރިކާ އަދި އިޒްރޭލުގެ މަސްލަހަތުތަކަށް ހަމަލާދޭން ފަށައިފަ އެވެ.
އީރާނުގެ ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ގައުމުތަކަށް ވަނީ އޭގެ އަސަރުކޮށްފައެވެ:
ކުވައިތު:އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާއެއްގައި ކުވައިތުގެ ކަރަންޓާއި ފެން އުފައްދާ ޕްލާންޓަކަށް ގެއްލުންވެ، ކަރަންޓު އިގްތިސާދު ކުރުމަށް ވަނީ އިލްތިމާސްކޮށްފައި. އަދި ކުވައިތުގެ ބައެއް ސިފައިން ޒަހަމްވެފައިވޭ.
- ގަތަރު:ގަތަރުގައި ހުރި އެމެރިކާގެ ރާޑަރު ސިސްޓަމްތަކާއި އަސްކަރީ ބޯޓުތަކަށް އީރާނުން ހަމަލާދިން އިރު، ގަތަރުން ބުނީ މިސައިލް ހަމަލާއެއް ދިފާއުކޮށްފައިވާ ކަމަށް.
- އޮމާން އަދި ސީރިޔާ:އޮމާންގައި ހުރި އެމެރިކާގެ ރާޑަރު ސައިޓްތަކަށާއި ސީރިޔާގައި އޮންނަ އަލް-ތަންފް ބޭހަށް ހަމަލާދިން ކަމަށް އީރާނުން ބުނި ނަމަވެސް، ސީރިޔާއިން އެކަން ދޮގުކުރޭ.
- އުރުދުން:އުރުދުންގެ އަސްކަރިއްޔާއިން ވަނީ އެގައުމުގެ ވައިގެ ސަރަހައްދުން ދަތުރުކުރި އީރާނުގެ ތިން މިސައިލެއް ވައްޓާލާފައި.
- ބަހުރައިން:ބަހުރައިންގައި ހުރި އެމެރިކާގެ ހެލިކޮޕްޓަރުތަކާއި ބޯޓުތަކަށް ހަމަލާދިނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެގައުމުގެ ރައްޔިތުންނަށް ވަނީ އަންގާފައި.
- އިރާގު:އިރާގުގެ ކުރުދިސްތާން ސަރަހައްދަށް ދިން ޑްރޯން އަދި ރޮކެޓް ހަމަލާތަކެއްގައި އީރާނާ އިދިކޮޅު ކުރުދީ ގްރޫޕެއްގެ 9 މީހުން މަރުވި.
އީރާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ހަނގުރާމަ އަލުން ފެށުނު ފަހުން އީރާނުން އެކަނިވެސް މަދުވެގެން 38 މީހުން މަރުވެ، 400 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
މި ހަމަނުޖެހުން ހުއްޓުވުމަށްޓަކައި ޗައިނާ އާއި ޕާކިސްތާނުން ވަނީ އެމެރިކާ އާއި އީރާނުން ހަނގުރާމަ ހުއްޓާލައި، އަލުން މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލައިފަ އެވެ. ނަމަވެސް، އެމެރިކާއިން މިހާރު ވަނީ އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފަ އެވެ. އަދި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ދޭ ހަމަލާތައް ދަނީ އިތުރުވަމުންނެވެ.