ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 32 ބިދޭސީއަކު ތިލަފުށިން އިއްޔެ ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ޓާސްކު ފޯހުން ތިލަފުށީގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް އިއްޔެ ކުރިއަށް ގެންދިޔަ ކަމަށެވެ.
އެ ރެއިޑުގައި 836 ބިދޭސީއަކާ ސުވާލުކޮށް، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 32 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން މިދިޔަ މެއި މަހު ވެސް 254 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ސަރުކާރުގެ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް މީހުންނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންނާއި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް ވެސް ގާނޫނާ ގަވާއިދުގެ ތެރެއިން ރާއްޖޭގައި އުޅުމަށް ފުރުސަތު ދިނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި ގިނަ އަދަދެއްގެ މީހުން ޑީޕޯޓު ވެސް ކޮށްފައިވެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފެށީ މޭ 2024 ގަ އެވެ. އެ އޮޕަރޭޝަނުގެ ތެރެއިން 191،723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓުކޮށްފައިވެ އެވެ.