ދުވިއިރު އެޅި ކޮންމެ ފިޔަވަޅަކަށް އެހީގެ އަތެއް!
ދުވިއިރު އެޅި ކޮންމެ ފިޔަވަޅަކަށް އެހީގެ އަތެއް!

ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވެ، އަދި ކެންސަރު ތަހައްމަލުކުރަމުން އަންނަ ފަރާތްތަކާ އެކު ތިބިކަން އަންގައިދިނުމުގެ ގޮތުން، ޓީއެފްޖީގެ ޓްރެއިނަރު މުހައްމަދު ރުހާމް ކޮކާކޯލާ ލޯންގް ރަންގައި ދުވެގެން ކެންސާ ސޮސައިޓީއަށް ފައިސާ ހަދިޔާކޮށްފި އެވެ.

ދުވިއިރު އެޅި ކޮންމެ ފިޔަވަޅަކަށް އެހީގެ އަތެއް!
ދުވިއިރު އެޅި ކޮންމެ ފިޔަވަޅަކަށް އެހީގެ އަތެއް!

ހުކުރު ދުވަހު ހެނދުނު ޓީއެފްޖީން ބޭއްވި ކޮކާކޯލާ ލޯންގް ރަންގައި، ރުހާމް އޭނާ ޓްރެއިންކުރި ދުވުންތެރިޔަކާ 10 ކިލޯމީޓަރުގެ ރޭސް ފުރިހަމަކުރިއިރު އެޅި ކޮންމެ ފިޔަވަޅަކަށް 50 ލާރީގެ މަގުން ކެންސާ ސޮސައިޓީ އަށް ވަނީ އަމިއްލަ ޖީބުން މިއަދު ފައިސާގެ އެހީ ދީފަ އެވެ. ހުޅުމާލެ ވަށައި ދެ ބުރު ޖެހި މި ރޭހުގައި އޭނާ އަޅާފައިވަނީ 18،655 ފިޔަވަޅެވެ.

އޭނާ މި ފައިސާ ހަދިޔާކުރީ ކެންސަރު ބަލި ތަހައްމަލުކޮށް، ޝިފާ ލިބިފައިވާ އޭނާގެ މަންމަ އަދި ކެންސަރު ބަލީގައި ނިޔާވެފައިވާ އޭނާގެ ގާތްއެކުވެރިއެއްގެ ބައްޕަގެ ނަމުގަ އެވެ.

"އަޅުގަނޑުގެ ފަރާތުން ވިޔަސް ނުވަތަ އެހެން ގޮތަކުން ވެސް އިންސްޕަޔާވެގެން، މިފަދަ ކަންކަމަށް ވީހާ ވެސް ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށްދޭން ހިތްވަރު ދިނުން ބޭނުމަކީ،" ރުހާމް ބުންޏެވެ.

މިދިޔަ އަހަރުގެ ދިރާގު ރޯޑް ރޭހުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާ އެކު ދުވެ، އެ ފަހަރު އޭނާ ވަނީ ކެއާ ސޮސައިޓީއަށް ފައިސާ ހަދިޔާކޮށްފަ އެވެ.

"ކެންސަރު ފަދަ ބައްޔެއް ތަހައްމަލުކުރަން ޖެހުމަކީ މީހެއްގެ ހަޔާތުގައި ކުރިމަތިވާނެ އެންމެ ހިތްދަތި، އުނދަގޫ އެއް ކަންތައް. އެފަދަ ހާލަތެއްގައި ބޭނުންވާނެ އެހެން މީހުންގެ އަޅާލުމާއި އެހީތެރިކަން. އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމަކީ އެފަދަ ފަރާތްތަކާ އެކު ބަޔަކު ތިބިކަން އަންގައިދިނުން،" ރުހާމް ބުންޏެވެ.

އޭނާ ބުނީ ކުރިއަށް އޮތްތަނުގައި ވެސް މިގޮތަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދުވުން ފަދަ އަމިއްލަ ހިތްހަމަޖެހުމަށާއި ރަނގަޅު ސިއްހަތެއް ހޯދަން ކުރާ މިފަދަ ހަރަކާތްތައް މެދުވެރިކޮށް، މުޖުތަމައުގައި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން މުހިއްމުކަމަށް ދެކޭ ކަމަށް ބުންޏެވެ.

"އަޅުގަނޑަށް މި ފަހަރު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު. އެއީ ދުވަހަކު ވެސް 10 ކިލޯމީޓަރުގެ ރޭހެއް ޖެހިދާނެ ކަމަށް ހިތަށް ވެސް ނާރާ ކުއްޖަކު ޓްރެއިންކޮށްގެން އެ ކުއްޖާގެ އުއްމީދު ފުރިހަމަކޮށްދެވުން. އެއާ އެކު ބޭނުންވީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް ވެސް އަޅުގަނޑުގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދޭން،" އޭނާ ބުންޏެވެ.

ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުންނާއި ކުޅިވަރު ކްލަބް ޖަމިއްޔާތަކުން ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. އަދި ފަހަކަށް އައިސް އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ފަރާތްތައް ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ކައިވެނި ކުރި އިބްރާހިމް މޫސާ (ފޯޑް) އާއި އައިޝަތު އިޝާމާ (އިޝޫ) ވަނީ ކައިވެނީގެ ހަދިޔާގެ ގޮތުގައި ލިބުނު ހުރިހާ ފައިސާއެއް ބިއުޓިފުލް އައިސް އަށް ހަދިޔާކޮށްފަ އެވެ.