17 އެޕްރީލް 2017 - 09:58

ލަންޑަން (އޭޕްރިލް 17) – އާސެނަލްގެ މެސުތު އޮޒިލް އާއި އިންޓަ މިލާނުގެ އިވާން ޕެރިސިޗަށް މެންޗެސްޓާ ޔުނައިޓެޑުން ވަރަށް ބޮޑަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޑެއިލީ މިރާ އިން ބުނާ ގޮތުގައި، ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ އަންނަނީ އޭނާގެ ކޯޗުކަމުގެ ދަށުން ރެއާލް މެޑްރިޑަށް ކުޅުނު އޮޒިލް ގެންނަން މަސައްކަތްކުރަމުންނެވެ. އޮޒިލްގެ ކޮންޓްރެކްޓް ހަމަވާން ބާކީ އަހަރެއްހާ ދުވަސް އޮތުމުން މި ސީޒަނަށް ފަހު އާސެނަލުން އޭނާ ވިއްކާލުމުގެ ފުރުސަތު ބޮޑެވެ.
ޔުނައިޓެޑުން ވަނީ އެލެކްސް ފާގަސަންގެ ފަހު ސީޒަނުގައި އޭރު އާސެނަލްގެ ކެޕްޓަން ރޮބިން ވެން ޕާސީ ގެންގޮސްފަ އެވެ. ވެން ޕާސީ ވަނީ އެ ސީޒަނުގައި ޔުނައިޓެޑާ އެކު ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.
އިންޓަގެ ޕެރިސިޗަށް ޔުނައިޓެޑުން ޝައުގުވެރިވާ އިރު ޗެލްސީން ވެސް އެ މަސައްކަތްކުރަމުން އަންނަ ކަމަށް އިޓަލީގެ ގެޒެއްޓާ ޑެލޯ ސްޕޯޓްސް އިން ބުނެ އެވެ. އެކަމަކު ކްރޮއޭޝިއާގެ ވިންގާ އަށް 60 މިލިއަން ޔޫރޯ ހުށަހަޅަން ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ. ޕެރިސިޗް ވަނީ މިދިޔަ އަހަރުގެ ޔޫރޯގައި ކްރޮއޭޝިއާ ޓީމަށް މޮޅު ކުޅުމެއް ދައްކައިދީފަ އެވެ. އަދި އޭނާ އަންނަނީ އިންޓަގައި ވެސް ތަފާތު ދައްކަމުންނެވެ.
ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު ޔުވެންޓަސްގެ ލޯނެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފްރާންސުގެ ކިންގްސްލީ ކޯމަން އަށް އާސެނަލް އިން ވަރަށް ބޮޑަށް ޝައުގުވެރިވެ އެވެ. ޔުވެންޓަސްއާ 2014 ވަނަ އަހަރު ގުޅުނު ކޯމަން އަކީ ޕީއެސްޖީގެ އެކަޑަމީން ތަމްރީންވި ކުޅުންތެރިޔެކެވެ.