ކުއާޓާ ފައިނަލުގެ ފަހު ދެ މެޗުގައި ޖުމްލަ ހަތަރު ހެޓްރިކާ އެކު ކްލަބް އެމްޓީސީސީ އާއި އާރުއާރުސީ، ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

އެމްޓީސީސީ ވަނީ ރޭ ކުޅުނު ކުއާޓާގެ މެޗުގައި އެމްއޭސީއެލްއާ ވާދަކޮށް 11-3 އިން މޮޅުވެފަ އެވެ.

އެމްޓީސީސީގެ މުހައްމަދު އިސާމް މި މެޗުގައި ހަތަރު ގޯލު ޖެހިއިރު އަލީ މާއިސް (މައްޓު) އާއި އިސްމާއިލް ވަޖީހު (ވައްޖެ) ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފަ އެވެ. ދެން ގޯލު ޖެހީ އަލީ ޝިޔާހް (ޝިޔާ) އެވެ.

އެމްއޭސީއެލްގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ޖިނާހް އާއި އަޒްޔާން އިބްރާހިމް އަދި އިބްރާހިމް އިމްރާހް އެވެ.

އާރުއާރުސީގެ އަފްލާޒް، ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ކްލަބް މޯލްޑިވްސް

އާރުއާރުސީގެ އަފްލާޒް، ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ކްލަބް މޯލްޑިވްސް

އެންމެ ފަހުގެ ޗެމްޕިއަން އާރުއާރުސީ ވަނީ ރޭ 7-3 އިން ސްޓެލްކޯ އާރުސީ ބަލި ކޮށްފަ އެވެ.

މި މެޗުގައި އާރުއާރުސީގެ އިސްމާއިލް މުނީޒް ހެޓްރިކް ހެދި އިރު، ހުސެއިން ގައްސާން ލަބީބް އާއި ޝަނާން ރަޝާދު އަދި އަހުމަދު އަފްލާޒް އާއި މޮހްސެން މޮންޓަޒޭމީ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.

ސްޓެލްކޯގެ މުހައްމަދު ޝިރުހާން ދެ ލަނޑު ޖެހި އިރު އިބްރާހިމް ރިމާހް އާއި ހައިޝަމް ހަސަން (ބިޑި) ވަނީ ލަނޑެއް ޖަހައިފަ އެވެ.

ރެހެންދި ފުޓްސަލް ޓާފް ދަނޑުގައި އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައި ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެޗްޑީސީ އާއި އެސްޓީއޯ އެވެ. އަދި އަންގާރަ ދުވަހުގެ ރޭ 8:30 ގައި ބައްދަލުކުރާނީ އެމްޓިސީސީ އާއި އާރުއާރުސީ އެވެ.