މި އަހަރުގެ ވިމްބަލްޑަންގެ ފައިނަލް މެޗުގެ ތެރެއިން އިންޑިއާގެ އެކްޓްރެސް އުރުވަޝީ ރައުޓޭލާ އާއި އިނގިރޭސި އެކްޓަރު ޓޮމް ހިޑްލްސްޓަން (ލޯކީ) ބައްދަލުވެ ވާހަކަދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓިއްޖެ އެވެ.

އުރުވަޝީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި މި ވީޑިއޯ ވައިރަލްވީ، ޖެނިކް ސިނާ އާއި އަލެކްސެންޑާ ޒުވެރެވް ބައްދަލުކުރި ފޯރިގަދަ ފައިނަލް މެޗުގެ ތެރެއިންނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އުރުވަޝީ ހިޑްލްސްޓަންއާ ވާހަކަދައްކަމުން ދިޔައިރު، އޭނާ ހުރީ އުނދަގޫވެފައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މަޖާ މީމްތައް ހަދައި، ކޮމެންޓްތައް ވެސް ކުރަމުންނެވެ.

ބައެއް މީހުން ބުނެފައި ވަނީ ހިޑްލްސްޓަން ހުރީ އެތަނުން ފިލަން ބޭނުންވެފައިވާ ކަމަށް ބެލެވެ އެވެ. އަދި ބައެއް މީހުން ވަނީ އުރުވަޝީ ހިޑްލްސްޓަންއަށް އޭނާގެ ކުރިއަށް އޮތް ފިލްމު "ޑާކޫ މަހާރާޖު 2"ގެ ރޯލެއް ހުށަހަޅަނީ ކަމަށް ބުނެ ޖޯކު ޖަހައިފަ އެވެ.

މީގެ އިތުރުން، "އަހަރެމެންގެ ލޯކީ އެހުރީ ވަރަށް ބޮޑަށް ހައިރާންވެ އޮޅުންބޮޅުންވެފައި، އޭނާއަށް އެނގޭނީ ހަމައެކަނި 'އައި އޭމް ދަ ފަސްޓް ވުމަން' އެ ބައި އެކަނި،" ކަމަށް ބުނެ ވެސް މީހުން ކޮމެންޓްކޮށްފައިވެ އެވެ.

މި ވީޑިއޯ ހިއްސާކޮށް އުރުވަޝީ ކެޕްޝަންގައި ލިޔެފައި ވަނީ ވިމްބަލްޑަން ފައިނަލްގައި ސިނާ އަދި ޒުވެރެވްގެ މެޗު ބަލާލަން ލިބުމަކީ ދުވަހަކު ވެސް ހަނދާނުން ފޮހެވިގެން ނުދާނެ ކަހަލަ ތަޖުރިބާއެއް ކަމަށެވެ. އަދި މެޗު ކާމިޔާބުކުރި ސިނާއަށް މަރުހަބާ ކިޔައި، ހިޑްލްސްޓަންއާ އެކު ހޭދަވި ވަގުތުކޮޅަކީ ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ހޮލީވުޑްގެ ބޮޑެތި ތަރިންނާ ބައްދަލުވެ އުރުވަޝީ ވައިރަލްވުމަކީ އާ ކަމެއް ނޫނެވެ. މީގެ ކުރިން ޖަސްޓިން ބީބާއާ އެކު ނަގާފައިވާ ސެލްފީތަކާއި ލިއޮނާޑޯ ޑިކެޕްރިއޯއާ ބައްދަލުވި ބައްދަލުވުން ވެސް ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފަ އެވެ.

މީގެ އިތުރުން، އުރުވަޝީ ވަނީ މި އަހަރުގެ ކޭންސް ފިލްމު ފެސްޓިވަލްގެ 79 ވަނަ އެޑިޝަންގައި ވެސް އޭނާގެ ފާހަގަކޮށްލެވޭ ބޮޑު ރެޑް ކާޕެޓް ސްޓައިލް ދައްކާލައިފަ އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރީ ރަންދީޕް ހޫޑާއާ އެކު "އިންސްޕެކްޓާ އަވިނާޝް 2" ވެބް ސީރީޒްގަ އެވެ.