ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތް ދީ ދަރިވަރުން 12 ދުވަހުގެ ޗުއްޓީއެއް މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހު 2 ގަ އެވެ.
މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ގަ އެވެ.

ރެހެންދީ ސްކޫލުގެ ދަރިވަރަކު ބެލެނިވެރިއަކާއެކު ރިޕޯޓުފޮތް ހިފައިގެންދަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 81،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު އެ ދަރިވަރުންނަށް ކިޔަވައިދިނުމަށް 9،950 ޓީޗަރުން ހަރަކާތްތެރިވެ އެވެ.
ޕްރައިވެޓް ސްކޫލުތަކުގައި އެލްކޭޖީން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާއިރު، އޭގެ ތެރެއިން 9،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަނީ މާލޭ ސަރަހައްދުގަ އެވެ.

ހުރަވީ ސްކޫލުގެ ދަރިވަރަކު ބެލެނިވެރިންނާއެކު ރިޕޯޓުފޮތް ބަލަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މި އަހަރު ވެސް އަތޮޅުތަކުން މާލެ އަށް 1،530 ދަރިވަރުން ބަދަލުވެފައިވާއިރު، މާލެ އިން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުވެފައިވެ އެވެ.