ދުނިޔޭގެ ފެންވަރުގައި
ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ފެންވަރު ވަޒަންކުރާ އެންމެ މަޝްހޫރު އެއް އިދާރާ
ކަމަށްވާ ކިއުއެސް (ކުއަކުއަރެލީ ސައިމަންޑްސް)ގެ "ކިއުއެސް ސްޓާސް" ރޭޓިން ނިޒާމުގެ ދަށުން ވިލާ ކޮލެޖަށް 5
ތަރީގެ ރޭޓިންއެއް ލިބިއްޖެ އެވެ.
މިއީ ކިއުއެސް ސްޓާސް އިން ވިލާ ކޮލެޖު
ވަޒަންކުރި ދެވަނަ ފަހަރެވެ. އެ ކޮލެޖުން ވަނީ ދެ އަހަރު ދުވަހުގެ ކުރު މުއްދަތެއްގެ
ތެރޭގައި 4 ތަރިން 5 ތަރިއަށް ކޮލެޖުގެ ރޭޓިން މަތިކޮށްފަ އެވެ. މިއީ އެ ކޮލެޖަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
މި ރޭޓިން އެ ކޮލެޖުން މިއަދު ރަސްމީކޮށް އިއުލާނު ކުރީ އެ ކޮލެޖުގައި އޮތް "ވީސީ
ބްރެކްފަސްޓް" ނެޓްވޯކިން ހަރަކާތުގަ އެވެ. އެ ހަރަކާތުގައި ކިއުއެސް
ސްޓާސްގެ ނަތީޖާ އިއުލާންކޮށް، ރެކޮގްނިޝަން ސެޓްފިކެޓް ވިލާ ކޮލެޖާ ހަވާލުކުރީ ކިއުއެސް އިންޑިއާގެ ޗެއާ އަދި ވައިސް ޕްރެޒިޑެންޓް އޮފް ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް
އެންގޭޖްމަންޓް، ޑރ. އަޝްވިން ފެނާންޑޭޒް އެވެ. ވިލާ ކޮލެޖުގެ ފަރާތުން އެ ސެޓްފިކެޓާ ހަވާލުވެ ވަޑައިގަތީ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު
އަންވަރާއި ވައިސް ރެކްޓާ، އެސޯސިއޭޓް ޕްރޮފެސަރު ޑރ. އަލީ ނަޖީބެވެ.
ކިއުއެސް ސްޓާސްގެ މެތަޑޮލޮޖީގެ
ދަށުން ކުރި އޮޑިޓަށްފަހު، ވަޒަން ކުރި 9 ދާއިރާގެ ތެރެއިން މައިގަނޑު 6
ދާއިރާއަކުން ވަނީ 5 ތަރި ލިބިފަ އެވެ.
އެ ރޭޓިންގައި އެ ކޮލެޖުގެ އެކަޑަމިކް
ޑިވެލޮޕްމަންޓާއި ޑައިވަސިޓީ، އެކުއިޓީ އަދި އިންކްލޫޝަންގެ އިތުރުން،
ވިލާ ކޮލެޖުގެ މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޕްރޮގްރާމަށް 4 ތަރީގެ ރޭޓިން ވަނީ ލިބިފަ އެވެ.
މި ކާމިޔާބީއާ ގުޅޭ ގޮތުން އެކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ދުނިޔޭގެ އެންމެ އިތުބާރު ހުރި އެއް އިދާރާ ކަމަށްވާ ކިއުއެސް އިން 5 ތަރީގެ
އެންމެ މަތީ ރޭޓިން ލިބުމަކީ، ވިލާ ކޮލެޖުން ފޯރުކޮށްދޭ ތައުލީމުގެ
ފެންވަރާއި، މުއައްސަސާގެ ހިންގުން ބައިނަލްއަގުވާމީ މިންގަނޑުތަކުން
ބަލައިގަތްކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
'މިއީ އަޅުގަނޑުމެންގެ 'ޖާނީ އޮފް
އިމްޕެކްޓް' ގައި ޙާޞިލުކުރެވުނު ވަރަށް ތާރީހީ ކާމިޔާބީއެއް، އަދި މުޅި ރާއްޖޭގެ
މަތީ ތަޢުލީމީ ދާއިރާއަށްވެސް ލިބުނު ވަރަށް ބޮޑު ފަހުރެއް.' އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލާ ކޮލެޖުން ދަރިވަރުންގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން "އެލަމްނައި މެންޓަރިން އިނިޝިއޭޓިވް" ވަރަށް އަވަހަށް ތައާރަފްކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ ޕްރޮގުރާމަކީ އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި ފަންނީ އެކި ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށާއި އެ ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ، ދަސްވެނިވާ
ދަރިވަރުންނަށް ހަމައެކަނި ފަންނީ މައުލޫމާތުގެ ބަދަލުގައި، ވަޒީފާގެ އަމަލީ
މާހާއުލުގައި ބޭނުންހިފޭނެ ލީޑަޝިޕް ހުނަރާއި މުހިންމު ސޮފްޓް ސްކިލްސް ދަސްކޮށްދީ
މެންޓާ ކުރުން ކަމަށް ވިދާޅުވި އެވެ. ނަޖީބު ވިދާޅުވީ އެ ޕްރޮގުރާމަކީ ގައުމީ ތަރައްގީއަށް
ބޭނުންވާ ގާބިލު ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށެވެ.
މިއަދު އެ ކޮލެޖުގައި އޮތް ނެޓްވޯކިން ހަރަކާތުގައި ޑރ. އަޝްވިން
ފެނާންޑޭޒް ވިދާޅުވީ ވިލާ ކޮލެޖުން ހޯދި އެ ކާމިޔާބީއަކީ މުޅި ރާއްޖެއަށް ވެސް ލިބުނު ފަހުރެއް ކަމަށެވެ. އަދި ކިއުއެސް ސްޓާސް
އަކީ ހަމައެކަނި ޔުނިވާސިޓީ ރޭންކިންއެއް ނޫން ކަމަށާއި، އެއީ 50 އަށްވުރެ ގިނަ
އިންޑިކޭޓަރުގެ މައްޗަށް ބިނާކޮށް، މުއައްސަސާގެ ފެންވަރު 360 ޑިގްރީން
ވަޒަންކޮށްދޭ ފުރިހަމަ ނިޒާމެއްކަމަށް ވިދާޅުވި އެވެ.
ވިލާ ކޮލެޖަށް ކިއުއެސް ރޭޓިންގްސްގައި ލިބުނު ފަސް ތަރީގެ ރޭޓިންގެ އިތުރުން މިދިޔަ މަހު ވަނީ "ޓައިމްސް ހަޔާ އެޑިއުކޭޝަން ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭޓިންގްސް 2026" ގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މުއައްސަސާތަކާ ވާދަކޮށް ގަދަ 100 ގެ ތެރޭގައި ވެސް ހިމެނިފަ އެވެ.