ނިއު ރޭޑިއަންޓް 4-1 އިން ބަލި ކޮށް މާޒިޔާ އިން އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ދިފާއު ކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ހުރިހާ ގޯލެއް ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. މާޒިޔާ މެޗުގައި ލީޑު ނެގީ 54 ވަނަ މިނިޓުގައި އޭދާން އަހުމަދު މޫސާ ޖަހައިދިން ގޯލުންނެވެ. އަދި 73 ވަނަ މިނިޓުގައި މުހައްމަދު އިލާން އިމްރާން އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ.

19 އަހަރުން ދަށުގެ ނިއުރޭޑިއަންޓް ސްކޮޑް.-- ފޮޓޯ: އެފްއޭއެމް
އޭގެ ހަ މިނިޓް ފަހުން އަހްމަދު ހަމްދާން އަޒްލީން ނިއު ރޭޑިއަންޓަށް ފަރަގު ކުޑަކޮށްދިނެވެ. ނަމަވެސް ފަހު ވަގުތު މާޒިޔާ އިން ވަނީ މެޗު ނިމުމުގެ ކުރިން ދެ ގޯލު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު 89 ވަނަ މިނިޓުގައި ނައްސާހް އިބްރާހިމް ނާސިރު ޖަހައިދިން އިރު، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރޭން ވެސް ފަހު މިނިޓްގައި މާޒިޔާގެ ފަހު ލަނޑު ޖަހައިދިނީ އަލްހާން ފައިސަލް އަމީން އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައްސާހް އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ އިލާން އެވެ. އޭނާ ވަނީ 14 ގޯލު ޖަހައިފަ އެވެ.

އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ މާޒިޔާގެ އިލާން.-- ފޮޓޯ: އެފްއޭއެމް
މިއީ މާޒިޔާ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ. މާޒިޔާ އަށް ވުރެ ގިނައިން ތަށި ހޯދާފައި ވަނީ ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އީގަލްސް އެވެ.
ޖުމްލަ ހަ ޓީމު ވާދަ ކުރި މި އަހަރުގެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ވ. ކެޔޮދޫ ރެކްރިއޭޝަން ކްލަބެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ މިދިޔަ އަހަރު ވެސް މި މަގާމް ހާސިލްކުރި މާޒިޔާގެ އިބްރާހިމް ސައީދު (ކަކާ) އެވެ. އޭނާ ވަނީ މިދިޔަ އަހަރު ވެސް މެޗަކުން ބަލި ނުވެ މާޒިޔާ އަށް ތަށި ހޯދައިދީފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނު މާޒިޔާގެ އިބްރާހިމް ސައީދު (ކަކާ).-- ފޮޓޯ: އެފްއޭއެމް
އެންމެ ފުރަތަމަ 2011 ވަނަ އަހަރު 20 އަހަރުން ދަށަށް އޮތް މުބާރާތް ކާމިޔާބު ކުރީ ވެސް ފައިނަލްގައި ނިއު ރޭޑިއަންޓް ބަލި ކޮށްގެންނެވެ. އަދި މިއީ އެއަށް ފަހު ނިއު ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އޭގެ 14 އަހަރު ފަހުން މާޒިޔާ މިދިޔަ އަހަރު ތަށި އުފުލާލީ ފައިނަލްގައި އީގަލްސް ބަލި ކޮށްފަ އެވެ. އޭގެ ކުރިން ވަނީ 2014 އާއި 2017 ވަނަ އަހަރު 21 އަހަރުން ދަށަށް އޮތް ދެ ފައިނަލްގައި އީގަލްސް އަތުން ބަލި ވެފަ އެވެ.

މި އަހަރުގެ 19 އަހަރުން ދަށުގެ ޑްރީމް ޓީމް.-- ފޮޓޯ: އެފްއޭއެމް
މުބާރާތުގެ ޑްރީމް ޓީމް:
ނިއު ރޭޑިއަންޓް:ފާއިލް އަބްދުލް ހަކީމް، އަހްމަދު ހަމްދާން އަޒަލީން، މުހައްމަދު އިޒާން އަލީ
މާޒިޔާ:ނާޝިއު އަހްމަދު ޝިހާމް، ނައްސާހް އިބްރާހިމް ނާސިރު، މުހައްމަދު އިލާން އިމްރާން، އަނޫފް އަބްދުﷲ، އައިދު މުހައްމަދު ޖަވީދު
އޮޑި:ހޫދު އަހްމަދު ފަތުހީ، އަހްމަދު އަފްނާން އަލީ، މުހައްމަދު މާއިލް މޫސާ (ގޯލްކީޕަރު)